Roadha Mihaaru
މާލޭގެ ސީއެޗްއެސްއީ ސެޕްޓެމްބަރުގައި އަލުން ފަށަނީ

މާލޭގެ ސީއެޗްއެސްއީ ސެޕްޓެމްބަރުގައި އަލުން ފަށަނީ

21 ޖުލައި 2024

މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ އިމާރާތުގައި އަންނަ ސެޕްޓެމްބަރު މަހު އަލުން އޭ ލެވެލްއަށް ކިޔަވައިދޭން މަރާމާތު ކުރަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ އިމާރާތުގައި އަންނަ ސެޕްޓެމްބަރު މަހު އަލުން އޭ ލެވެލްއަށް ކިޔަވައިދޭން މަރާމާތު ކުރަން ފަށައިފި އެވެ.

އެ ސްކޫލަށް ކިޔަން ނިންމާފައި ވަނީ "ސީއެޗްއެސްއީ މާލެ" އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު އޭ ލެވެލްއަށް ކިޔަވަން ފަށަންވާ އިރަށް އެ ސްކޫލް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޓާގެޓަކީ އަންނަ މަހުގެ 20އަށް އެ ސްކޫލުގެ މަރާމާތުގެ މަސައްކަތްތައް ނިންމުން. ސެޕްޓެމްބަރު 1ގައި އޭލެވެލް ފެށެންވާއިރަށް ނިމޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއް ސެޝަނަށް އެ ސްކޫލުގައި 600 ދަރިވަރުންނަށް ކިޔަވައިދެވޭނެ އެވެ. އަދި ދެ ޝެޝަނަށް ނަމަ 1،200 ދަރިވަރުންނަށް ޖާގަ ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސީއެޗްއެސްއީ މާލެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ސީއެޗްއެސްއީ މާލެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި މި ހިނގާ 2024 ވަނަ އަހަރު މާލޭގެ އެކި ސްކޫލްތަކުގެ ގްރޭޑް 10ގައި 1،700 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. މާލޭގައި އޭ ލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެ ކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުން ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މަތީ ސާނަވީއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު، ސީއެޗްއެސްއީ މިހާތަނަށް ހިންގީ އަމީނިއްޔާ ސްކޫލުގެ ބިއްދޮށުގަ އެވެ. އެކަމަކު، އެ އިމާރާތް ބޭނުންކުރުން މިދިޔަ އޮގަސްޓް މަހު ހުއްޓާލުމަށް ފަހު، ސީއެޗްއެސްއީ ބަދަލުކުރީ ހުޅުމާލޭގައި އަލަށް ހެދި އިމާރާތަށެވެ.

މާލޭގައި މި އިމާރާތުގައި ކިޔަވައިދޭން އަލުން ފެށި ނަމަވެސް ހުޅުމާލޭގައި ވެސް އޭލެވެލް އަށް ކިޔަވައިދޭން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.