Roadha Mihaaru
ޕާކިސްތާންގެ ތާލިބާން ލީޑަރަކު މަރާލައިފި

ޕާކިސްތާންގެ ތާލިބާން ލީޑަރަކު މަރާލައިފި

12 ޖެނުއަރީ 2022

ތާލިބާން ޖަމާއަތުގެ ޕާކިސްތާނު ގޮފީގެ އިސް ވެރިއަކަށް، އަފްގާނިސްތާނުގައ ހަމަލާދީ މަރާލައިފި ކަމަށް، ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އިއްޔެ ބުނެފި އެވެ.

ތާލިބާން ޖަމާއަތުގެ ޕާކިސްތާނު ގޮފީގެ އިސް ވެރިއަކަށް، އަފްގާނިސްތާނުގައ ހަމަލާދީ މަރާލައިފި ކަމަށް، ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އިއްޔެ ބުނެފި އެވެ.

ތަހްރީކޭ ތާލިބާން ޕާކިސްތާންގެ އިސް ތަރުޖަމާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ޚާލިދު ބަލްތީ މަރައިލީ ޕާކިސްތާނާއި އަފްގާނިސްތާނު ގުޅޭ ސަރަހައްދީ ރޮނގާ ކައިރި ހިސާބަކުން އަފްގާނިސްތާނުގެ ތެރޭގަ އެވެ. އޭނާ މަރައިލީ ނުވަތަ މަރުވީ ކޮން ހާދިސާއެއްގައި ކަމެއް ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ނުބުނެ އެވެ.

ޚާލިދު ބަލްތީ މި މަރުވީ، ޕާކިސްތާނުގައި ހިންގާ ތާލިބާން ޖަމާއަތުގެ ގޮތްޕާ އެކު ޕާކިސްތާނު ސަރުކާރުން ދައްކަމުން އައި ސުލްހައިގެ ވާހަކަތައް މެދުކެނޑިފައި އޮތް ދުވަސްވަރެއްގަ އެވެ. އޭނާ މަރުވީ ޕާކިސްތާނާއި އަފްގާނިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި އޮންނަ، އަފްގާނިސްތާނުގެ ޕްރޮވިންސެއް ކަމަށްވާ ނަންގަރްހާރްގަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޚާލިދު މަރައިލީ ކޮން ބަޔަކު ކަން ނޭނގޭ ބަޔަކު ދިން ބަޑީގެ ހަމަލާތަކެއްގަ އެވެ. އެހެން ނަމަވެސް ޕާކިސްތާނު ސަރުކާރުން ވެސް އަދި އަފްގާނިސްތާނު ސަރުކާރުން ވެސް، އެކަން ހިނގައި ދިޔަ ގޮތާ މެދު ވަކި އެއްޗެއް ނުބުނެ އެވެ.

ޕާކިސްތާނުގައި ހިންގާ ތާލިބާން ޖަމާއަތުގެ ގޮފިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޚާލިދު މަރައިލި ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ދެނެގަތުމަށް އެ ޖަމާއަތުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ޚާލިދަކީ މިހާރު އެ ގޮފީގެ އެއްވެސް މަގާމެއްގައި ހުރި މީހެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ތާލިބާން ޖަމާއަތުގެ ހަރަކާތްތައް ޕާކިސްތާނުގައި އެންމެ ފުޅާވެގެން ދިޔަ ދުވަސްވަރު، އެ ޖަމާއަތުގެ ހަބަރުތަކާއި މައުލޫމާތުތައް އާންމު ކުރުމުގައި ޚާލިދު ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ޕާކިސްތާނު ސިފައިން ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް 2014 ވަނަ އަހަރު ފެށި އަސްކަރީ އޮޕަރޭޝަން ކުރިއަށް ދިޔަ ދުވަސްވަރު ވެސް، ބައިނަލްއަގުވާމީ މީޑިއާ އާއި ޕާކިސްތާނުގެ ތާލިބާން ގޮތްޕާ ދެމެދު މުއާމަލާތު ކުރަމުން ދިޔައީ ޚާލިދު މެދުވެރިކޮށެވެ.