Roadha Mihaaru
މަންޑޭއާއެކު ވިޔަފާރިކުރާ އާބަންކޯގެމުވައްޒަފު ސަސްޕެންޑް

މަންޑޭއާއެކު ވިޔަފާރިކުރާ އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި

11 މެއި 2023

މަކަރާއި ހީލަތުން ކޭޕާކް ފްލެޓްތައް ވިއްކި ކަމުގެ ތުހުމަތު ކޮށްފައިވާ ހަސަން މަމްދޫހު (މަންޑޭ)އާއެކު ވިޔަފާރިކުރާ އާބަންކޯގެ މުވައްޒަފަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަކަރާއި ހީލަތުން ކޭޕާކް ފްލެޓްތައް ވިއްކި ކަމުގެ ތުހުމަތު ކޮށްފައިވާ ހަސަން މަމްދޫހު (މަންޑޭ)އާއެކު ވިޔަފާރިކުރާ އާބަންކޯގެ މުވައްޒަފަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.

އެ ކުންފުނިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އާބަންކޯގެ ޕްރޮގްރެސިވް ޑިސިޕްލްނަރީ އެކްޝަން ޕޮލިސީގެ ދަށުން، ކޭޕާކް މައްސަލައިގެ ތަހުގީގު ކުރިއަށް ދާ މުއްދަތުގައި ކުރާ ތުހުމަތުތަކަށް ރިއާޔަތްކޮށް، މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އޭނާ ސަސްޕެންޑްކުރީ 14 ދުވަހަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ތުހުމަތު ރައްދުވަނީ އާބަންކޯގެ ރިއަލް އެސްޓޭޓް ބައިގައި މަސައްކަތްކުރާތާ 9 އަހަރު ވެފައިވާ އަބްދުއް ނާފިއު މުހައްމަދަށެވެ. އޭނާ އަކީ ރިއަލް އެސްޓޭޓްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރުމަށް ދޫކުރާ ބިންތައް އިވެލުއޭޓްކޮށް، އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭ ކަންތައްތަކުގައި ވެސް ހަރަކާތްތެރިވާ މުވައްޒަފެކެވެ.

ނާފިއުއަކީ މަންޑޭގެ ހިއްސާ އޮންނަ އެހެން ކުންފުންޏެއް ކަމަށްވާ ދިކޯރު އިންވެސްޓްމަންޓް އެންޑް ކޮންސަލްޓިން ގްރޫޕް ޕްރައިވެޓް ލިމިޑެޓްގެ އެއް ޕާޓްނަރެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މަންޑޭ އެވެ. އެހެންވެ، ބޮޑެތި އެތައް ބައެއްގެ ހައްގުތައް ގެއްލޭ ގޮތަށް ކޭޕާކް ފްލެޓްތަކާ ގުޅުވައިގެން އިތުރަށް ފައިސާ ނެގި ކަމަށް ތުހުމަތު ކުރާ މަންޑޭއާ ގުޅިގެން އާބަންކޯގެ ތެރެއިން ކަންކަން ކުރާ ކަމުގެ ތުހުމަތު އެ ކުންފުނިން ކުރާ ކަމަށް އެނގިފައި ވެ އެވެ.

"...ފުލުހުންނާއި މި ކޯޕަރޭޝަންގެ އިންޓާނަލް އޮޑިޓުން މި މައްސަލަ ތަހުގީގުކޮށް ނިމުމުން, މި މުވައްޒަފަށް އިތުރަށް ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ،" އާބަންކޯގެ މެސެޖުގައިވެ އެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށް ބުނެ ކޭޕާކުން އެޕާޓްމަންޓްތައް ވިއްކުމުގައި އެތައް ބަޔަކަށް ލަނޑުދިން މައްސަލާގައި މަންޑޭގެ އިތުރުން ދެ މީހެއްގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ. އެކަކު އަނެކެއްގެ ބޮލުގައި ތުހުމަތު އަޅުވާފައިވާ މި ސްކޭމްގައި ފަހުން ހިފެހެއްޓީ ޖައިޝާން ސައީދު އާއި ހަންބޯ ކުންފުނީގެ ބިދޭސީއެއްގެ ޕާސްޕޯޓެވެ.

ޕްރޮޖެކްޓް ހިންގުމުގައި މައިނޯރިޓީ ހިއްސާ އޮންނަ ކުންފުނި ކޯދި އިންވެސްޓްމެންޓްގެ ހިއްސާދާރެއް ކަމަށްވާ ޖައިޝާންއަކީ މަމްދޫހްއާ އެކު އެޕާޓްމަންޓްތައް ވިއްކުމުގައި އަމަލީ ގޮތުން އުޅުނު އެކަކެވެ.

ހަންބޯ މޯލްޑިވްސް ކުންފުނީގެ މައި ހިއްސާދާރު ތުހުމަތުކުރާ ޖިން ޝިހޫ ތުހުމަތުކުރާ ގޮތުގައި، އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ފްލެޓް ވިއްކީ މަންޑޭ އެވެ. އެކަމަކު އެ ތުހުމަތު ދޮގުކޮށް، މަންޑޭ ބުނަނީ މައި ހިއްސާދާރު އުޅުނީ އޮޅުވައިލައިގެން ވިއްކި ފްލެޓުތަކަށް ލިބުނު ފައިސާ ހިފައިގެން ފިލަން ކަމަށެވެ. މަންޑޭގެ ބޮލުގައި ތުހުމަތު އެޅުވީ އެކަމަށް އެއްބަސްނުވުމުން ކަމަށް މަންޑޭ ބުނެ އެވެ.

މި މައްސަލަ ތަހުގީގުކޮށްދޭން އާބަންކޯ އިން ފުލުހުންނަށް ހުށަހަޅާފައި ވާތީ، އެ މުއައްސަސާ އިން ވަނީ ލަނޑު ލިބުނު މީހުން މައުލޫމާތު ތަހުގީގަށް ހިއްސާކޮށްދޭން ވެސް އެދިފަ އެވެ.