Roadha Mihaaru
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް އަންގާރަ ދުވަހުގެ ރޭ

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު އަންގާރަ ދުވަހުގެ ރެއަށް ފަސްކޮށްފި

29 އެޕްރީލް 2023

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު، އަންނަ އަންގާރަ ދުވަހުގެ ރެ އަށް ފަސްކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު، އަންނަ އަންގާރަ ދުވަހުގެ ރެ އަށް ފަސްކޮށްފި އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބް އީގަލްސްގެ އެ ފައިނަލް މެޗު ކުޅެން ކުރިން ތާވަލުކުރީ މާދަމާ ރެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، ފައިނަލް ކުޅޭ ތާރީހަށް ބަދަލު ގެނައީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފައިނަލް މެޗުގައި ބައިވެރިވެވަޑައިގެންނެވޭ ތާރީހެއްގައި މެޗު ބާއްވަން ބޭނުންވާތީ ކަމަށެވެ.

އެހެންވެ، ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ 9:00 ގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ މި ޝަރަފްވެރި މުބާރާތުގެ ފައިނަލެއްގައި ރައީސަކު ބައިވެރިވެވަޑައިގެން އެންމެ ފަހުން ޝަރަފުވެރި ކޮށްދެއްވާފައި ވަނީ 2016 ވަނަ އަހަރު އެވެ. އެ އަހަރު ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ފުރަތަމަ ފަހަރަށް ކްލަބް އީގަލްސް އިން ޗެމްޕިއަންކަން ހޯދުމުން އެ ޓީމަށް ޓްރޮފީ ހަވާލް ކޮށްދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

އޭގެ ފަހުން ޕްރެޒިޑެންޓްސް ކަޕް ބާއްވާފައި ވަނީ ދެ ފަހަރެވެ. ޖެހިގެން އައި 2017 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ތަށި ހަވާލު ކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބު، ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ. މިދިޔަ އަހަރު ރ. އަލިފުށީގައި ބޭއްވި ފައިނަލް މެޗުގެ ޓްރޮފީ ކްލަބް ވެލެންސިއާއާ ހަވާލު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިއީ އީގަލްސް، ޕްރެޒިޑެންޓްސް ކަޕް ފައިނަލް ކުޅޭ ތިންވަނަ ފަހަރެވެ. ޓީސީ ބަލިކޮށް 2016 ވަނަ އަހަރު ތަށި އުފުލާލުމުގެ ކުރިން 2014 ވަނަ އަހަރު ވަނީ ފައިނަލްގައި ނިއު ރޭޑިއަންޓް އަތުން ބަލިވެފަ އެވެ.

މިދިޔަ އަހަރުގެ ފައިނަލް ވެސް ކުޅުނު މާޒިޔާ ވެސް ވަނީ އެއް ފަހަރު މުބާރާތުގެ ތަށި ހޯދައިފަ އެވެ. އެއީ 2015 ވަނަ އަހަރު އައްޑޫގައި ކުޅުނު ފައިނަލްގައި ނިއު ރޭޑިއަންޓް ބަލިކޮށްފަ އެވެ. އޭގެ ކުރިން 2013 ވަނަ އަހަރު ވަނީ ނިއު ރޭޑިއަންޓް އަތުން ފައިނަލްގައި ބަލިވެފަ އެވެ. މިއީ މާޒިޔާ ވާދަކުރާ ހަތަރުވަނަ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލެވެ.

މި އަހަރުގެ ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ވެސް ކުޅުނީ މާޒިޔާ އާއި އީގަލްސް އެވެ. އެ މެޗު 2-1 އިން ކާމިޔާބު ކުރީ މާޒިޔާ އެވެ.

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ހަ ޓީމެއް ވާދަ ކޮށްފައިވާއިރު، މުބާރާތް އޮތީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. މާޒިޔާ އާއި އީގަލްސް ވެސް ވަނީ ވާދަކުރި ގުރޫޕުން އެއްވަނަ ހޯދައިފަ އެވެ. މާޒިޔާ އެއް މެޗުން ބަލިވި ނަމަވެސް އީގަލްސް ފައިނަލާ ހަމައަށް އައީ ހުރިހާ މެޗަކުން މޮޅު ވެގެންނެވެ.

ސެމީ ފައިނަލްގައި މާޒިޔާ ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފަ އެވެ. އީގަލްސް ވަނީ މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ބުރު ސްޕޯޓްސް ކްލަބް އިތުރު ވަގުތު ކުޅެގެން ބަލި ކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގައި މާޒިޔާ ބަލިވީ ބުރު ސްޕޯޓްސް އަތުންނެވެ.