Roadha Mihaaru
އީ-ސިނގިރެޓުން ޒުވާނުން ދުންފަތަށް ޝައުގުވެރިކުރުވާ

އީ-ސިނގިރެޓުން ޒުވާނުން ދުންފަތަށް ޝައުގުވެރިކުރުވާ

25 ޖެނުއަރީ 2017

އީ-ސިނގިރެޓަކީ ޒުވާނުން ދުންފަތާ ދުރުކުރުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ކަމަށް ބެލެވޭނެ ހެއްކެއް ދިރާސާތަކުން ވެސް ލިބިފައި ނެތް ކަމަށާއި އެކަމަކު އެއީ ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ ޒުވާނުން އޭގެ ތެރެއަށް ޝައުގުވެރިކުރުވާ އެއްޗަކަށް ވެދާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އީ-ސިނގިރެޓަކީ ޒުވާނުން ދުންފަތާ ދުރުކުރުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ކަމަށް ބެލެވޭނެ ހެއްކެއް ދިރާސާތަކުން ވެސް ލިބިފައި ނެތް ކަމަށާއި އެކަމަކު އެއީ ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ ޒުވާނުން އޭގެ ތެރެއަށް ޝައުގުވެރިކުރުވާ އެއްޗަކަށް ވެދާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އާރްޓީއައި އިންޓަނޭޝަނަލްގެ މި ދިރާސާއަށް ފަހު ސައިންސްވެރިން ބުނީ މި ހޯދުމާ އެކު އީ-ސިނގިރޭޓާ މެދު ކަންބޮޑުވުން އިތުރުވެއްޖެ ކަމަށެވެ.

އިލެކްޓްރޯނިކް ސިނގިރެޓަކީ ދުންފަތުގެ ބަދަލުގައި، އެކި ރަހަތަކުގެ އާވި އަންނަ ގޮތަށް ހަދާފައިވާ އެއްޗެކެވެ. މިކަހަލަ ސިނގިރެޓް މާކެޓްކުރަނީ ސިއްހަތަށް "ރައްކާތެރި" އެއްޗެއްގެ ގޮތުގަ އެވެ. އަދި މިއީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވާން ބޭނުންވާ މީހުންނަށް ވެސް އެހީތެރިވެދޭ އެއްޗެއް ކަމަށް ބުނެ އެވެ.

ނަމަވެސް އީ-ސިނގިރެޓުން ސިއްހަތަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން އެހާ ފުރިހަމަ ދިރާސާތަކެއް މިހާތަނަށް ހަދައިފައެއް ނުވެ އެވެ.

ދިރާސާގައި އިސްކޮށް ހުންނެވި ލޯރެން ޑުޓްރާ ވިދާޅުވީ އީ-ސިނގިރެޓުން ގެއްލުން ނުވާ ކަމަށް އަދި އެއީ ދުންފަތާ ދުރުކޮށްދޭ އެއްޗެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމަށެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު އެމެރިކާގައި މަދުވަމުން އަންނަ އިރު އީ-ސިނގިރެޓުގެ ސަބަބުން އެކަން ބަދަލުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް ދިރާސާގައި ދީފައިވެ އެވެ.

ދިރާސާއިން އެނގުނު ގޮތުގައި އީ-ސިނގިރެޓް ބޯ ކުދިންގެ ތެރޭގައި ކުރިން ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ ކުދިން ގިނަ އެވެ. އަދި މި ކުދިން ފަހުން ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމުގެ ފުރުސަތު އެތައް ގުނައެއް ބޮޑުވެގެންދެ އެވެ.

ޑުޓްރާ ވިދާޅުވީ މި ކުދިންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާނެ ކަމަށް ކުރިން ބެލެވިފައިވާ ކުދިން ނޫން ކަމަށެވެ. އެހެންވެ، އީ-ސިނގިރެޓަކީ ދުންފަތާ ދުރުކޮށްދޭ އެއްޗަކަށް ވުރެ ދުންފަތާ ގާތްކޮށްދޭ އެއްޗެއްގެ ގޮތުގައި ދިރާސާ ޓީމުން ގަބޫލުކުރެ އެވެ.