Roadha Mihaaru
މިއީ ތާލިބާނުންނާ މުއާމަލާތުކުރެވޭ ފަދަ ވަގުތެއް ނޫން

މިއީ ތާލިބާނުންނާ މުއާމަލާތުކުރެވޭ ފަދަ ވަގުތެއް ނޫން: ގުޓަރޭސް

03 މެއި 2023

އަފްޣާނިސްތާނުގެ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ބައްދަލުވުން، އަފްޣާނުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތި، އިއްޔެ ނިންމާލައިފި އެވެ.

އަފްޣާނިސްތާނުގެ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ބައްދަލުވުން، އަފްޣާނުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތި، އިއްޔެ ނިންމާލައިފި އެވެ.

ދެ ދުވަހަށް ބޭއްވި ސިއްރު ބައްދަލުވުން ނިންމައިލުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ މިއީ އޭނާ ތާލިބާނުންނާ އެކުގައި ސީދާ މުއާމަލާތުތަކެއް ކުރުމަށް އެންމެ އެކަށޭނަ ވަގުތު ނޫން ކަމަށެވެ. އަދި މި ބައްދަލުވުމަކީ، ތާލިބާނުންގެ ސަރުކާރު ގަބޫލުކުރުމަށް ބޭއްވި ބައްދަލުވުމެއް ނޫން ކަމަށާއި، ބައްދަލުވުމުގެ މަގްސަދަކީ، އަފްޣާނިސްތާނުގެ މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުމުގެ ބައްދަލުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި މިފަދަ އިތުރު ބައްދަލުވުންތައް ވެސް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ވެސް ގުޓަރޭސް ވިދާޅުވި އެވެ. ޖުމްލަ 20 ގައުމުގެ މަންދޫބުން ބައިވެރިވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ، އަފްޣާނިސްތާނުގެ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދިރިއުޅުމުގެ ދަތިތަކާއި، އެ ގައުމުގެ އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާ ބެހޭ ގޮތުންނެވެ.

ނިންމުމުގެ ޖަލްސާގައި ގުޓަރޭސް ވަނީ ތާލިބާނުންގެ ސަރުކާރުން އެ ގައުމުގެ އަންހެނުންނާ މެދު މުއާމަލާތުކުރާ އިހާނެތި ގޮތްތައް ކުށްވެރިކޮށް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން ބޭނުންވަނީ، އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކާ ދެކޮޅަށް އިންތިޒާމީ ގޮތެއްގައި ހިންގަމުން އެދާ ނާތަހުޒީބު އަމަލުތަކުގެ ކުރިމަތީގައި އަޑު ނުއުފުލައި ނުތިބޭނަމޭ. އެތައް މިލިއަން އަންހެނުންނާއި އަންހެން ކުދިން ބަހެއް ބުނިޔަ ނުދީ ދޫ ބަންދުކުރުވައިގެން އަދި ލޯމަތިން އެމީހުން ގެއްލުވާލައިގެން އުޅޭއިރު، އަޅުގަނޑުމެން އަބަދުވެސް އެމީހުންގެ ދިފާއުގައި ވާހަކަ ދައްކަން،" ގުޓަރޭސް ވިދާޅުވި އެވެ.

އަފްޣާނިސްތާނުގައި ކުރިން އޮތް ސަރުކާރު ވައްޓާލައި، އޮގަސްޓް 2021 ގައި ތާލިބާނުން އަފްޣާންގެ ވެރިކަމަށް އެރީ، އެ ގައުމުގައި ތިބި އެމެރިކާ އާއި އިނގިރޭސި ސިފައިން، އެމެރިކާ ސަރުކާރާއި ތާލިބާނުންނާ ދެމެދު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން، އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ގައުމު ދޫކޮށް ފައިބައިގެން ދިއުމުންނެވެ.

ތާލިބާނުންނަށް އަފްޣާނިސްތާނުގެ ވެރިކަން ލިބުމާއެކު، އެ ގައުމުގެ ސަރުކާރުގެ ވަޒީފާތަކުގައި ތިބި ހުރިހާ އަންހެނުން ވަޒީފާއިން ވަކިކޮށް، ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި އަންހެނުން ވަޒީފާ އަދާކުރުން މަނާކުރި އެވެ. އަދި ސްކޫލްތަކާއި ޔުނިވަސިޓީތަކުގައި އަންހެން ކުދިންނަށް ކިޔަވައިދިނުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

އަފްޣާނިސްތާނުގެ ވެރިކަން ލިބުމާއެކު، ތާލިބާނުން އެ ގައުމުގެ އިންސާނީ ހައްގުތަކަށް އަރައިގަންނަން ފެށުމާ އެކު، އެމެރިކާ އިން ވަނީ އަފްޣާނިސްތާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ތެރޭގައި ތާލިބާން ސަރުކާރުގެ އެންމެހައި ވަޒީރުން އެ ގައުމުން ބޭރަށް ދަތުރުކުރުމާއި އެމީހުންގެ މުދަލާއި ފައިސާތައް ހިފެހެއްޓުން ހިމެނެ އެވެ.