Roadha Mihaaru
ވީގޫރު މުސްލިމުންނަށް އަނިޔާވެރިއެއް ނުވަން: ޗައިނާ

ވީގޫރު މުސްލިމުންނަށް އަނިޔާވެރި ނުވާ ކަމަށް ޗައިނާ އިން ބުނެފި

08 މާޗް 2021

ބެއިޖިން (މާޗް 8) - ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ގަތުލްއާއްމެއް ހިންގާ ކަމަށް ކުރާ ތުހުމަތު ޗައިނާގެ ޚާރިޖީ ވަޒީރު ވަން ޔީ ދޮގު ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (މާޗް 8) - ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ގަތުލްއާއްމެއް ހިންގާ ކަމަށް ކުރާ ތުހުމަތު ޗައިނާގެ ޚާރިޖީ ވަޒީރު ވަން ޔީ ދޮގު ކުރައްވައިފި އެވެ.

އަހަރަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަންގް ވިދާޅުވީ ޗައިނާގެ ޝިންޖިއާންގައި ކަންހިނގާ ގޮތަށް ވުރެ ބޮޑަށް ހަގީގަތް އޮޅުވާލައި ދޮގު ވާހަކަތައް ފަތުރާ ކަމަށެވެ. އަދި ހުޅަނގުގެ ސިޔާސީ ފަރާތްތަކުން ދަނީ އެ ވާހަކަތައް ގަބޫލް ކުރަމުން ކަމަށް ވެސް ވިދާޅުވި އެވެ.

ވީގޫރު މުސްލިމުންނާ މެދު ޗައިނާ އިން ކަންތައް ކުރަމުންދާ ގޮތް ވަރަށް ގިނަ ގައުމުތަކުން ދަނީ ކުށްވެރި ކުރަމުންނެވެ. ވީގޫރު މުސްލިމުންނާ މެދު ޗައިނާ އިން ކަންކުރާ ގޮތް އެމެރިކާ އިން ސިފަކޮށްފައި ވަނީ ގަތުލްއާއްމެއްގެ ގޮތުގަ އެވެ. ޝިންޖިއާން ޕްރޮވިންސްގައި ވީގޫރު މުސްލިމުން އިސްލާހު ކުރަން ކަމަށް ބުނެ ޗައިނާ އިން އެ މީހުން ބަންދުކޮށް އަނިޔާދޭ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އދ. އިން އަންދާޒާކޮށްފައިވާ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ މުސްލިމުން ވަނީ ކޭމްޕްތަކުގައި ބަންދުކޮށްފަ އެވެ. ވީގޫރު މުސްލިމް ދަރިކޮޅު ނައްތާލަން ޗައިނާ އިން ތަފާތު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

ވީގޫރު މުސްލިމުން ރޭޕްކޮށް ތަފާތު އަނިޔާ ދޭ ކަމަށް ބީބީސީގެ ތަހުގީގު ރިޕޯޓަކުން ވެސް ވަނީ ހާމަވެފަ އެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވަނީ ޝިންޖިއާންއާ މެދު ކުރާ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އަދި އެ ސިޓީގައި ކަން ހިންގާ ގޮތެ ބެލުމަށް އެ ސަރަހައްދަށް ޒިޔާރަތް ކުރުމަށް އޭނާ ދައުވަތު ދެއްވި އެވެ.

"ޝިންޖިއާންގައި ގަތުލްއާއްމު ހިންގާ ކަމަށް ބުނުމަކީ މޮޔަ ވާހަކައެއް،" އޭނާ ވިދާޅުވި އެވެ.

ޝިންޖިއާންގައި ގަތުލްއާއްމު ހިންގަމުންދާ ކަމަށް އެމެރިކާ އިން ޖެނުއަރީ މަހު ވަނީ ތުހުމަތުކޮށްފަ އެވެ.

ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ތެރޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަންގް ޔީ ވަނީ ޑިޕްލޮމެޓިކް އެހެން މައްސަލަތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އޭގެ ތެރޭގައި ހޮން ކޮންގުގެ އިންތިޚާބީ ގާނޫނަށް ޗައިނާ އިން ގެނައި އިސްލާހާއި މިއަންމާގެ މައްސަލަ ހިމެނެ އެވެ.