28 އެޕްރީލް 2023
ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު 13.9 ޕަސެންޓަށް ކުރިއަރައި، ކޮވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަ ވެފައިވާ ކަމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު 13.9 ޕަސެންޓަށް ކުރިއަރައި، ކޮވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަ ވެފައިވާ ކަމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ގަވަރުނަރުގެ ސްޓޭޓްމެންޓްގައި އަލީ ހާޝިމު ވިދާޅުވީ، މިދިޔަ އަހަރު ބޭރުގެ އިގްތިސާދަށް ކުރިމަތިވި، އަޑިގަނޑުތަކާ އެކު ވެސް ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަށް ޖެހުނީ، ރާއްޖޭގެ އެތެރޭގެ ވިޔަފާރި ހަރަކާތްތައް އިތުރުވެ، ޓޫރިޒަމް ދާއިރާ ކުރިއެރުމުންނެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައިވަނީ 12 ޕަސެންޓުގަ އެވެ. އިގްތިސާދު ކުރިއަރާނެ ކަމަށް މި އަހަރު ލަފާ ކުރަނީ ހަތް ޕަސެންޓުގަ އެވެ.
ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމުގެ އުންމީދު މަރުކަޒީ ބޭންކަށް އޮތް ނަމަވެސް ވޯލްޑް ބޭންކުގެ ލަފާ ތަފާތެވެ. ވޯލްޑް ބޭންކުން ދާދި ފަހުން ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ވަރު 6.6 ޕަސެންޓުން 5.6 ޕަސެންޓަށް ދަށްކޮށްފަ އެވެ.
ގަވަރުނަރު ވިދާޅުވީ، މިދިޔަ އަހަރު ޓޫރިޒަމްގެ ހަރަކާތްތައް އިތުރުވެ، އިމާރާތް ކުރުމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އަށް ވެސް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިތުރުވި އިރު، މިދިޔަ އަހަރު ވަނީ ތަކެތީގެ އަގު ވެސް ވަރަށް ބޮޑަށް އުފުލިފަ އެވެ. އާންމުންގެ ޑިމާންޑު ބޮޑުވުމުގެ ސަބަބުން އިމްޕޯޓު ކުރި މުދަތުގެ އަދަދު ވެސް އިތުރުވި އެވެ.
ރަށަކަށް ގެންދިއުމަށްޓަކައި މުދާތަކެއް ބޯޓަށް އަރުވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެމްއެމްއޭއިން ބުނިގޮތުގައި، އަގުތައް އެއް ހަމައެއްގައި ހިފަހައްޓައި އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަނިޓަރީ ޕޮލިސީތަކަށް އަންނަނީ ބަދަލު ގެންނަމުންނެވެ. ޑޮލަރުގެ ތާށިކަން ހައްލު ކުރުމަށް މަރުކަޒީ ބޭންކުން ވަނީ މިދިޔަ އަހަރު ފޯރުކޮށްދިން ޑޮލަރުގެ އަދަދު ވެސް އިތުރުކޮށްފަ އެވެ. އެމްއެމްއޭ އިން މިދިޔަ އަހަރު އެސްއޯއީ ތަކާއި ބޭންކްތަކަށް 900 މިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ވިއްކާފައި ވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 50 ޕަސެންޓުގެ އިތުރުވުމެކެވެ.
އެމްއެމްއޭ އިން ބުނީ މިދިޔަ އަހަރުގެ އިންފްލޭޝަން 2.3 ޕަސެންޓުގައި ހުރި ކަމަށެވެ. ޖީއެސްޓީ އާއި ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން މި އަހަރު ރާއްޖޭގެ އިންފްލެޝަން 5.4 ޕަސެންޓަށް އިތުރު ވާނެ ކަމަށް ބުންޏެވެ.
އިގްތިސާދަށް އުންމީދު ބޮޑު އަހަރެއްގެ ގޮތުގައި މި އަހަރު ފާހަގަކުރި ނަމަވެސް، ރާއްޖޭގެ އިގްތިސާދަށް ގޮންޖެހުންތައް ވެސް ހުރިކަން ގަވަރުނަރުގެ ބަޔާނުގައި ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ދަރަނި އިންތިހާ އަށް ބޮޑުވުމާއި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ މާލީ ދާއިރާ އަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ އަސަރު ރާއްޖެއަށް ބޮޑުވުން ހިމެނެ އެވެ.
ގަވަރުނަރު އަލީ ހާޝިމް ވަކިކޮށް، މަގާމަށް މުނައްވަރު
މައްސަލައަކީ ގަވަރުނަރެއް ނޫން، މެނޭޖްކުރަން ނޭނގުން
ރަނގަޅު ގޮތަކީ ގަވަރުނަރު އިސްތިއުފާ ދެއްވުން: ތޯރިގު
ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ކޮމިޓީން ނިންމައިފި
"މިދިޔަ ދެ އަހަރު ވެސް ދިން ލަފާތަކަށް ނުބަލާ"
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު
ގަވަރުނަރުގެ ބައްދަލުވުން ކެންސަލް ކޮށްފި
މާލީ ހާލަތު އޮޅުން ފިލުވަން ގަވަރުނަރު ހާޒިރުކުރަނީ!
މާލީ ދާއިރާ އަށް އިސްކަންދެވޭ ވަރު ކުޑަ: ގަވަރުނަރު
ބަޖެޓާ މެދު އެމްއެމްއޭގެ ބޮޑެތި ކަންބޮޑުވުންތަކެއް!