Roadha Mihaaru
ސަސްޕެންޑް ކުރި މެސީ ހަފްތާއެއް ފަހުން ޕްރެކްޓިހަށް

ސަސްޕެންޑް ކުރި މެސީ ހަފްތާއެއް ފަހުން ޕްރެކްޓިހަށް

09 މެއި 2023

ޕެރިސް (މެއި 9) - ސައުދީ އަރަބިއްޔާ އަށް ކުރި ކޮމާޝަލް ދަތުރަކާ ގުޅިގެން ޕްރެކްޓިސް ސެޝަނެއް ގެއްލުމުން ޕީއެސްޖީން ދެ ހަފްތާއަށް ސަސްޕެންޑް ކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، ހަފްތާއެއް ފަހުން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ސަސްޕެންޝަނާ ގުޅިގެން މެސީ ވަނީ ޕީއެސްޖީ ކިބައިން މާފަށް ވެސް އެދިފަ އެވެ. އަދި ސަސްޕެންޝަނުގެ ސަބަބުން އޭނާ އަށް ވަނީ ލީގުގައި ޕީއެސްޖީ އެންމެ ފަހުން ޓްރޯޔެސް އާ ދެކޮޅަށް ކުޅުނު މެޗު ދެއްލިފަ އެވެ.

ލީގުގައި އެންމެ އަވަހަށް ޕީއެސްޖީން އަޖޭސިއޯ އާ ދެކޮޅަށް ކުޅޭ މެޗުން ވެސް މެސީ ނުފެންނާނެ ކަމަށް ބެލެވުނު ނަމަވެސް، ޕީއެސްޖީން ވަނީ މެސީ ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރި ވެފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.

"މެސީ ވަނީ ހޯމަ ދުވަހު އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފަ،" ޕީއެސްޖީން ހިއްސާކުރި ފޮޓޯޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.

ލީގުގައި ބާކީ ހަތަރު މެޗު އޮއްވައި، ޕީއެސްޖީ އެއްވަނައިގައި އޮތީ، ދެވަނައިގައި އޮތް ލެންސް އަށްވުރެ ހަ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އަދި ތިންވަނައިގައި އޮތް މާސޭއާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ.

މި ސީޒަނަށް ފަހު މެސީ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ވެސް މި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ.

ޕެރިހުގައި ރޭ ބޭއްވި ލޯރިއަސް ސްޕޯޓްސް އެވޯޑްސް ގައި މެސީ ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅިވަރު ޝަހުސިއްޔަތަށް ދޭ އެވޯޑް ހާސިލް ކޮށްފަ އެވެ. މެސީ އަކީ މި އެވޯޑް ހާސިލް ކޮށްފައިވާ ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިޔާ އެވެ މެސީ ވަނީ 2020 ވަނަ އަހަރު ވެސް މި އެވޯޑް ހާސިލް ކޮށްފަ އެވެ.