Roadha Mihaaru
ޖާހުގެ ފްލެޓްތައް ނިންމަން އާބަންކޯ އިން ހަވާލުވެއްޖެ

ޖާހުގެ ނުނިމުނު ފްލެޓްތައް ނިންމަން އާބަންކޯ އިން ހަވާލުވެއްޖެ

17 ޖުލައި 2023

މީގެ ހަ އަހަރު ކުރިން ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި އިމާރާތްކުރަން ފަށައި ނުނިމި ދިގުލައިގެން ގޮސްފައިވާ ފްލެޓްތައް ނިންމުމުގެ މަސައްކަތާ އާބަންކޯ އިން މިއަދު ހަވާލުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މީގެ ހަ އަހަރު ކުރިން ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި އިމާރާތްކުރަން ފަށައި ނުނިމި ދިގުލައިގެން ގޮސްފައިވާ ފްލެޓްތައް ނިންމުމުގެ މަސައްކަތާ އާބަންކޯ އިން މިއަދު ހަވާލުވެއްޖެ އެވެ.

ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ހަދަމުން އަންނަ "ދަ ގާޑަން" ފްލެޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އާބަންކޯ އަށް ބިމުގެ އަގު ދައްކަން 30 ދުވަހުގެ ނޯޓިސް ވެސް މިދިޔަ މެއި މަހު ފޮނުވި އެވެ. ނަމަވެސް، މުއްދަތު ހަމަވިއިރު ވެސް އެކަމެއް ނުވި އެވެ.

އާބަންކޯގެ ނޫސްބަޔާނެއްގައި ބުނީ ޖާހު ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި ހަދާ ފްލެޓްތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އޭގެ ސަބަބުން ފުލެޓްތައް ގަނެފައިވާ މީހުންނަށް ވާ ގެއްލުންތައް ކުޑަކޮށް، ވީހާ ވެސް އަވަހަކަށް މަސައްކަތް ނިންމުމަށް މަސައްކަތްކުރުމަށް އެ ކުންފުނިން މިހާރު ނިންމާފައިވާ ކަމަށެވެ.

އެ ނޫސްބަޔާނުގައި ބުނި ގޮތުގައި އެ ޕްރޮޖެކްޓުގެ 91 ޕަސެންޓް މަސައްކަތް ނިމިފައި ވާތީ، ޑިވެލޮޕަރު ބަދަލުކޮށް އާ ބަޔަކު ހޯދައި، މިހާރު ހުރި މަސައްކަތްތައް ކުރުމަކީ އެންމެ އެކަށީގެންވާ ކަމަކަށް ނުވާނެ އެވެ. އެހެންވެ، އާބަންކޯ އާއި ޖާހު އާއި ފުލެޓްތައް ގަނެފައިވާ މީހުންނާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމާނެ ކަމަށް ބަޔާނުގައިވެ އެވެ.

"މި ކޯޕަރޭޝަންގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާ ދެމެދު ވެފައިވާ މުއާމަލާތްތައް ބަލައި، ދެ ފަރާތަށް ވެސް ގެއްލުން ނުވާނެހެން ވީހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމާލުންކަން ފާހަގަކުރަމެވެ،" އާބަންކޯ އިން ބުންޏެވެ.

ޖާހުގެ "ދަ ގާޑަން" އަކީ 2017 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ތަނެކެވެ. އެތަނުގައި 83 އެޕާޓްމަންޓް ހަދާއިރު ހިމެނެނީ 2+1 އާއި 3 އަދި 3+1 ގެ އެޕާޓްމަންޓްތަކެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތް ނުނިމި، ދިގުލައިގެން ދާތީ، އެތަނުން އެޕާޓްމަންޓް ގަތް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މައްސަލާގައި އެމީހުން މުޒާހަރާ ވެސް ކުރި އެވެ.

އެ ފްލެޓްތަކުގެ މަސައްކަތް ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އެކި މުއްދަތުތައް ދިނެވެ. އެންމެ ފަހުން ބުނެފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރުގައި ބައެއް އެޕާޓްމަންޓުތައް ހަވާލުކުރާނެ ކަމަށެވެ. އެކަމަކު، އެއްވެސް އެޕާޓްމަންޓެއް އަދި ހަވާލެއް ނުކުރެ އެވެ.