Roadha Mihaaru
އަފްޣާން ޚާރިޖީ ވަޒީރު ޕާކިސްތާނަށް

އަފްޣާން، ޗައިނާ، ޕާކިސްތާނުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވަނީ

02 މެއި 2023

އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުގެ ސަރުކާރުގެ ޚާރިޖީ ވަޒީރު މައުލަވީ އާމިރް ޚާން މުއްތަގީ، ޗައިނާ އާއި ޕާކިސްތާނުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރެއްވުމަށް، ޕާކިސްތާނަށް ވަޑައިގަތުމުގެ ހުއްދަ، އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ދީފި އެވެ.

އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުގެ ސަރުކާރުގެ ޚާރިޖީ ވަޒީރު މައުލަވީ އާމިރް ޚާން މުއްތަގީ، ޗައިނާ އާއި ޕާކިސްތާނުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރެއްވުމަށް، ޕާކިސްތާނަށް ވަޑައިގަތުމުގެ ހުއްދަ، އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ދީފި އެވެ.

ތިން ގައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ބާއްވަން އިންތިޒާމުކުރި އިރު، އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ދަތުރުކުރުން މަނާކުރުމާއި މުދާ ހިފެހެއްޓުމާއި ހަތިޔާރު ވިއްކުން މަނާކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެހެންކަމުން، މި ބައްދަލުވުމުގައި ބައިވެރިވުމަށް ތާލިބާނުންގެ ޚާރިޖީ ވަޒީރު އިސްލާމް އާބާދަށް ދަތުރުކުރުމުގެ ހުއްދައަކަށް އެދި، ޕާކިސްތާނުގައި ހުންނަ އދ.ގެ އޮފީހުން ވަނީ ސަލާމަތީ މަޖިލީހުގައި އެދިފަ އެވެ.

ސަލާމަތީ މަޖިލީހުން އެކަމަށް ހުއްދަ ދިނުމާ ގުޅިގެން، މި މަހުގެ 6 ން 9 އަށް އިސްލާމް އާބާދަށް ވަޑައިގެން، ޗައިނާގެ ޚާރިޖީ ވަޒީރާއި ޕާކިސްތާނުގެ ޚާރިޖީ ވަޒީރާ އެކުގައި، ތާލިބާނުންގެ ޚާރިޖީ ވަޒީރު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ އެވެ. މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އުޒްބެކިސްތާނުގައި ބޭއްވި އެ ސަރަހައްދުގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އުޒްބެކިސްތާނަށް ދަތުރުކުރެއްވުމަށް ވެސް، ސަލާމަތީ މަޖިލީހުން ވަނީ މައުލަވީ އާމިރް ޚާން މުއްތަގީ އަށް އިސްތިސްނާ ހުއްދައެއް ދީފަ އެވެ.

މި މަހުގެ 6 ން 9 އަށް އިސްލާމް އާބާދުގައި ބާއްވާ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ، ސަރަހައްދުގެ ސުލްހަޔާއި ރައްކާތެރިކަމާއި ހަމަޖެހުމާ ގުޅޭ ގޮތުންނެވެ. މި ބައްދަލުވުމަށް ވަޑައިގަތުމަށް އަފްޣާންގެ ޚާރިޖީ ވަޒީރަށް، ސަލާމަތީ މަޖިލީހުން ހުއްދަ ދިން އިރު، އަފްޣާނިސްތާނުގެ މައްސަލަތަކާ ބެހޭ ގޮތުން، 24 ގައުމެއްގެ މަންދޫބުން އިއްޔެ ވަނީ ގަތަރުގައި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާ އެކު ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ، ތާލިބާނުންގެ ވެރިކަމުގެ ދަށުގައި އެ ގައުމުގެ އަންހެނުންނަށް ކުރިމަތިވަމުންދާ މިންތީ ތަފާތުތަކާ ބެހޭ ގޮތުންނެވެ. އަފްޣާނުގެ އަންހެނުން ސަރުކާރުގެ ވަޒީފާތަކުން ވަކިކުރުމާއި، އަންހެން ކުދިން ސްކޫލްތަކާއި ކޮލެޖްތަކަށް ދިއުން މަނާކުރުން ފަދަ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ދިނެވެ.

ނަމަވެސް މި ބައްދަލުވުމަށް ތާލިބާނުންގެ ސަރުކާރަށް ދައުވަތެއް ނުދެ އެވެ. އަފްޣާނިސްތާނުގެ ޚާރިޖިއްޔާގެ އަބްދުލްގައްހާރް ބަލްޚީ ވިދާޅުވީ އަފްޣާން ސަރުކާރުގެ ބައިވެރިވުމެއް ނެތި، އަފްޣާނިސްތާނުގެ މައްސަލަތަކާ ބެހޭ ގޮތުން ކިތަންމެ ވަރަކަށް މަޝްވަރާކުރި ނަމަވެސް، ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.

އަފްޣާނިސްތާނުގައި ކުރިން އޮތް ސަރުކާރު ވައްޓާލައި، އޮގަސްޓް 2021 ގައި ތާލިބާނުން އަފްޣާންގެ ވެރިކަމަށް އެރީ، އެ ގައުމުގައި ތިބި އެމެރިކާ އާއި އިނގިރޭސި ސިފައިން، އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ގައުމު ދޫކޮށް ފައިބައިގެން ދިއުމާ ގުޅިގެންނެވެ.