Roadha Mihaaru
އިތުރުވާހަކައެއް ނެތް، މިއީ މާޒިޔާ މޮޅަށްކުޅުނު މެޗެއް

އިތުރު ވާހަކައެއް ނެތް، މިއީ މާޒިޔާ މޮޅަށް ކުޅުނު މެޗެއް: އިވާން

03 މެއި 2023

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ރޭ 2-0 އިން ކްލަބް އީގަލްސް ބަލިކުރި މެޗުގައި މާޒިޔާގެ ކުޅުންތެރިން ދެއްކި ކުޅުމަށް ކޯޗު އިވާން ކޮލޭވް ތައުރީފް ކޮށްފި އެވެ.

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ރޭ 2-0 އިން ކްލަބް އީގަލްސް ބަލިކުރި މެޗުގައި މާޒިޔާގެ ކުޅުންތެރިން ދެއްކި ކުޅުމަށް ކޯޗު އިވާން ކޮލޭވް ތައުރީފް ކޮށްފި އެވެ.

"ފުރަތަމަ ކަމަކަށް އަހަރެން ބޭނުމީ ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔައި އެ ކުޅުންތެރިންނަށް ޝުކުރު އަދާކުރަން. އެއީ މިރޭ ކުޅުންތެރިންގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިގެންދިޔަ. އަހަރެންނަށް ހިޔެއް ނުވޭ ކުޅުމާ މެދު އިތުރު އެއްޗެއް ބުނަން ޖެހޭ ކަމަކަށް،" މެޗަށް ފަހު ކޯޗު އިވާން ބުންޏެވެ.

"މެޗު ކޮންޓްރޯލް ކޮށްގެން ގޯލު ޖަހަން ރަނގަޅު ފުރުސަތުތައް ތަނަވަސް ކުރި. މޮޅުވީ 2-0 އިން. މިއީ ވަރަށް ރަނގަޅު ސްކޯއެއް. ވަރަށް އުފާވެއްޖެ."

މާޒިޔާ އަށް ދެ ގޯލު ވެސް ޖަހައިދިނީ އާއްމުކޮށް މިޑްފީލްޑުގައި ޑިފެންސިވް ރޯލެއް އަދާކުރާ އިބްރާހިމް އައިސަމް އެވެ. ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އެއްކޮށް ފިޓް ނޫނަސް އޭނާ ވެސް ވަނީ ޑިފެންސުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިވާން ވަނީ ދެ ކުޅުންތެރިންގެ ކުޅުމަށް ވެސް ތައުރީފް ކޮށްފަ އެވެ.

މާޒިޔާގެ ކެޕްޓަން ސަމުއްޓެ ޕްރެޒިޑެންޓްސް ކަޕް ތަށި ހިފައިގެން.-- ފޮޓޯ؛ ފަޔާޒް މޫސާ/ މިހާރު

މާޒިޔާގެ ކެޕްޓަން ސަމުއްޓެ ޕްރެޒިޑެންޓްސް ކަޕް ތަށި ހިފައިގެން.-- ފޮޓޯ؛ ފަޔާޒް މޫސާ/ މިހާރު

"އައިސަމް އަކީ ވަރަށް ރަނގަޅު ކުޅުންތެރިއެއް. އަހަރެންނަށް ހިއެއް ނުވޭ ގިނަ ޕޮޒިޝަންތަކަކަށް ކުޅުމަކީ އޭނާއަށް މައްސަލައަކަށް ވާނެހެނެއް. އަހަރެމެންގެ މިޑްފީލްޑުގައި މާ އޮފެންސިވް ކުޅުންތެރިން ނެތް ކަމަކު އައިސަމް މިވަނީ އެ މަގާމުގައި ތަފާތު ދައްކައިފައި. އޭނާގެ ޓަސްކް އޭނާ ވަރަށް ފުރިހަމައަށް އަދާކޮށްފި،" އިވާން ބުންޏެވެ.

"ސަމުއްޓެ އަކީ ވެސް ވަރަށް ރަނގަޅު ފެންވަރުގެ ކުޅުންތެރިއެއް. ރާއްޖޭގެ ލެވެލްގައި ތަފާތު ކުޅުންތެރިއެއް އެއީ. ބޭނުންވި ލެވެލްގައި މެޗަށް ހޭނެން އޭނާއަށް 10 ނޫނީ 15 ވަރަކަށް މިނިޓު އޭނާއަށް ބޭނުންވި. އޭނާގެ ކުޅުމާ މެދު އަހަރެން ވަރަށް ހިތްހަމަޖެހިފައި މި ހުރީ. އޭނާ 100 ޕަސެންޓް ފިޓެއް ނޫން. އެކަމަކު ދަނޑުމަތީގައި ކުރަން ޖެހޭ ކަންކަން އެނގޭ، ޓީމަށް ފައިދާހުރި ކުޅުމެއް ދައްކަން އެނގޭ ކުޅުންތެރިއެއް އޭނާއަކީ."

މިއީ މާޒިޔާ ޕްރެޒިޑެންޓްސް ކަޕް މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ތަށި ނެގީ 2015 ވަނަ އަހަރު އައްޑޫގައި ކުޅުނު ފައިނަލް މެޗުގައި ނިއު ރޭޑިއަންޓް ބަލިކޮށްފަ އެވެ. އޭގެ ކުރިން 2013 ވަނަ އަހަރު އަލަށް މުބާރާތުގެ ފައިނަލްގައި ވާދަކޮށް ވަނީ ނިއު ރޭޑިއަންޓް އަތުން ބަލިވެފަ އެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ވެސް މާޒިޔާ ވާދަކުރި އެވެ. މިދިޔަ އަހަރު ރ. އަލިފުށީގައި ކުޅުނު ފައިނަލުން މާޒިޔާ ބަލިވީ ކްލަބް ވެލެންސިއާ އަތުންނެވެ.

ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށް ފަހު މާޒިޔާގެ ކުޅުންތެރިން ކޯޗު އިވާން އުފުލާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށް ފަހު މާޒިޔާގެ ކުޅުންތެރިން ކޯޗު އިވާން އުފުލާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޕްރެޒިޑެންޓްސް ކަޕަކީ މި ސީޒަންގައި މާޒިޔާގެ ދެވަނަ ކާމިޔާބީ އެވެ. މާޒިޔާ ވަނީ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ޝީލްޑް މެޗުގައި ވެސް ވާދަކުރީ އީގަލްސްއާ ދެކޮލަށެވެ. އެ މެޗު މާޒިޔާ ކާމިޔާބު ކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ޝީލްޑް މެޗަށް ފަހު މި މުބާރާތުގެ ގުރޫޕް ސްޓޭޖު ނިމުނީ މާޒިޔާއިން އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. ފުރަތަމަ މެޗުގައި 2-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރެވުނަސް ދެވަނަ މެޗުގައި ވަނީ މި ސީޒަންގައި އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ބުރު ސްޕޯޓްސް ކްލަބް އަތުން 1-0 އިން ބަލިވެފަ އެވެ. ނަމަވެސް ގޯލުގެ ތަފާތުން އެޓީމު ވަނީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީގެ ފުރުސަތު ހޯދައިފަ އެވެ. ފައިނަލަށް އައީ ސެމީ ފައިނަލްގައި 8-0 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފަ އެވެ.

ކޯޗު ބުނީ މާޒިޔާ އަންނަނީ މެޗަކަށް ފަހު މެޗެއްގައި ކުރިއެރުން ހޯދަމުން ކަމަށާއި، އޭގެ ހެއްކަކަށް ރޭގެ ފައިނަލް މެޗު ފުދޭ ކަމަށެވެ.

"އަހަރެމެން އައީ ކޮންމެ މެޗަކުން ވެސް ކުރިއެރުން ހޯދަމުން. އަހަރެމެންގެ ޓާގެޓަކީ ކޮންމެ ޓްރޭނިންއަކާއި ކޮންމެ މެޗަކުން ޑިވެލޮޕް ކުރުން. އެގޮތަށް ކުރިއަށް ދާން ބޭނުމީ. ފައިނަލް މެޗަކީ ކުރިއެރުންތަކެއް ހޯދައިފި ކަމުގެ ހެއްކެއް،" އިވާން ބުންޏެވެ.

"ފެށި އިރު ވެސް ބުނިން މައްސަލަތަކެއް އެބަ ހުއްޓޭ. އަނިޔާގައި ތިބި ކުޅުންތެރިންނާއި އެހެނިހެން އުނދަގޫތައް ހުރިކަން ހާމަ ކުރިން. އެ ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރިތަން މިރޭގެ ފައިނަލުން ފެނުނު."

މި މުބާރާތަށް ފަހު ދިވެހި ޕްރިމިއާ ލީގު ފެށެން ގާތްވެފައި ވާއިރު އިވާން ބުނީ ލީގާ މެދު އެއްޗެއް ބުނަން އަދި އަވަސް ކަމަށާއި، ލީގާ މެދު ކޮމެންޓެއް ކުރަން އެނގޭނީ ހުރިހާ ޓީމަކާ ދެކޮޅަށް ކުޅެލެވިގެން ކަމަށެވެ.