Roadha Mihaaru
އެސްޓީއޯއަށް ފުރަތަމަ ކުއާޓާގައި 368 މިލިއަން ރުފިޔާ

އެސްޓީއޯއަށް ފުރަތަމަ ކުއާޓާގައި 368 މިލިއަން ރުފިޔާ

30 އެޕްރީލް 2023

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯ އަށް 368 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯ އަށް 368 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

އެސްޓީއޯގެ އަހަރުގެ ފުރަތަމަ ކުއާޓާލީ ރިޕޯޓުގައިވާ ގޮތުން މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު 60 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ފައިދާވީ 150 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ ފަހު ކުއާޓާ އަޅާބަލާ އިރު މިއީ 37 ޕަސެންޓުގެ ކުރިއެރުމެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި ލިބުނީ 269 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯގެ ފައިދާ އިތުރުވީ، މިދިޔަ ކުއާޓާއަށް ވުރެ، އެ ކުންފުނީގެ ހަރަދުތައް ކުޑަވުމުންނެވެ. އެ ކުންފުނިން ހަރަދުތައް ހަމަޖެއްސުމަށް 237 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އޭގެ ތެރެއިން އޮފީސްތައް ހިންގުމަށް 222 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މިދިޔަ ކުއާޓާގައި އެސްޓީއޯގެ އާމްދަނީ ވަނީ 4.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ 400 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާ އިރު އާމްދަނީ ވަނީ 100 މިލިއަން ރުފިޔާ ދަށްވެފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ ތެލުގެ ވިޔަފާރިން ލިބޭ އާމްދަނީ ދަށްވުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް މިދިޔަ އަހަރު ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބި، ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ 2021 ވަނަ އަހަރުގެ އާމްދަނީ އަށް ވުރެ 80 ޕަސެންޓް އިތުރު އަދަދެކެވެ.