Roadha Mihaaru
މެސީ އެނބުރި އައި މެޗުގައި ސަޕޯޓަރުންގެ ނުރުހުން

މެސީ އެނބުރި އައި މެޗުގައި ސަޕޯޓަރުންގެ ނުރުހުން

14 މެއި 2023

ޕެރިސް (މެއި 14) - ފްރާންސް ލީގުގައި ރޭ ޕީއެސްޖީ އިން އަމިއްލަ ދަނޑުގައި 0-5 އިން އަޖޭސިއޯ ބަލިކުރި މެޗުގައި ސަޕޯޓަރުން ލިއޮނެލް މެސީއާ ދިމާކޮށްލައިފި އެވެ.

ޕެރިސް (މެއި 14) - ފްރާންސް ލީގުގައި ރޭ ޕީއެސްޖީ އިން އަމިއްލަ ދަނޑުގައި 0-5 އިން އަޖޭސިއޯ ބަލިކުރި މެޗުގައި ސަޕޯޓަރުން ލިއޮނެލް މެސީއާ ދިމާކޮށްލައިފި އެވެ.

ޕީއެސްޖީގެ ހުއްދަ ނުހޯދައި މެސީ ސައުދީ އަރަބިއާ އަށް ދިއުމުން އެ ކްލަބުން ވަނީ އޭނާ ދެ ހަފްތާ އަށް ސަސްޕެންޑް ކޮށްފަ އެވެ. ސަސްޕެންޝަނާ ގުޅިގެން މެސީ ބުނީ، އެއީ ކުރިން ރާވާފައި އޮތް ދަތުރަކަށް ވާތީ ކެންސަލް ނުކުރެވުނީ ކަމަށެވެ. އަދި އޭނާ ވަނީ ސޯޝަލް މީޑިއާ އަށް ދޫކޮށްލި ވީޑިއޯ މެސެޖެއްގައި ކްލަބްގެ ކިބައިން މާފަށް އެދިފަ އެވެ.

ސަސްޕެންޝަނަށް ފަހު މެސީ ވަނީ ރޭގެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން މުޅި މެޗު ކުޅެފަ އެވެ. އެކަމަކު މެޗު ތެރެއިން ޕީއެސްޖީގެ ބައެއް ސަޕޯޓަރުން މެސީ އަށް ވަނީ ނުރުހުން އަމާޒުކޮށްފަ އެވެ. މެޗުގައި މެސީ އަށް ގޯލެއް ނުޖެހުނަސް މޮޅު ކުޅުމެއް ދެއްކި އެވެ.

މޮޅަށް ކުޅޭ ޕީއެސްޖީ އިން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެގެންނެވެ. ފުރަތަމަ ގޯލު 22 ވަނަ މިނިޓުގައި ޖެހީ ފަބިއަން ރުއިޒް އެވެ. އޭގެފަހުން ޕީއެސްޖީގެ ދެ ވަނަ ގޯލު 33 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭގެ އެހީގައި ޖެހީ އަޝްރަފް ހަކީމީ އެވެ.

ދެ ވަނަ ހާފު ފެށިގެން ގާތްގާތުގައި އެމްބާޕޭ ވަނީ ދެ ގޯލު ޖަހައިފަ އެވެ. ރޭގެ ގޯލުތަކާ އެކު މި ސީޒަނުގެ ފްރާންސް ލީގުގައި އެމްބާޕޭ ޖެހި ގޯލުގެ އަދަދު ވަނީ 26 އަށް އަރައިފަ އެވެ. އެމްބާޕޭ ލީގު ލަނޑު ލިސްޓުގެ އެއް ވަނައިގައި އުޅޭއިރު ދެ ވަނައިގައި އޮތީ 24 ގޯލު ޖަހައިފައިވާ މާސޭގެ އެލެކްޒެންޑާ ލަކަޒޭ އެވެ.

އެމްބާޕޭ ވަނީ ލީގުގައި ވިދިވިދިގެން ހަތަރު ސީޒަނުގައި 25 ގޯލު ހަމަކޮށްފަ އެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ފްރާންސަށް ނިސްބަތްވާ ކުޅުންތެރިއަކު ފްރާންސް ލީގުގައި ހަތަރު ސީޒަނުގައި 25 ގޯލު ހަމަކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ ކުރީގެ ތަރި ތާޑީ ސިސޯވްސްކީ އަތުގަ އެވެ.

ޕީއެސްޖީގެ ފަހު ލަނޑަކީ އިދިކޮޅު ޓީމުގެ މުހައްމަދު ޔޫސުފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބްރެޒިލްގެ ޑިފެންޑަރު މާކީނިއޯ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ޔޫސުފް ފައިގައި ޖެހިފައި ގޯލަށް ވަނީ މިސްރާބު ބަދަލުވެގެންނެވެ.

މެޗުގެ ފަހުކޮޅު ހިނގި ހަމަނުޖެހުމެއްގައި ޕީއެސްޖީ ހަކީމީ އާއި އަޖޭސިއޯގެ ތޯމަސް މަންގާނީ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި ރެފްރީ އެގޮތަށް ނިންމީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)ގެ އެހީގަ އެވެ.

ރޭގެ މޮޅާ އެކު ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތީ 35 މެޗުން ލިބުނު 81 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 35 މެޗުން 75 ޕޮއިންޓް ލިބިފައިވާ ލެންސް އެވެ. ބާކީ ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗު އެއްވަރު ކުރިޔަސް ޕީއެސްޖީ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.