Roadha Mihaaru
ގުރްއާން ގެންގުޅޭތީ އުއިގާ މުސްލިމުން ހަރުކަށި

ގުރްއާން ގެންގުޅޭތީ އުއިގާ މުސްލިމުންނަކީ ހަރުކަށި ބައެއް

04 މެއި 2023

އުއިގާ ދަރިކޮޅުގެ މުސްލިމުންނަކީ ކީރިތި ގުރްއާން ކިޔަވައި އެ ފޮތް ގެންގުޅޭ ބަޔަކަށް ވާތީ، އެ މީހުންނަކީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ބައެއް ކަމަށް ޗައިނާ ސަރުކާރުން ކަނޑައަޅައިފި އެވެ.

އުއިގާ ދަރިކޮޅުގެ މުސްލިމުންނަކީ ކީރިތި ގުރްއާން ކިޔަވައި އެ ފޮތް ގެންގުޅޭ ބަޔަކަށް ވާތީ، އެ މީހުންނަކީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ބައެއް ކަމަށް ޗައިނާ ސަރުކާރުން ކަނޑައަޅައިފި އެވެ.

ހިއުމަން ރައިޓްސް ވޮޗްގެ ފަރާތުން ކުރި ފޮރެންސިކް ތަހުގީގުތަކަކަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، އުއިގާ ދަރިކޮޅުގެ މުސްލިމުންގެ ފޯނުތައް ޗައިނާ ސަރުކާރުގެ ފަރާތުން ބަލައި ފާސްކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި އެ ފޯނުތަކުން ފެނުނު 50000 އަށް ވުރެ ގިނަ މަލްޓިމީޑިއާ ފައިލްތަކުގައި ހުރި އެއްޗިއްސާ ގުޅޭ ގޮތުން ޗައިނާ ސަރުކާރުން ތަހުގީގުތައް ކުރަމުން އަންނަ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

އެ ގޮތުން، އުއިގާ ދަރިކޮޅުގެ މުސްލިމުންގެ ފޯނުތަކުގައި ކީރިތި ގުރްއާންގެ އެޕްލިކޭޝަންތަކާއި ގުރްއާންގެ އާޔަތްތަކާއި ހަދީސް ހިމެނޭ ލިޔުންތައް ހުރުމުން، އެއީ ހައްދުފަހަނަޅައިފާ ހަރުކަށި ފިކުރުގެ އެއްޗެހި ކަމަށް ބަލައި ޗައިނާ ސަރުކާރުން އަންނަނީ އެފަދަ ފޯނު ގެންގުޅުނު މީހުންގެ ތަހުގީގުތައް ކުރަމުންނެވެ. ހަރުކަށިކަމާއި ޓެރަރިޒަމަށް ހިތްވަރު ލިއްބައިދޭ ތަކެތީގެ ގޮތުގައި ޗައިނާ ސަރުކާރުން ކަނޑައަޅާފައިވާ އެއްޗެހީގެ ތެރޭގައި، ކީރިތި ގުރްއާނުގެ އިތުރުން، ހަރުކަށި އަމަލުތައް ފެންނަ ވީޑިއޯ، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން އުފައްދާފައި ހުންނަ ވީޑިއޯ އާއި އޯޑިއޯ، އުއިގާ ދަރިކޮޅުގެ ހައްގުގައި ވަކާލާތުކުރާ އަމިއްލަ ޖަމާއަތްތަކުގެ ލިޔުންތައް ހިމެނެ އެވެ.

މީގެ އިތުރުން 1989 ވަނަ އަހަރު ޗައިނާގެ ޓިއަނަމަން މައިދާނުގައި ޗައިނާ ސިފައިން ހިންގި ގަތުލު އާންމާ ގުޅޭ ލިޔުންތަކާއި ފޮޓޯތައް ހިމެނޭ ފައިލްތަކަކީ ވެސް، ހަރުކަށިކަމަށް ހިތްވަރުދޭ އެއްޗެހީގެ ގޮތުގައި، ޗައިނާ ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ އިތުރުން ޗައިނާ ސަރުކާރުން އެންމެ ގިނައިން ތަހުގީގު ކުރަމުން އަންނަނީ، އުއިގާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން، އެމީހުންގެ މޮބައިލް ފޯނުގައި ކީރިތި ގުރްއާނުގެ އެޕްލިކޭޝަންތަކާއި މަދަހަ އާއި ދީނީ ލިޔުންތައް ފެނިފައިވާ މީހުންގެ މައްސަލަތަކެވެ.

އުއިގާ ދަރިކޮޅުގެ މީހުން އެންމެ ގިނައިން ދިރިއުޅެނީ ޗައިނާގެ ހުޅަނގު އުތުރުގައި އޮންނަ ޒިންގްޖިއާން ސަރަހައްދުގަ އެވެ. ހިއުމަން ރައިޓްސް ވޮޗްގެ ފަރާތުން ނެރުނު ރިޕޯޓްގައި ހުރި ވާހަކަތައް ބިނާކޮށްފައިވަނީ، 2019 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ނޫހެއްގައި ލީކްކޮށްލާފައިވާ، ޒިންގްޖިއާން ސަރަހައްދުގެ ފުލުހުންގެ އިދާރާގެ ރަސްމީ މައުލޫމާތުތަކެކެވެ. އެ ނޫހުން ވެސް އާންމުކޮށްފައިވަނީ އޭގައި ހުރި ބައެއް މައުލޫމާތެވެ.

ޒިންގްޖިއާންގައި ދިރިއުޅޭ އެންމެން، ޖިންގްވަންގް ވެއިޝީ ކިޔާ މޮބައިލް އެޕްލިކޭޝަނެއް ކޮންމެ މީހެއްގެ ފޯނަށް އިންސްޓޯލް ކުރުމަށް ޗައިނާ ފުލުހުން ވަނީ އަންގައިފަ އެވެ. މި އެޕްލިކޭޝަން ފޯނަކަށް އިންސްޓޯލް ކޮށްފި ނަމަ، އެ ފޯނެއްގައި ހުރި ހުރިހާ ފައިލްތަކާއި ފޮޓޯތައް ޗައިނާ ފުލުހުންނަށް ފެންނާނެ އެވެ. އޭގެ އިތުރުން ޒިންގްޖިއާން އަށް ޒިޔާރަތް ކުރާ ކޮންމެ މީހަކު ވެސް، ހަމަ އެފަދަ އެހެން އެޕްލިކޭޝަނެއް ކަމަށްވާ ފެންގްސާއީ އިންސްޓޯލްކުރުމަށް ވެސް ފުލުހުން ވަނީ އަންގައިފަ އެވެ.