Roadha Mihaaru
ސަސްޕެންޝަނާ ގުޅިގެން މެސީ މާފަށް އެދެފި

ސަސްޕެންޝަނާ ގުޅިގެން މެސީ މާފަށް އެދެފި

06 މެއި 2023

ޕެރިސް (މެއި 6) - ހުއްދަ ނުލިބި ސައުދީ އަރަބިއްޔާއަށް ކުރި ދަތުރާ ގުޅިގެން ޕީއެސްޖީން މެސީ އަށް ދިން އަދަބާ ގުޅިގެން އޭނާ މާފަށް އެދިއްޖެ އެވެ.

ޕެރިސް (މެއި 6) - ހުއްދަ ނުލިބި ސައުދީ އަރަބިއްޔާއަށް ކުރި ދަތުރާ ގުޅިގެން ޕީއެސްޖީން މެސީ އަށް ދިން އަދަބާ ގުޅިގެން އޭނާ މާފަށް އެދިއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ ޓޫރިޒަމް އެމްބެސެޑަރެއް ކަމަށްވާ މެސީ، ކޮމާޝަލް ދަތުރެއްގައި ސައުދީ އަށް ދިޔަ މައްސަލައިގައި ޕީއެސްޖީ އިން ވަނީ ދެ ހަފްތާގެ މުއްދަތަށް އޭނާ ސަސްޕެންޑް ކޮށްފަ އެވެ. މިއާ ގުޅިގެން ޕީއެސްޖީން ލީގުގައި ދެން އެންމެ އަވަހަށް ކުޅޭ ދެ މެޗު ކަމަށްވާ ޓްރޯޔެސް އާއި އަޖޭސިއޯ އާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

ކުލަބާއި ޓީމް މޭޓުންގެ ކިބައިން މާފަށް އެދެމުން މެސީގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ވީޑިއޯ ކްލިޕެއްގައި ވާހަކަ ދައްކަމުން ބުނީ، ލީގުގައި އެންމެ ފަހުން ކުޅުނު މެޗަށް ފަހު އެއް ދުވަސް އޮފް ލިބޭނެ ކަމަށް ހީކުރެވުނު ކަމަށާއި، ސައުދީ އަށް ދިޔައީ އެ ދަތުރު ކެންސަލް ކޮށްލެވެން ނެތުމުން ކަމަށެވެ. އަދި އޭގެ ކުރިން ވެސް ސައުދީ އަށް ކުރަން އޮތް ކޮމާޝަލް ދަތުރެއް ކެންސަލް ކޮށްފައި ވާނެކަމަށް މެސީ ބުނެފައި ވެއެވެ.

"އެންމެ ފުރަތަމަ އަހަރެން އަދިވެސް އެއްފަހަރުމާފަށް އެދެން ކްލަބާއި ޓިމްމޭޓުންގެ ކިބައިން. އަހަރެންނަށް ހަގީގަތުގައި ވެސް ހީކުރެވުނީ އާދައިގެ މަތިން މެޗަށް ފަހު އެއް ދުވަސް އޮފް ލިބޭނެ ކަމަށް. މި ދަތުރ އަހަރެންނަށް ކެންސަލް ކޮށްލެވޭކަށް ވެސް ނެތް، މިކީ ކުރިން އަހަރެންނަށް ނުދެވިގެން ކެންސަލް ކޮށްލަން ޖެހުނު ދަތުރެއް،" ވީޑިއޯ ކްލިޕްގައި މެސީ ބުނެފައި ވެއެވެ.

"ޓީމުގެ ކުުންތެރިންގެ ކިބައިން އަހަރެން މާފަށް އެދެން. އަހަރެން މި މަޑުކުރަނީ ކްލަބުން އަހަރެންނަށް އިތުރަށް އަޅާނެ ފިޔަވަޅަކަށް."

ސަސްޕެންޝަނާ އެކު މެސީ، 35، އަށް ޕީއެސްޖީއާ އެކު ކުޅުމުގެ ފުރުސަތު އޮތީ ލީގުގެ ފަހު ތިން މެޗުގަ އެވެ. އަދި މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލަން ވެސް މެސީ ނިންމާފައި ވާއިރު، ޕީއެސްޖީގެ ސަޕޯޓަރުން ވަނީ މެސީއާ ދެކޮޅަށް އަޑުއުފުލައި، ކްލަބްގެ ހެޑްކުއާޓާސް ކުރިމަތީ މުޒާހަރާ ވެސް ކޮށްފަ އެވެ.

މެސީގެ އިތުރުން ޕީއެސްޖީއަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ ވެސް ކްލަބް ދޫކޮށްލުމަށް ގޮވާލައި ސަޕޯޓަރުން ވަނީ ނޭމާގެ ގޭދޮށަށް ވެސް އެއްވެ އަޑުއުފުލައިފަ އެވެ. ނޭމާ އަކީ މެސީއާ އެކު ޕީއެސްޖީގައި ކާމިޔާބު ހަތަރު ސީޒަން ހޭދަ ކޮށްފައިވާ ކުޅުންތެރިއެކެވެ. ސަޕޯޓަރުންގެ މި އަމަލު ޕީއެސްޖީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ.

މި ސީޒަނަށް ފަހު މެސީ، ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާއިރު، ބާސެލޯނާއިން އޭނާ އަނބުރާ ކްލަބަށް ގެންދަން ޝައުގުވެރި ވެއެވެ. ބާސެލޯނާއިން މެސީ ގެންދާނަމަ ކްލަބުގެ ހަރަދުތައް ފައިނޭންޝަލް ފެއާޕްލޭ އުސޫލްތަކަށް ފައްތަން ކުޅުންތެރިން ވިއްކައިގެން ފައިސާ ހޯދަން މަޖުބޫރެވެ.

މީގެ އިތުރުން އޭޝިއާ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ސައުދީ އަރަބިއްޔާގެ އަލް ހިލާލުން ވަނީ މީގެ މަހެއް ކުރިން މެސީއަށް އަހަރަކު 400 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. ހަމަ އެއާ އެކު އެމެރިކާ ލީގުގައި ކުޅޭ އިންޓަ މަޔާމީ އިން ވެސް މެސީ ގެންދަން ޝައުގުވެރި ވެއެވެ.

މިދިޔަ ސީޒަންގައި ޕީއެސްޖީއާ އެކު ފްރާންސްގެ ލީގު ކާމިޔާބު ކުރި މެސީ ވަނީ މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 71 މެޗުގައި 31 ގޯލު ޖަހައި 34 އެސިސްޓް ކޮށްދީފަ އެވެ.