Roadha Mihaaru
ވަތްކެއް ނުކުރެވޭނެ، އެމްޑީޕީ އަނބުރާ ހޯދާނަން:ނަޝީދު

އެމްޑީޕީއާ ހިތް ވަތްކެއް ނުކުރެވޭނެ، ޕާޓީ އަނބުރާ ހޯދާނަން: ނަޝީދު

15 މެއި 2023

އެމްޑީޕީއާ ހިތް ވަތްކެއް ނުކުރެވޭނެ ކަމަށާއި ޕާޓީ އަނބުރާ ހޯއްދަވާނެ ކަމަށް އެ ޕާޓީގެ ތެރޭގައި ވަކި ފެކްޝަނެއް އިއުލާން ކުރައްވައިގެން މަސައްކަތްޕުޅު ކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީއާ ހިތް ވަތްކެއް ނުކުރެވޭނެ ކަމަށާއި ޕާޓީ އަނބުރާ ހޯއްދަވާނެ ކަމަށް އެ ޕާޓީގެ ތެރޭގައި ވަކި ފެކްޝަނެއް އިއުލާން ކުރައްވައިގެން މަސައްކަތްޕުޅު ކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ތިއްބެވި ގްރޫޕެއްގައި ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ އަށް "ގައްދާރުވާ މީހުން ވަކިކުރަން" ގޮވާލައި ދެތިން މީހަކު ޕާޓީގެ އޮފީސް ދޮރުމައްޗަށް އެއްވުމުންނެވެ. އެމްޑީޕީ އޮފީސް ކައިރީގައި ޝުއޫރުފާޅުކުރި ފަސް މީހުންގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އާއި އެކްޓިވިސްޓް، މުހައްމަދު ނާޒިމް (ބައުންޓީ ނާޒިމް) ހިމެނެ އެވެ.

އެމްޑީޕީ އޮފީސް ކައިރިއަށް އެއްވި މީހުން ގަނޑުތައް ހިފައިގެން ޝުއޫރުފާޅުކުރަނީ.

އެމްޑީޕީ އޮފީސް ކައިރިއަށް އެއްވި މީހުން ގަނޑުތައް ހިފައިގެން ޝުއޫރުފާޅުކުރަނީ.

އިދިކޮޅު ޕާޓީތަކާ ގުޅިގެން ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވާ ނަޝީދާއި އެ މަނިކުފާނުގެ އަރިސް މެމްބަރުންނަށް އިޝާރާތްކޮށް މެމްބަރުންނަށް ތަފާތުކުރުން ހުއްޓާލުމަށާއި ޕާޓީއަށް ގައްދާރުވާ މީހުން ވަކިކުރަން ގޮވާލައި އެ ގަނޑުތަކުގައި ލިއެފައިވެ އެވެ.

މި ފޮޓޯއާ ގުޅިގެން ނަޝީދު އެއްސެވީ "ނާޒިމް ޕާޓީގައި އަޅުގަނޑު ހުރީމަ އުނދަގޫވީތޯ" އެވެ. ޖަވާބުގައި އޭނާ ބުނީ އެތަނުގައި ގޮވާލީ ގައްދާރުވީ މީހުން ޕާޓީން ވަކިކުރަން ކަމަށެވެ. ނަޝީދު ގައްދާރުވީތޯ ވެސް ނާޒިމް އެހި އެވެ.

ނަޝީދު ވިދާޅުވީ ފިކުރެއްގެ ދިރުމުގެ މެމްބަރުން އެމްޑީޕީއާ ވަތްކެއް ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހިތް އެމްޑީޕީ އާއި ވަކި ނުވާނެ. އަދި އަޅުގަނޑުމެން އެމްޑީޕީ ފިކުރުގެ ދިރުން ނެރޭނެ. އެމްޑީޕީ އަނބުރާ ހޯދާނެ،" ނަޝީދު ވިދާޅުވި އެވެ.

ޗާގޮސްގެ މައްސަލާގައި، އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބައިވެރިވެވަޑައިގަންނަވަ އެވެ. މި މައްސަލާގައި ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލަމެންޓްރީ ގްރޫޕްގެ ގަވާއިދާ ޚިލާފުވާ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ޕާލަމެންޓްރީ ގްރޫޕުގެ ނިންމުންތަކާ ޚިލާފުވާ، އެ މެމްބަރުން ޕާޓީން ވަކިކުރެވޭނެ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވި އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ޗާގޮސް މައްސަލާގައި މުޒާހަރާކުރަން ނިންމީ، އަމިއްލަ ސިޔާސީ މަންފާއަށެވެ. އެ މައްސަލާގައި ސަރުކާރުން އިސްކޮށްފައި ވަނީ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.