Roadha Mihaaru
އެއް މާއްދާއިން ފާސްވިޔަސް އޭ ލެވެލްއަށް ފުރުސަތުދެނީ

އިތުރު 23 ސްކޫލެއްގައި އޭ ލެވެލް ފަށައި އެއް މާއްދާ އިން ފާސްވިޔަސް ފުރުސަތު ދެނީ

23 ޖުލައި 2024

އޭ ލެވެލް އިތުރު 23 ސްކޫލެއްގައި ފަށަން ނިންމާފައިވާ ކަން އިއުލާންކުރައްވައި، އެއް މާއްދާއިން ފާސްވިޔަސް ކިޔަވަން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އޭ ލެވެލް އިތުރު 23 ސްކޫލެއްގައި ފަށަން ނިންމާފައިވާ ކަން އިއުލާންކުރައްވައި، އެއް މާއްދާއިން ފާސްވިޔަސް ކިޔަވަން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ސީއެޗްއެސްއީގެ އިނާމް ދިނުމުގެ ޖަލްސާގައި މިނިސްޓަރުު ވަނީ އޯ ލެވެލް ނިންމައި ގްރޭޑް 11، 12 ގައި ކިޔަވަން ފުރުސަތު ލިބޭ ދަރިވަރުންގެ އަދަދު މަދު ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ގްރޭޑް އެކަކަށް ވަންނަ 7،000 ދަރިވަރުންގެ ތެރެއިން އޯ ލެވެލް ނިންމައި މަތީ ފެންވަރުގެ ޔުނިވާސިޓީއަށް ވަދެވޭ ވަރަށް 2،500 ދަރިވަރުން ވެސް ފާސް ނުވާ ކަމަށެވެ. މިކަން ބަދަލުކުރަން ކުރާ މަސައްކަތުގައި އަމާޒަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވީހާ ގިނަ ކުދިންނަށް އޭ ލެވެލްއަށް ކިޔެވޭނެ ގޮތް ހަމަޖައްސައިދިނުމެވެ.

ސީއެޗްއެސްއީގެ މި އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ވަޑައިގަތުމުން މަރުހަބާ ދަރިވަރުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ސީއެޗްއެސްއީގެ މި އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ވަޑައިގަތުމުން މަރުހަބާ ދަރިވަރުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އޭ ލެވެލް އަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ މަޝްވަރާތައް ކުރެވި ދެ މާއްދާ އިން ނުވަތަ އެންމެ މާއްދާއަކުން ފާސްވިޔަސް ދަރިވަރުންނަށް ފުރުސަތު ދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމުން މަޝްވަރާ ކުރެވި، ރައީސްއާ ވެސް މިކަމުގައި މަޝްވަރާ ކުރެވި، އަޅުގަނޑުމެން ނިންމީ ދެ މާއްދާއިން ފާސް ވިޔަސް އޭލެވެލް ކިޔެވުމުގެ ފުރުސަތު ދޭން. އަދި ސްކޫލުގައި ޖާގަ އޮތް ކަމުގައިވާ ނަމަ އެންމެ މާއްދާއަކުން ފާސް ވިޔަސް އަޅުގަނޑުމެން ނިންމީ އޭލެވެލް ކިޔަވަން ފުރުސަތު އެ ދަރިވަރަކަށް ދޭން،" މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރޭގެ ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރާއްޖޭގެ ތައުލީމުގެ ރޫހަކީ ދަރިވަރުގެ އުމުރުން 18 އަހަރު ވަންދެން ތައުލީމު ދިނުން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ "މީހުން، މީހުންނަށް ވާނީ މީހުންނަށް ހެދުމުން" ކަން ގަބޫލުކުރައްވާ ކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ ކިތަންމެ ކުޑަ ފުރުސަތެއް ލިބޭ ނަމަވެސް އެ ފުރުސަތުން މީހުން އުފެއްދުމަށް އިންވެސްޓް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަލަށް އޭ ލެވެލް ފަށާ ސްކޫލްތަކުގެ ނަތީޖާއަށް ބަލައި ސަރުކާރުގެ ވިސްނުމަކީ އިތުރު ސްކޫލުތަކުގައި ވެސް އޭ ލެވެލްއަށް ކިޔަވައިދޭން ފެށުމެވެ.