Roadha Mihaaru
މުދަލު ޒަކާތުގެ ނިސާބު އަނެއްކާވެސް އިތުރުވެއްޖެ

މުދަލު ޒަކާތުގެ ނިސާބު އަނެއްކާވެސް އިތުރުވެއްޖެ

02 މެއި 2023

މި އަހަރު ދެވަނަ ފަހަރަށް މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރު ދެވަނަ ފަހަރަށް މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ މިނިސްޓްރީން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7،312.55ރ. ކަމަށް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

މުދަލު ޒަކާތުގެ ނިސާބު އިތުރުވި ކަމަށް މިދިޔަ ޖެނުއަރީ މަހުގައި ވެސް މިނިސްޓްރީން އިއުލާންކުރި އެވެ. އެއީ 7،062.65ރ. އެވެ. އޭގެ ކުރިން މުދަލު ޒަކާތުގެ ނިސާބަކީ 5،777.45ރ. އެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ. ޕަސެންޓްގެ ގޮތުން ބަލާ ނަމަ އެއީ 2.5 ޕަސެންޓެވެ.

ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. އަދި މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 92 މިލިއަން ރުފިޔާ ލިބުނެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު އަލަށް އެކުލަވާލައި އާންމުކުރި ފަގީރުންގެ ލިސްޓުގައި ހިމެނެނީ 9،041 މީހެކެވެ. އެއީ އެންމެ ފަހުގެ ފަގީރުން ލިސްޓާ އަޅާބަލާއިރު 2،000 މީހުން މަދު އަދަދެކެވެ.