Roadha Mihaaru
ސީއެޗްއެސްއީގެ ނުވަ ދަރިވަރަކަށް ރައީސްގެ ސްކޮލާޝިޕް

ސީއެޗްއެސްއީގެ ނުވަ ދަރިވަރަކަށް ރައީސްގެ ސްކޮލާޝިޕް، ސީއެޗްއެސްއީއަށް ރެކޯޑެއް

17 މެއި 2023

އޭ އެލެވެލް އިމްތިހާނުން އެއް ވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް، ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ނުވަ ދަރިވަރަކަށް ރޭ ލިބިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އޭ އެލެވެލް އިމްތިހާނުން އެއް ވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް، ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ނުވަ ދަރިވަރަކަށް ރޭ ލިބިއްޖެ އެވެ.

ކޮންމެ އަހަރަކު ވެސް ސީއެޗްއެސްސީގެ ދަރިވަރުންނަށް ރައީސްގެ ސްކޮލާޝިޕް ލިބެ އެވެ. ނަމަވެސް މިއީ އެ ސްކޫލްގެ މިހާ ގިނަ އަދަދެއްގެ ދަރިވަރުންނަށް އެ ސްކޮލާޝިޕް ލިިބުނު ފުރަތަމަ ފަހަރު ކަމަށް އެ ސްކޫލުން ބުނެ އެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ "މިހާރު" އަށް ވިދާޅުވީ ރައީސްގެ ހާއްސަ ސްކޮލަޝިޕް މިފަހަރު ލިބުނު 17 ދަރިވަރުންގެ ތެރެއިން ނުވަ ދަރިވަރުންނަކީ އެ ސްކޫލުގެ ކުދިން ކަމަށެވެ.

"މިއީ މިހާތަނަށް ސީއެޗްއެސްއީ އިން ހޯދި އެންމެ ރަނގަޅު ކާމިޔާބު. ކޮންމެ އަހަރަކު ވެސް އެންމެ ރަނގަޅު ކާމިޔާބު ހޯދަނީ. އެކަމަކު އެހެން އަހަރުތަކަށް ވުރެ މި އަހަރު ރައީސްގެ ސްކޮލާޝިޕް ލިބުނު ކުދިންގެ އަދަދު އިތުރު،" ސޮފޫރާ ވިދާޅުވި އެވެ.

ރައީސްގެ ސްކޮލާޝިޕް ލިބުނު ސީއެޗްއެސްއީގެ ދަރިވަރުން:

1. އަބްދުލް ރައުދް މޫސާ

2. އައިޝަތު އިއްޒަތު ޔޫސުފް

3. އައިޝަތު ނީޝާން ވަހީދު

4. އައިޝަތު ރައީފާ ނަސީމް

5. އައިޝަތު ޔަޝާ އަހްމަދު

6. މަރިޔަމް މަލާކް ހުސެއިން

7. ނާޝާ ނަސީމް

8. ރާނިޔާ އަގްލީމް

9. ޝާއިން މުހައްމަދު ރިފްއަތް

އެ ދަރިވަރުންނަށް ސްކޮލާޝިޕް ހަވާލުކޮށްފައި ވަނީ ރޭ ދަރުބާރުގޭގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

މިދިޔަ އަހަރު ރާއްޖެއިން ރައީސްގެ ސްކޮލާޝިޕް ލިބުނީ ޖުމްލަ ހަ ކުދިންނަށެވެ. އެއީ ސީއެޗްއެސްސީގެ ފަސް ދަރިވަރަކާއި ޖަލާލުއްދީން ސްކޫލްގެ ދަރިވަރަކަށެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތުގައި ވަނީ ހައި އެޗީވާސް ސްކޮލާޝިޕް ލިބުނު 138 ދަރިވަރުންނަށް ވެސް އެކަމުގެ ލިޔުން ހަވާލު ކޮށްފަ އެވެ. އޭގެ ތެރެއިން ވެސް 54 ދަރިވަރުންނަކީ ސީއެޗްއެސްސީގެ ދަރިވަރުންނެވެ.

އެއީ ވެސް ސަރުކާރުން ދޭ ސްކޮލާޝިޕެކެވެ.