Roadha Mihaaru
2008 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާ

ނިއު ޒީލެންޑްގައި 2008 ގެ ފަހުން އުފަންވި މީހުންނަށް އަންނަ އަހަރުން ފެށިގެން ދުންފަތް މަނާ

10 ޑިސެމްބަރ 2021

ދުންފަތާ ދެކޮޅަށް ނިއު ޒީލެންޑުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، 2008 ގެ ފަހުން އުފަންވި އެއްވެސް މީހަކަށް ސިނގިރެޓާއި ދުންފަތާ ގުޅުން ހުރި އެއްވެސް އެއްޗެއް އަންނަ އަހަރުން ފެށިގެން ވިއްކުން މަނާކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުންފަތާ ދެކޮޅަށް ނިއު ޒީލެންޑުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، 2008 ގެ ފަހުން އުފަންވި އެއްވެސް މީހަކަށް ސިނގިރެޓާއި ދުންފަތާ ގުޅުން ހުރި އެއްވެސް އެއްޗެއް އަންނަ އަހަރުން ފެށިގެން ވިއްކުން މަނާކުރަން ނިންމައިފި އެވެ.

މިކަމަކީ ނިއު ޒީލެންޑަކީ "ސްމޯކް ފްރީ" ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ މުހިއްމު ބައެކެވެ. ފަހުގެ ޖީލު ދުންފަތާ މުޅި އުމުރަށް ދުރުކުރުމަށް ތަންފީޒުކުރާ ގާނޫނާ ބެހޭ ގޮތުން އެ ގައުމުގެ ހެލްތު މިނިސްޓަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އައިޝާ ވިރާލް ވިދާޅުވީ ކަށަވަރުކުރަން ބޭނުންވާ ކަމަކީ ނިއު ޒީލެންޑްގެ މުސްތަބުލުގެ ޖީލަކީ ދުންފަތާ މުޅިން ދުރު ޖީލަކަށް ހެދުން ކަމަށެވެ.

"ދުންފަތާ ޒުވާން ޖީލު މުޅިން ދުރުކޮށް ނިއު ޒީލެންޑަކީ އެއްކޮށް ސްމޯކް ފްރީ ގައުމަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް." އައިޝާ ވިދާޅުވި އެވެ.

އެ ގައުމުން ދުންފަތާ ދެކޮޅަށް އަޅަން ނިންމި މި ފިޔަވަޅުތަށް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވެސް ވަނީ މަރުހަބާ ވިދާޅުވެފައި އެވެ.

އުޓާގޯ ޔުނިވަސިޓީގެ ޕްރޮފެސަރު ޖެނެޓް ހުކް ވިދާޅުވި ގޮތުގައި ނިއު ޒީލެންޑުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ދުންފަތާ މީހުން ދުރުވާން ވެސް ހިތްވަރު ލިބޭނެ ކަމަކަށް ވާނެ ކަމަށެވެ.

"ދުންފަތާ އެއްކޮށް ދުރުވުން ނުވަތަ ނިކޮޓިން އަށް އެޑިކްޓްވާ މާއްދާތައް ނުހިމެނޭ އުފެއްދުންތައް އިހުތިޔާރުކުރަން މި ފިޔަވަޅުތަކުގެ ސަބަބުން ބާރަކަށް ވާނެ." އޭނާ ވިދާޅުވި އެވެ.

ނިއު ޒީލެންޑްގެ އަމާޒަކީ 2025 އާ ހަމައަށް އަންނަ އިރު، އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ފަސް ޕަސެންޓަށް ދަށްކޮށް، މުސްތަގުބަލުގައި އެކަން އެއްކޮށް ނައްތާލުމެވެ. މިހާރު ނިއު ޒީލެންޑްގައި ދުންފަތުގެ އިސްތިއުމާލުކުރާ ބޮޑެތި މީހުންގެ ނިސްބަތަކީ 13 ޕަސެންޓެވެ. މީގެ 10 އަހަރު ކުރިން އެ ނިސްބަތް އުޅުނީ 18 ޕަސެންޓްގަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިއު ޒީލެންޑްގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް އެންމެ މަތީ އަދި އޭގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް އެންމެ ގިނައީ މައޯރީ ދަރިކޮޅު އާބާދީގެ ތެރޭގަ އެވެ.