Roadha Mihaaru
އިއްޔެގެ މުޖުރިމުން މާދަމާގެ ވެރިންނަށް!

އިއްޔެގެ މުޖުރިމުން މާދަމާގެ ވެރިންނަށް!

14 މެއި 2023

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ހުރިހާ ކަމެއް ސިޔާސީވެ ނިމެން ނެގީ ހިނދުކޮޅެކެވެ. ކުށުގެ ވެށި ވެސް އެކަމުން އިސްތިސްނާއެއް ނުވި އެވެ. އޭރުން ފެށިގެން ބައެއް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ މީހުން އެ ބައެެއްގެ ސިޔާސީ ފިކުރު ފަތުރައި މީހުންގެ ސިކުނޑިއާ ކުޅޭ ހަތިޔާރެއްގެ ގޮތުގައި ގޭންގުތައް ބޭނުންކުރި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ހުރިހާ ކަމެއް ސިޔާސީވެ ނިމެން ނެގީ ހިނދުކޮޅެކެވެ. ކުށުގެ ވެށި ވެސް އެކަމުން އިސްތިސްނާއެއް ނުވި އެވެ. އޭރުން ފެށިގެން ބައެއް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ މީހުން އެ ބައެެއްގެ ސިޔާސީ ފިކުރު ފަތުރައި މީހުންގެ ސިކުނޑިއާ ކުޅޭ ހަތިޔާރެއްގެ ގޮތުގައި ގޭންގުތައް ބޭނުންކުރި އެވެ.

އޭރު ސިޔާސީ ޕާޓީތަކުން ފައިސާ ދީގެންނާއި އެހެން ކަންކަން ކޮށްދީގެން މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި ތަންތަނުގެ ބިއްލޫރި ތަޅައި ހުޅުޖަހަން ގެންގުޅުނު ގޭންގު މެންބަރުންގެ ބާރު މިހާރު ގަދަވެއްޖެ އެވެ. ފައިސާ ކޮޅަކަށް ނުވަތަ ރާ ފުޅިއަކަށްޓަކައި އެހެން މީހުންގެ މުދަލާއި ފުރާނައަށް ނުރައްކާކުރަން އޭރު އުޅުނު އެތައް ބަޔަކު ސިޔާސީ ކޮންމެވެސް ކުލަޔަކުން ސިފަ ބަދަލުކޮށްގެން ނުކުމެއްޖެ އެވެ.

ގޭންގުތަކުގެ މިސްރާބު ހުރި ދިމާލާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ސަލާމަތީ ހިދުމަތްތަކުގެ އިސް ބޭފުޅަކު ވިދާޅުވީ އެކި ސަރުކާރުތަކުން ގޭންގުތަކުގެ ބޭނުން ހިފަމުން އައިސް މިހާރު އޮތީ ވަރަށް ނުރައްކާ ހިސާބެއްގައި ކަމަށެވެ.

"ކުރިން އާންމުކޮށް އެންމެން ވެސް ބުނެ އުޅެނީ ގޭންގުތަކަށް ފައިސާ ދީގެން ސިޔާސީ މީހުން ކަންކަން ކުރުވާ ވާހަކަ. މިހާރު އިވޭނެ ސިޔާސީ މިވެނި މީހަކީ ގޭންގުތަކުން ކޮންޓްރޯލްކުރާ މީހެކޭ ބުނާ އަޑު. އެވެނި މީހަކު މަޖިލީހަށް ހޮވަން ކޮންމެވެސް ގޭންގަކުން ފަންޑުކުރިއޭ، ކެމްޕޭންކުރިއޭ ބުނާ އަޑު،" ހާލަތު ބަދަލުވަމުންދާ ގޮތުގެ ފަސޭހަ މިސާލެއްގެ ގޮތުން އޭނާ ވިދާޅުވި އެވެ.

މާލޭގެ އެކި ހިސާބުތަކުން އެކި ގޭންގުތަކުން ކޮންޓްރޯލްކޮށް ފުލުހުންނަށް ވެސް އެ ތަންތަނާ ގާތްވުން އެއީ ނުރައްކަލަކަށްވާ ހިސާބަށް މިހާރު ގޮސް އޮތީ ގޭންގުތައް ބާރުވެރިކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ސީދާ ގޭންގުތަކުން ސިޔާސީ ބައެއް ކަންކަން ކޮންޓްރޯލްކުރާތީ އާއި އެއަށް ވުރެ ވެސް މައްޗަށް ދާން ރޭވުންތެރިކަމާ އެކު މަސައްކަތްކުރާތީ ފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ފުލުހުންގެ ވެހިކަލަކަށް އަރުވަނީ: ސިޔާސީ ބޭނުމަށް ގޭންގުތައް ބާރުވެރިކޮށް އެ މީހުންގެ މައްޗަށް ގާނޫނު ނުހިންގޭ ދަރަޖައަށް ވަނީ ކަންކަން ގޯސްވެފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ފުލުހުންގެ ވެހިކަލަކަށް އަރުވަނީ: ސިޔާސީ ބޭނުމަށް ގޭންގުތައް ބާރުވެރިކޮށް އެ މީހުންގެ މައްޗަށް ގާނޫނު ނުހިންގޭ ދަރަޖައަށް ވަނީ ކަންކަން ގޯސްވެފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ސިޔާސީ ޕާޓީތަކުގެ އެކި މަޖިލިސްތަކުގެ މެންބަރުންގެ ގޮތުގައި އެ މީހުން އެބަ ފެނޭ. ސިޔާސީ މީހުން ގޭންގު މެންބަރުން ކޮންޓްރޯލްކުރި ދުވަސްވަރަށް ފަހު އެ މީހުން ސިޔާސީ މީހުންނާ އެއް ސަފަށް މި އަންނަނީ. ދެން ފެންނަން ފަށާނީ ރައްޔިތުންގެ މަޖިލީސް ފަދަ ތަންތަނަށް އެ މީހުން ނުކުންނަ މަންޒަރު،" ސިޔާސީ ޕާޓީތަކަށް ވެސް މިކަން ވަރިހަމަ ވެފައިވާ ކަމަށް ސިފަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އެއީ ތެދެކެވެ. މީގެ ކުރިން ކިޔަމުން އައީ މުޒާހަރާ ލީޑުކުރީ ގޭންގު މީހުން ކަމަށެވެ. ހަމަނުޖެހުން ހިންގީ ވެސް ގޭންގު ނެރެގެން ކަމަށެވެ. އެ މަންޒަރު ވެސް އޭރު ފެނުނެވެ. އެކަމަކު އޭރު ލަޓިގަނޑު ހިފައިގެން ނުކުމެ ތަންތަން ތަޅައި ސުންނާފަތިކުރަން އުޅުނު މީހާ ޕާޓީގެ ލީޑަރާ އެއް ސަފެއްގައި ޕާޓީގެ ޖަލްސާގައި ވެސް އިނދެފާނެ އެވެ. ސިޔާސީ ވަކި ޕާޓީއަކަށް މިކަން ހާއްސައެއް ނޫނެވެ.

ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅަކު ވިދާޅުވީ ޕާޓީތަކުގެ އަސާސީ ގަވައިދާ އެއްގޮތަށް މީހަކު ޕާޓީއެއްގެ މަގާމަކަށް ކުރިމަތިލުމަށް ހުރަހެއް ނެތް ކަމަށާއި އެހެންވެ އެއީ ވަކި ގޭންގެއްގެ މީހެކޭ، ކުރިން މިވެނި ކަމެއް ކުރި މީހެކޭ ބުނެ ހުއްޓުވެން ނޯންނަނީ ކަމަށެވެ.

"ކޮންމެ މީހަކަށް ވެސް ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ވެވޭ. ޝަރުތު ހަމަވާ ނަމަ ޕާޓީގެ މަގާމުތަކަށް ކުރިމަތިލެވޭ. ދެން އެ މީހަކު ހިމެނޭ ދާއިރާއެއްގެ މެންބަރުން ވޯޓު ދީގެން މި އިންތިހާބުވަނީ. އެހެންވެ ކޮންމެ މީހަކަށް ވެސް ޕާޓީގެ އިސް ސަފާ ހިސާބަށް ވެސް ފުރުސަތު އޮވޭ،" އޭނާ ވިދާޅުވި އެވެ.

އެހެން ބުންޏަސް ޕާޓީތަކުގެ ބާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ގަދަކުރުމަށް ޕާޓީތަކުގެ ގޮފިތައް ހެދުން ފަދަ ކަންކަން ފަސޭހަކޮށްލަން ފަންސާހަކަށް މީހުން ވެސް ގޮފި ހަދަންވީ އެވެ. ކުދިންކޮޅެއް އެއްކޮށްލައިގެން ޕާޓީއަށް ފޯމު ފުރާލާފައި އެ މީހުންގެ ތާއީދާ އެކު ޕާޓީތެރެއަށް ދެމިގަންނަންވީ އެވެ. ގުޅިފައި ހުންނާނީ ޕާޓީތެރެއިން ވަރުގަދަ މީހަކާ އެވެ.

ސިޔާސީ މީހުން އަމިއްލަ އަށް ހޯދި ކަމެއް

ރާއްޖޭގެ ފަހުގެ ސިޔާސީ ކޯޅުންތައް ފެށިގެން އައި އިރު ސިޔާސީ ކަންކަމާއި ގޭންގުތަކާ އޮތް ގުޅުން 2012 ވަނަ އަހަރު އޭޝިއާ ފައުންޑޭޝަނުން ޝާއިއުކުރި ދިރާސާ "ރެޕިޑް ސިޗުއޭޝަން އެސެސްމަންޓް އޮފް ގޭންގްސް އިން މާލެ" ގައި ކިޔައިދީފައިވެ އެވެ. އެ ދިރާސާއަށް މިހާރު ބަލައިލުމުން ސިޔާސީ މީހުން އެ ވަގުތުގެ މަންފާ އަށް ހޯދީ އަމިއްލަ ހަލާކުކަން ސިފަކުރެވެ އެވެ.

ގޭންގުތަކުގެ މީހުންނާ ވާހަކަ ދައްކައިގެން ހެދި އެ ދިރާސާގައި ބުނެފައިވާ ގޮތުގައި އެ ދުވަސްވަރު މާލޭގައި 20-30 ގޭންގު އުޅެ އެވެ. އޭރު ގޭންގެއްގައި 50-400 އާ ދެމެދުގެ އަދަދަކަށް މީހުން އުޅެ އެވެ. ތަފާތު އެކި ސަބަބުތަކާ ހެދި މަގު ގެއްލިފައި ތިބި ޒުވާނުންގެ މައްޗަށް އުފެދުނު ގޭންގުތަކުގެ ނަހަމަ ބޭނުން ސިޔާސީ މީހުން ހިފައި އެ ޒުވާނުން އިތުރަށް ހަލާކުކޮށް އެ ތިބި އަނިޔާވެރި، ކުށްވެރި ވިސްނުމުގައި ބާރުވެރިކުރުވީ ސިޔާސީ ގޮތުން މޮޅުތަކެއް ލިބޭނެ ކަމަށެވެ. އެކަމަކު ގޭންގު މެންބަރުން ސިޔާސީ މީހުންނަށް އެއްވެސް އިތުބާރެއް ނުކުރެ އެވެ. އެހެންވެ އެ ދުވަސްވަރުން ފެށިގެން ވެސް އެ މީހުންގެ ވިސްނުން ހުރީ ސިޔާސީ މީހުން އެ މީހުންގެ އަތްދަށުލުމަށެވެ.

"ސިޔާސީ މީހުންނާއި ގޭންގު މެންބަރުން ތިބެނީ އެއްބަޔަކު އަނެއް ބަޔަކަށް ބަރޯސާވެގެންނެވެ. ގޭންގު މެންބަރުންގެ މައްޗަށް ތަންފީޒީ އިދާރާތަކުގެ ބާރު ހިންގިޔަ ނުދިނުމަށް ސިޔާސީ މީހުންގެ ބޭނުން ހިފާއިރު ސިޔާސީ މީހުން އެ މީހުންގެ ސިޔާސީ ބޭނުންވާ އެކި ކަންކަން ގޭންގުތައް ލައްވާ ކުރުވަ އެވެ. އަދި ސިޔާސީ މީހުންގެ ޣައިރު ގާނޫނީ އަމަލުތައް ގޭންގުތަކަށް އެނގުމުން އެ ހިސާބުން ސިޔާސީ މީހުން ބްލެކްމެއިލް ވެސް ވެ އެވެ." ދިރާސާގައި ބުނެފައިވެ އެވެ.

ގޭންގު މެންބަރުން ސިޔާސީ މީހުންނަށް އިތުބާރެއް ވެސް އިހުތިރާމެއް ވެސް ނުކުރެ އެވެ. މިއީ ޒުވާން ޖީލު ޑިމޮކްރަސީ ބަލައިގަންނާނެ ގޮތާ މެދު ކަންބޮޑުވާންޖެހޭ ކަމުގެ ނިޝާނެއް ގޮތުގައި މި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ސިފައިންނާއި ފުލުހުން މަސައްކަތްކުރަނީ: ސިޔާސީ ކޮންމެ ހަލަބޮލިކަމަކާ އެކު ގޭންގު ކުށްތައް ވެސް އިތުރުވޭ. -- ފައިލް ފޮޓޯ

ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ސިފައިންނާއި ފުލުހުން މަސައްކަތްކުރަނީ: ސިޔާސީ ކޮންމެ ހަލަބޮލިކަމަކާ އެކު ގޭންގު ކުށްތައް ވެސް އިތުރުވޭ. -- ފައިލް ފޮޓޯ

އެ ދިރާސާގައި ވެސް ފެންނަން އޮތީ މާލޭގައި ގޭންގު ހަރަކާތްތައް އިތުރުވީ ވެސް ސިޔާސީ ކަންކަމާ ގުޅިގެން ކަމަށެވެ.

ދިރާސާއަށް ވާހަކަ ދެއްކި ގޭންގު މެންބަރުން ބުނެފައިވާ ގޮތުގައި 2003 ވަނަ އަހަރު މާފުށީ ޖަލުގައި އަނިޔާގެ ސަބަބުން ގައިދީއަކު މަރުވުމާއި އެކަމާ ގުޅިގެން އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ކުއްލިއަކަށް ގޭންގުތައް ގިނަވި އެވެ. އަދި ސިޔާސީ ޕާޓީތައް އުފައްދައި ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށް އެކި ޕާޓީތަކުން އެކި ގޭންގުތަކާ ގުޅިގެން މަސައްކަތްކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ސިޔާސީ ދާއިރާގެ ބައެއް މީހުންނާއި ބައެއް ވިޔަފާރިވެރިން އެ މީހުން ބޭނުންވާ ކަންކަން ގޭންގުތައް ބޭނުންކޮށްގެން ކުރުމަށް ފަހު ބަދަލުގައި ފައިސާ ދޭ ކަމަށް ގޭންގު މީހުން ބުނެފައި ވެ އެވެ. އޭގައި ބުނެފައިވާ ގޮތުގައި، މުޒާހަރާއެއްގައި ބައިވެރިވުމުން ނުވަތަ ވަކި ކަމަކާ ގުޅުވައިގެން ހަމަނުޖެހުން އުފައްދައި ތަންތަނަށް ގެއްލުން ދިނުން ފަދަ ކަންކަން ކޮށްދިނުމުން ބަދަލުގައި ފައިސާ ދިނުމުން އޭގައި ނުހިފާ ގޭންގެއް ވަރަށް މަދުވާނެ އެވެ. ފައިސާ ނުވަތަ ރަލަށް ވެސް މިފަދަ ކަންކަން ކޮށްދެ އެވެ. ނުވަތަ ގޭންގު މެންބަރުން ޕާޓީކުރަން ސަފާރީއެއް ހަމަޖައްސައިދެނިކޮށް ވެސް އެ މީހުން ބުނާ ކަންކަން ކުރެ އެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި ސިޔާސީ މީހުން ބުނާ ކަންކަން ކޮށްގެން ގޭންގުތަކުގެ ލީޑަރުންނަށް އޭރު މަހަކު މިލިއަނެއްހާ ރުފިޔާ ލިބުނެވެ. މި ފައިސާ މަސްތުވާތަކެތީގެ ވިޔަފާރި އާއި އެކި ކަންކަމަށް އިންވެސްޓުކޮށް މުއްސަނދިކަން ހޯދައި، އެންމެ ފަހުން ސިޔާސީ މީހުންނާއި ސިޔާސީ ހަރަކާތްތަކަށް ފަންޑުކުރާ ބަޔަކަށް އޭރުގެ ގޭންގު ލީޑަރުން ވީ އެވެ. އެ މަރުހަލާ ނިމި ދެން އޮތީ ސިޔާސީ މީހުންގެ ނިވަލުން ނުކުމެ އެ މީހުން ސިޔާސީ ބާރުވެރިކަން ފާޅުގައި ހޯދުމެވެ.