Roadha Mihaaru
ކާމިޔާބު ކެރިއަރާ އެކު މެސީ ފަހުރުވެރިވެފައި

ކާމިޔާބު ކެރިއަރާ އެކު މެސީ ފަހުރުވެރިވެފައި

26 ޖޫން 2023

ދޯހާ (ޖޫން 26) - ފުޓްބޯޅައިގައި ގައުމީ ޓީމާއި، ކްލަބް ލެވެލް އަދި އަމިއްލަ އަށް ހާސިލްކުރި ކަންކަމަށް ބަލާއިރު، ކެރިއަރުގެ ކާމިޔާބީ އާދަޔާހިލާފު ކަމަށް ލިއޮނެލް މެސީ ބުނެފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ދޯހާ (ޖޫން 26) - ފުޓްބޯޅައިގައި ގައުމީ ޓީމާއި، ކްލަބް ލެވެލް އަދި އަމިއްލަ އަށް ހާސިލްކުރި ކަންކަމަށް ބަލާއިރު، ކެރިއަރުގެ ކާމިޔާބީ އާދަޔާހިލާފު ކަމަށް ލިއޮނެލް މެސީ ބުނެފި އެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީ، 36، ގަތަރުގެ ބީއިން ސްޕޯޓްސް އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވަނީ ޕީއެސްޖީގައި ހޭދަކުރި ދުވަސްތަކާއި ފުޓްބޯޅައިގައި އޭނާ ހާސިލްކުރި ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހަތް ފަހަރު ހޯދައިފައިވާ މެސީގެ ކެރިއަރުން އެންމެ ފާހަގަކޮށްލެވުނީ މިިދިޔަ އަހަރުގެ ފަހުކޮޅު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް އާޖެންޓީނާއާ އެކު ކާމިޔާބު ކުރުމެވެ. ވޯލްޑް ކަޕްގެ ކުރިން ކްލަބް ލެވެލްގައި ހުރިހާ ކާމިޔާބީއެއް މެސީ ހާސިލްކުރި އެވެ.

ވޯލްޑް ކަޕްގެ އިތުރުން މެސީ ވަނީ އާޖެންޓީނާއާ އެކު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ. ބާސެލޯނާއާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގާއި 10 ފަހަރު ސްޕެނިޝް ލީގު ކާމިޔާބު ކުރި އެވެ. ފްރާންސްގެ ޕީއެސްޖީ އަށް 2021 ވަނަ އަހަރު ބަދަލުވެ ހޭދަކުރި ދެ ސީޒަނުގައި ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދި އެވެ.

ޕީއެސްޖީ ދޫކޮށް މިހާރު އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވެފައިވާ މެސީގެ ފުޓްބޯޅަ ކެރިއަރު ޔޫރަޕްގައި ނިންމާލީ ގޯލު ރެކޯޑް ވެސް ހެދުމަށް ފަހު އެވެ. ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައި އޮތް އެ ރެކޯޑް މެސީ މުގުރާލީ 807 ލަނޑާ އެކު އެވެ. އެއީ، މެސީ ޔޫރަޕްގައި ހޭދަކުރި މުއްދަތުގައި ބާސެލޯނާ އާއި ޕީއެސްޖީ އަދި އާޖެންޓީނާ އަށް ޖަހައިދިން ގޯލުގެ އަދަދެވެ.

"އަހަރެން ބާކީ ހޯދާނެ ކާމިޔާބީއެއް ނެތް. ފުޓްބޯޅައިގައި ބޭނުންވާ ހުރިހާ ކާމިޔާބީއެއް އަހަރެން ހާސިލްކޮށްފިން" މެސީ ބުނެފައިވެ އެވެ.

ގައުމީ ޓީމާއި ކްލަބް ލެވެލްގެ އިތުރުން މެސީ އަކީ އަމިއްލަ އެވޯޑްތައް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާ އެވެ. އެކަމަކު މެސީ ބުނީ އޭނާ އަށް އެންމެ މުހިއްމުވީ އާޖެންޓީނާ އަށް ވޯލްޑް ކަޕް ހޯދައިދިނުން ކަމަށެވެ.

"އާޖެންޓީނާގެ އުއްމީދުތައް ހާސިލްކުރެވުމާއި ޓީމް ލެވެލް އަދި އިންޑިވިޖުއަލް ލެވެލްގައި ލިބުނު ކާމިޔާބީތަކާ އެކު އަހަރެންގެ ކެރިއަރު އާދަޔާހިލާފޭ ބުނެވިދާނެ" ފަހުރުވެރިވެފައި ހުރި މެސީ ބުންޏެވެ.

ޕީއެސްޖީ މެޗެއްގެ ތެރެއިން މެސީ. އެ ކްލަބުގެ ބައެއް ސަޕޯޓަރުންގެ ނުުރުހުން އަމާޒުވި ކަމަށް މެސީ ބުނި

ޕީއެސްޖީ މެޗެއްގެ ތެރެއިން މެސީ. އެ ކްލަބުގެ ބައެއް ސަޕޯޓަރުންގެ ނުުރުހުން އަމާޒުވި ކަމަށް މެސީ ބުނި

ޕީއެސްޖީ ބައެއް ސަޕޯޓަރުންގެ ނުރުހުން ލިބުނު

މީގެ ދެ އަހަރު ކުރިން ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވުން ވެގެންދިޔައީ ހާއްސަ ކަމަކަށެވެ. އެކަމަކު ޕީއެސްޖީގައި ހޭދަކުރި ދެ އަހަރު އެ ކްލަބާ މެސީއާ ދެމެދު އޮތް ގުޅުން ހީނަރުވި އެވެ. ހާއްސަކޮށް ސަޕޯޓަރުންގެ ފަރާތުން މެސީ އަށް ފުރައްސާރަ ކުރިމަތިވި އެވެ.

މިދިޔަ ސީޒަނުގެ ފަހުކޮޅު ޕީއެސްޖީގެ ބައެއް މެޗުތަކުގައި ސަޕޯޓަރުން މެސީއާ ވަނީ ދިމާކޮށްފަ އެވެ. ސަޕޯޓަރުންގެ ނުރުހުން އަމާޒުވެ މެސީ ދިރިއުޅޭ ގެއިން އޭނާ އަށް ސެކިއުރިޓީ ވެސް ފޯރުކޮށްދޭން ޖެހުނެވެ.

މެސީ ބުނީ ޕީއެސްޖީގެ ފެށުން ދިޔައީ ރަނގަޅަށް ކަމަށާއި އެކަމަކު ފަހުން ބައެއް ސަޕޯޓަރުން އޭނާއާ މެދު ދެކުނީ ތަފާތު ގޮތަކަށް ކަމަށެވެ. އަދި، އެއީ ކިލިއަން އެމްބާޕޭ އާއި ނޭމާ އަށް ވެސް ކުރިމަތިވި ކަމެއްކަމަށް މެސީ ބުންޏެވެ.

"ޕީއެސްޖީގެ ބައެއް ސަޕޯޓަރުން އަހަރެންނާ މެދު ތަފާތު ގޮތަކަށް ދެކެންފެށީ. އެކަމަކު ގިނަ ސަޕޯޓަރުން އަހަރެންނާ މެދު ދެކުނީ ރަނގަޅަށް. ބައެއް ސަޕޯޓަރުންނާ އޮތް ގުޅުން ހީނަރުވީ އަހަރެން އެގޮތް ބޭނުންވެގެނެއް ނޫން. އެކަހަލަ އެއްވެސް ނިޔަތެއް އަހަރެންގެ ނެތް" މެސީ ބުނެފައިވެ އެވެ.

ސީޒަނުގެ ފަހުކޮޅު ޕީއެސްޖީގެ ހުއްދަ ނުހޯދައި ސައުދީ އަރަބިއާ އަށް މެސީ ދިއުމުން ކްލަބުން އޭނާ ސަސްޕެންޑްކުރި އެވެ. ސަސްޕެންޝަނަށް ފަހު އެނބުރި ދަނޑަށް ނުކުތް މެޗުގައި ވެސް ޕީއެސްޖީގެ ސަޕޯޓަރުން މެސީއާ ދިމާކޮށްލި އެވެ. މެސީ ބުނީ އޭނާއާ ދިމާކުރުމުގެ އަސްލަކީ ޕީއެސްޖީ ނިސްބަތްވާ ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރުން ކަމަށް އޭނާ ނުދެކޭ ކަމަށެވެ.

"ޕީއެސްޖީ އަށް ބަދަލުވީއްސުރެ އަހަރެން އެންމެންނަށް އިހުތިރާމް ކުރިގޮތަށް ޕީއެސްޖީ އިން އަހަރެންނަށް އިހުތިރާމް ދިން ހުރިހާ ސަޕޯޓަރުން އަހަރެން ބަލައިގަންނަން" ޔޫރަޕް ފުޓްބޯޅަ ކެރިއަރުގައި ރަނުން ފަވާލުމަށް ފަހު އެމެރިކާގެ އިންޓަ މިއާމީ އަށް ބަދަލުވި މެސީ ބުންޏެވެ.