Roadha Mihaaru
ޗާގޯސް މައްސަލާގައި ކުރީގެ ވަޒީރުންގެ ޕްރެސް އިވެންޓެއް

ޗާގޯސް މައްސަލާގައި ކުރީގެ ބަންޑާރަ ނައިބުންނާއި ވަޒީރުން ނިއުސް ކޮންފަރެންސެއް ބާއްވަނީ

02 މެއި 2023

ޗާގޯސް މައްސަލާގައި ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި ވަޒީރުންނާއި ސިޔާސީ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ނިއުސް ކޮންފަރެންސެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޗާގޯސް މައްސަލާގައި ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި ވަޒީރުންނާއި ސިޔާސީ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ނިއުސް ކޮންފަރެންސެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

މި ނިއުސް ކޮންފަރެންސް އިންތިޒާމުކުރައްވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިރޭ "މިހާރު" އަށް ވިދާޅުވީ ކުރީގެ ވަޒީރުންނާއި ބަންޑާރަ ނައިބުން އަދި އެކިއެކި ސިޔާސީ ބޭފުޅުންގެ އިތުރުން ޗާގޯސް މައްސަލާގައި ކަންބޮޑުވާ އާންމުންގެ ބައެއް މީހުން ވެސް އެ އިވެންޓުގައި ބައިވެރިވާނެ ކަމަށެވެ.

ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ ފާތިމަތު ދިޔާނާ ސައީދު އާއި އާޒިމާ ޝަކޫރާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް އެ ނިއުސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"އެ ބޭފުޅުން އިތުރުން ވެސް ވަރަށް ގިނަ ބޭފުޅުން ވަޑައިގެން، މި މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާނެ،" އޭނާ ވިދާޅުވި އެވެ.

އެ ނިއުސް ކޮންފަރެންސް އޮންނާނީ މާދަމާ ހަވީރު 4:00 ގައި މާލެ މެންހަޓަން ބިޒްނަސް ހޮޓެލްގެ ބެންކުއެޓް ހޯލުގަ އެވެ.

މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ފުށުއަރާ ބައި ބެހުމުގެ މައްސަލަ މިދިޔަ ހުކުރު ދުވަހު ވަނީ ނިންމައިފަ އެވެ. އެ މައްސަލަ ނިމުނީ ވެސް ރާއްޖޭގެ ކޮޅަށެވެ. މި މައްސަލާގައި މޮރިޝަސް އަށް ދައުވާ ނުކުވޭނެ ކަމަށް ރާއްޖޭން ބުނަމުން ދިޔަޔަސް ޗާގޯސް އަކީ މޮރިޝަސްގެ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު ލަފަޔަށް ރިއާޔަތްކޮށް ޓްރައިބިއުނަލް އިން މި މައްސަލަ ބެލީ އެވެ.

ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެ އަށް 47،232 އަކަކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. އެ ނިންމި ނިންމުމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން އިން ވަކިކުރުން ކަމަށާއި ރާއްޖެ އަކީ ބައިނަލްއަގުވާމީ އުސޫލުގެ ތެރެއިން އިން ވަކިކުރެވިފައިވާ ގައުމަކަށް މިއަދު ވެއްޖެ ކަމަށް ސަރުކާރުން ބުނެ އެވެ. ސަރުކާރުން ބުނީ މިއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ނަމަވެސް، ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މިއީ އޮޅުވާލައިގެން ކުރި ކަމެއް ކަމަށެވެ. އަދި ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށާއި އެ ކަނޑުގެ ސަރަހައްދު ރާއްޖެއަށް ލިބެން އޮއްވައި، ސަރުކާރުން މޮރިޝަސްއާ ސިއްރު ޑީލެއް ހަދައިގެން އެތަން ދޫކޮށްލީ ކަމަށް ތުހުމަތުކުރެ އެވެ.