Roadha Mihaaru
ލިލީން ދުނިޔޭގެ މަޝްހޫރު ކޮފީ ބްރޭންޑެއް ތައާރަފުކުރަނީ

ލިލީން އެމެރިކާގެ މަޝްހޫރު ކޮފީ ބްރޭންޑެއް ރާއްޖެ ގެންނަނީ

01 އޯގަސްޓް 2017

ލިލީ އިންޓަނޭޝަނަލް އިން ދުނިޔޭގެ އެންމެ މަޝްހޫރު ކޮފީ ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެއް ރާއްޖެއަށް ގެންނަން ތައްޔާރުވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ލިލީ އިންޓަނޭޝަނަލް އިން ދުނިޔޭގެ އެންމެ މަޝްހޫރު ކޮފީ ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެއް ރާއްޖެއަށް ގެންނަން ތައްޔާރުވެއްޖެ އެވެ.

އެކަމަކު އެ ބްރޭންޑްގެ ނަމެއް ލިލީއަކުން އަދި ހާމައެއް ނުކުރެ އެވެ.

އެމެރިކާގެ އެ ކޮފީ ބްރޭންޑް ރާއްޖެއަށް ތައާރަފް ކުރާނީ އަންނަ މަހު 8-10 ދަރުބާރުގޭގައި ބާއްވާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް)ގެ ތެރެއިން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އާމިރު މަންސޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތުން ރާއްޖެއަށް ގެންނަ ބްރޭންޑެއް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ދުވަހު އުޅެގެން މިކަން އަދި މި ކާމިޔާބުވީ. ސީދާ އެމެރިކާއިން އަޅުގަނޑުމެން މި ގެންނަނީ،" އާމިރު ވިދާޅުވި އެވެ.

"މިހާރު މާކެޓުގައި އުޅޭ ޕްރޮޑަކްޓްތަކަށް ވުރެ މާ ކޮލެޓީ ރަނގަޅުވާނެ. އަގު ކުޑަކޮށް ބޮޑުވާނެ،" އާމިރު ވިދާޅުވި އެވެ.

ލިލީން ފުރަތަމަ ތައާރަފުކުރަނީ އެ ބްރޭންޑްގެ އުފެއްދުންތަކެވެ. ކޮފީގެ އިތުރުން އެ ބްރޭންޑްގެ ވޭފަލްސްއާ އާއި ނަޓްސް އަދި ޗިޕްސް ވެސް ރާއްޖޭގައި ވިއްކާނެ އެވެ. އެ ޕްރޮޑަކްޓްތައް ހޯލްސޭލް ކުރާނާނީ ލިލީންނެވެ.

އެ ބްރޭންޑްގެ ކޮފީޝޮޕެއް ރާއްޖޭގައި ހުޅުވުމުގެ އުންމީދު ވެސް ލިލީން ގެންގުޅެ އެވެ. އެކަމަކު އެ ކުންފުނިން ބުނީ މަސައްކަތަށް އަދި ދުވަސް ނަގާނެ ކަމަށެވެ.

އާމިރު ވިދާޅުވި ގޮތުގައި ކޮފީޝޮޕެއް ހުޅުވަން އޮތް އެންމެ ބޮޑު ހުރަހަކީ، އެ ބްރޭންޑްގެ ތަންތަން ހުޅުވަނީ މިލިޔަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދުތަކުގައި ކަމަށް ވުމެވެ.

"މާލެއަކު އެހާ މީހުންނެއް ނެތް. މިކަން ކިރިޔާ ވެސް ފީޒިބަލްކޮށް ކުރެވޭނީ އެއާޕޯޓުގައި ހުޅުވައިގެން،" އާމިރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ޕްރޮޑަކްޓްތައް ނެރެފައި ބަލާނަން ކިހާ ވަރަކަށް މީހުން ގަނޭތޯ. ޕްރޮޑަކްޓްތައް ވިއްކަން ފެށުން މީ އަސްލު އަޅުގަނޑުމެން ސާވޭއެއް ގޮތަށް ކުރާ ކަމެކޭ ބުނެވިދާނެ."

ވަރަށް ގިނަ ދިވެހިން މިހާރު ކޮފީއަށް ބޮޑު ހޭދައެއް ކުރެ އެވެ. މާލޭގެ ރެސްޓޯރަންޓް/ކެފޭތަކަށް ދާ ގިނަ މީހުން ވަގުތު ހޭދަކުރަނީ ވެސް ކޮފީތަކުގަ އެވެ. އެހެންވެ ބައެއް ވިޔަފާރިވެރިން ދެކޭ ގޮތުގައި ކޮފީގެ އެކި ބްރޭންޑްތަކަށް ރާއްޖޭގައި މާކެޓް އެބަ އޮތެވެ.