Roadha Mihaaru
އެފްއެޗްއޭއެމްގައި އެންމެ މޮޅު ބަރިސްތާ ހޮވައިފި

އެފްއެޗްއޭއެމްގައި އެންމެ މޮޅު ބަރިސްތާ ހޮވައިފި

11 މެއި 2023

އެފްއެޗްއޭއެމްގައި ކުރިއަށް ދިޔަ ބަރިސްތާ ޗެލެންޖު ނިންމައި އެންމެ މޮޅު ބަރިސްތާ ހޮވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެފްއެޗްއޭއެމްގައި ކުރިއަށް ދިޔަ ބަރިސްތާ ޗެލެންޖު ނިންމައި އެންމެ މޮޅު ބަރިސްތާ ހޮވައިފި އެވެ.

ޔޫރޯ މާކެޓިންއިން ސްޕޮންސާކުރި މި މުބާރާތުގެ ވަނަތައް ހޮވީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި އެފްއެޗްއޭއެމް އެކްސްޕޯގައި އިއްޔެ އެވެ.

މި މުބާރާތުގެ އެންމެ މޮޅު ބަރިސްތާއަކަށް ހޮވުނީ ސިނަމަން ދޮންވެލި ރިސޯޓުގެ މަހޭޝް ރަމްބޫކްވެލާ އެވެ. މުބާރާތުގެ ދެ ވަނައަށް ދިޔައީ ހިލްޓަން މޯލްޑިވްސްގެ ޖާތީ އާދީ އެވެ. އަދި ތިން ވަނައަށް ދިޔައީ ސިނަމަން ދޮންވެލި ރިސޯޓުގެ އެސްޓާ މާރިއާ އެވެ.

ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި އެފްއެންޑްބީ ދާއިރާގެ އެކި ކުންފުނިތަކާއި ރިސޯޓުތަކުން ގާތްގަނޑަކަށް 20 ބަރިސްތާއިން ވަނީ ވާދަކޮށްފަ އެވެ.

އެފްއެޗްއޭއެމްއަށް ޔޫރޯ މާކެޓިންއިން ތައްޔާރުކުރި ސްޓޯލެއް. -- ފޮޓޯ: ޔޫރޯ މާކެޓިން

އެފްއެޗްއޭއެމްއަށް ޔޫރޯ މާކެޓިންއިން ތައްޔާރުކުރި ސްޓޯލެއް. -- ފޮޓޯ: ޔޫރޯ މާކެޓިން

މުބާރާތުގެ ފުރަތަމަ ބުރުގައި ޖަޖްކުރި އިރު، ކޮފީ ބްރޫ ކުރިގޮތާއި، ޕްރެޒެންޓޭޝަން، ރަހަ އަދި ސްޓައިލާއި ޓެކްނިކަލް ގިނަ ކަންތައްތަކކަށް ވަނީ ބަލައިފަ އެވެ. ދެ ވަނަ ބުރުގައި ބޮޑަށް ބަލާފައި ވަނީ ހަވާލުކުރި ލަވާޒާ އެކްސްޕްރެސޯ ބޭސްއަކަށް ބޭނުންކޮށްގެން ބުއިމެއް ތައްޔާރުކުރުމުގެ ކްރިއޭޓިވިޓީ އަށެވެ.

ޔޫރޯ މާކެޓިން އިން ބުނި ގޮތުގައި މުބާރާތުގެ ފަނޑިޔާރުކަން ކޮށްފައިވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މިކަމަށް އެންމެ ގާބިލު ފަރާތްތަކެވެ.

މި މުބާރާތުގެ އެއް ވަނަ އަށް 5،000ރ. ގެ ފައިސާގެ އިނާމު ދީފައި ވާއިރު ދެ ވަނަ އަށް 3،000ރ. އަދި ތިން ވަނައަށް 1،500ރ. ވަނީ ދީފަ އެވެ.

ބަރިސްތާ ަޗެލެންޖުގައި ބޭނުންކޮށްފައި ވަނީި ޔޫރޯ މާކެޓިންއިން ވިއްކާ ކޮފީ މެޝިން. -- ފޮޓޯ: ޔޫރޯ މާކެޓިން

ބަރިސްތާ ަޗެލެންޖުގައި ބޭނުންކޮށްފައި ވަނީި ޔޫރޯ މާކެޓިންއިން ވިއްކާ ކޮފީ މެޝިން. -- ފޮޓޯ: ޔޫރޯ މާކެޓިން

މި މުބާރާތުގެ މެއިން ސްޕޮންސަރު ޔޫރޯ މާކެޓިން އިން ބުނީ މި މުބާރާތަކީ އެ ކުންފުނީގެ ސަޕްލަޔަރުން ކަމަށްވާ ލެ ސިމްބާލީ، ފެބްރީ އަދި ލަވާޒާގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މުބާރާތުގެ އަމާޒަކީ ކޮފީއާ ބެހޭ ގޮތުން ބަރިސްތާއިންގެ މައުލޫމާތު އިތުރަށް މުއްސަނދިކޮށް، ބަރިސްތާއިންގެ ކްރިއޭޓިވީ އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށެވެ.

މި މުބާރާތުގައި ބޭނުންކޮށްފައި ވަނީ ޔޫރޯ މާކެޓިންއިން ވިއްކާ ލަވާޒާ ކޮފީގެ އެކި ވައްތަރުތަކާއި އެ ކުންފުނިން ވިއްކާ ކޮފީ މެޝިނެވެ.

ޔޫރޯ މާކެޓިން އަކީ ކޮފީއާ ގުޅުންހުރި ދާއިރާތަކާއި ފަންނު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކުންފުންޏެއްކަން އެ ކުންފުނިން ފާހަގަކުރެ އެވެ.