Roadha Mihaaru
އާ ރެކޯޑަކާ އެކު ގަދަ 10 އަށް 600 އެއްހާ ކުދިން

އާ ރެކޯޑަކާ އެކު ގަދަ 10 އަށް 500 އަށް ވުރެ ގިނަ ދަރިވަރުން

25 ޖެނުއަރީ 2017

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންގެ އަދަދު އިތުރުވެ، އާ ރެކޯޑެއް އަނެއްކާ ވެސް ގާއިމުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންގެ އަދަދު އިތުރުވެ، އާ ރެކޯޑެއް އަނެއްކާ ވެސް ގާއިމުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2015 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ 10 ގައި 492 ދަރިވަރުން ހިމެނުނު އިރު، މިދިޔަ އަހަރު އެ އަދަދު 600 އާ ގާތްކުރެ އެވެ. އެހެންވެ، މިއީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން އޯލެވެލްގެ ގަދަ 10 ހިމެނުނު ފަހަރެވެ.

"މިއީ އަދި ވަގުތީ ނަތީޖާ އަށް ބަލާއިރު އިތުރުވެފައިވާ މިންވަރު. ރީޗެކް ކުރުން ފަދަ ކަންކަން ނިމޭ އިރު މި ނިސްބަތް އަދި މިއަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެނީ،" އެ މިނިސްޓްރީގެ އެޑިއުކޭޝަން އޮފިސަރު އިބްރާޙިމް އާސިފް ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޮޕްޓެންގެ ގަދަ ތިނެއްގައި ހިމެނުނު ދަރިވަރުންގެ އަދަދު ވެސް އެހެން އަހަރުތަކާ ބަލާއިރު މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ. އަދި މާލެ އާއި ރަށްރަށުގެ ބައެއް ސްކޫލުތަކުން ފާޙަގަކޮށްލެވޭ ވަރުގެ ބޮޑެތި ކާމިޔާބީތައް ހޯދާފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި އޯލެވެލްގެ ގަދަ 10ގެ ނަތީޖާ އަށް ބަލާއިރު އެންމެ ތަފާތު ބޮޑު ނަތީޖާ ނެރެފައިވަނީ މިދިޔަ އަހަރު އެވެ. އެގޮތުން 2012 ވަނަ އަހަރު ގަދަ 10 ގައި 426 ކުދިން ހިމެނުނު އިރު 2013 ވަނަ އަހަރު އެ އަދަދު އުޅެނީ 478ގަ އެވެ. އަދި 2014 ވަނަ އަހަރު ވަނީ އެ އަދަދު 475 އަށް ދަށަށް ގޮސްފަ އެވެ. އެކަމަކު 2015 ވަނަ އަހަރު 504 ދަރިވަރުން ގަދަ 10 ގައި ހިމެނުނު އިރު މިދިޔަ އަހަރު 100 އަށް ވުރެ ގިނަ ދަރިވަރުން އިތުރަށް ހިމެނިފައި ވެ އެވެ.

2015 ވަނަ އަހަރުގެ އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުން ދަރިވަރަކަށް ރައީސް ޔާމީން އިނާމު ހަވާލުކުރައްވަނީ: މިދިޔަ އަހަރުގެ އޯލެވެލްގެ ގަދަ ދިހައެއްގައި 600 އަށް ވުރެ ގިނަ ދަރިވަރުން ހިމެނިފައިވޭ.-- ފޮޓޯ: ރައީސް އޮފީސް

2015 ވަނަ އަހަރުގެ އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުން ދަރިވަރަކަށް ރައީސް ޔާމީން އިނާމު ހަވާލުކުރައްވަނީ: މިދިޔަ އަހަރުގެ އޯލެވެލްގެ ގަދަ ދިހައެއްގައި 600 އަށް ވުރެ ގިނަ ދަރިވަރުން ހިމެނިފައިވޭ.-- ފޮޓޯ: ރައީސް އޮފީސް

މޮޅެތި ނަތީޖާ ހޯދާ ދަރިވަރުންގެ އަދަދު، އޯލެވެލްގައި ދަރިވަރުން ބައިވެރިވާ އަދަދަށް ވެސް އޮންނަނީ ބަރޯސާވެފަ އެވެ. އެގޮތުން ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ އަދަދު ވެސް ވަނީ އަހަރުން އަހަރަށް އިތުރުވެފަ އެވެ.

އޯލެވެލްގެ ނަތީޖާ ރީޗެކް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރި އަށް ދާއިރު، ގަދަ ދިހައެއް އިއުލާނު ކުރެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ މާޗު މަހުގެ ތެރޭގަ އެވެ.

އާސިފް ވިދާޅުވީ މިދިޔަ އަހަރު އެޑިއުކޭޝަނުން އެންމެ އިސްކަމެއް ދިނީ ކުރީ އަހަރުތަކުގައި އެންމެ ދަށް ނަތީޖާއެއް ހޯދި ނުވަތަ ނަތީޖާ އަށް ބަދަލެއް ނާންނަ ސްކޫލުތަކުގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. އަދި މި ފަހަރު އެ ސްކޫލުތަކުން ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް ބަލާނަމަ ހިންމަފުށީ ސްކޫލުގެ ނަތީޖާ (ފަސް މާއްދާ އިން ފާސްވި ނިސްބަތް) ކުރީ އަހަރު އޮތީ 33 ޕަސެންޓްގައި. އެކަމަކު މިދިޔަ އަހަރު އެ ނަތީޖާ ވަނީ 75 ޕަސެންޓަށް މަތިވެފައި. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ ހާއްސަ ބެއްލެވުމުގެ ދަށުން، އެ ސްކޫލުތަކުގައި ކިޔަވައިދޭ ކޮންމެ ފިލާވަޅެއް، ކުދިންނަށް ދޭހަވާ މިންވަރު ބަލަމުން ގޮސްފައިވާ ކަމަށެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން 50 އަށް ވުރެ ގިނަ ސްކޫލުގައި ބޮޑެތި އިންޓަވެންޝަންތަކެއް ކުރި އަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުމުލަ ނަތީޖާ އަށް ބަލާއިރު ވެސް ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދައިފަ އެވެ. އެގޮތުން ބިޒްނަސް ސްޓަޑީޒް ފިޔަވައި ހުރިހާ މާއްދާއަކުން ދަރިވަރުން ފާސްވި ނިސްބަތް ކުރީ އަހަރުތަކަށް ވުރެ މައްޗެވެ. އަދި އޭ ޕްލަސް އިން ފެށިގެން ސީ ގްރޭޑްގެ ނަތީޖާ ހޯދި ދަރިވަރުން އަދަދު ގިނަ އިރު އެއްވެސް މާއްދާއަކުން ފާސް ނުވާ ދަރިވަރުންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރު ވަރަށް ބޮޑަށް ދަށްވެފަ އެވެ.