Roadha Mihaaru
ޝަރީފަށް ކުރި އަބުރުގެ ދައުވާ އަނބުރާ ގެންގޮސްފި

ނަޝީދު ޝަރީފާ ދެކޮޅަށް ކުރެއްވި އަބުރުގެ ދައުވާ އަނބުރާ ގެންގޮސްފި

18 މެއި 2023

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) އާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ އަބުރުގެ ދައުވާ އަނބުރާ ގެންދަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) އާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ އަބުރުގެ ދައުވާ އަނބުރާ ގެންދަވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ނަޝީދު 50 މީހަކު މަރަން ރޭވި ކަމަށް ބުނެ ޝަރީފް ކުރެއްވި ޓްވީޓަކާ ގުޅިގެން ނަޝީދުގެ އަބުރަށް ގެއްލުން ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން އެދި ކުރެއްވި ދައުވާ އަނބުރާ ގެންދެވީ ޝަރީފްގެ ފަރާތުން ދިފާއު ވެސް ހުށަހެޅުއްވި ފަހުންނެވެ.

ސިވިލް ކޯޓުގެ ހުމުގައިވާ ގޮތުން ދައުވާ އަނބުރާ ގެންދަވަން ބޭނުންވާ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ މި މައްސަލަ މިހާރު ކުރިއަށް ގެންދަން ބޭނުން ނުވުމެވެ. އެހެންވެ ދައުވާ އަނބުރާ ގެންދިއުމާ މެދު، ދައުވާ ލިބޭ ފަރާތުގެ އިތުރާޒެއް އޮތްތޯ ބެލުމަށް ގާނޫނުގައި ދޭ 28 ދުވަހުގެ މުއްދަތު ފަހަނަޅައި ދިޔައިރު ވެސް ޝަރީފްގެ އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.

މަދަނީ ދައުވާއެއް ކުރުމަށް ފަހު ދައުވާ އަނބުރާ ގެންދާ ހާލަތުގައި، ދައުވާގެ ސަބަބުން ކުރަންޖެހުނު ހަރަދެއް އޮތް ނަމަ، ދައުވާ ކުރި ފަރާތުން އެކަމަށް ޒިންމާވާންޖެހޭނެ އެވެ. އެކަމަކު ޝަރީފްގެ ފަރާތުން އެ ހަރަދު ހޯދަން ވެސް ހުށައެއްނާޅުއްވަ އެވެ.

އެހެންވެ ކޯޓުން ނިންމީ ނަޝީދު ކުރެއްވި ދައުވާ އަނބުރާ ގެންގޮސްވާ ކަމަށާއި މިހާރު ދައުވާގެ ފޯމު ބާތިލްވީ ކަމަށެވެ.

ނަޝީދަށް ތުހުމަތުކުރައްވައި ޝަރީފް ކުރެއްވި ޓްވީޓްގައި ނަޝީދު 50 މީހުން މަރަން އުޅުއްވީ ނޫސްވެރިންގެ ގޮތުގައި ކުލީ ސިފައިންގެ ބަޔަކު ރާއްޖެ ގެނެސްގެން އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން ކަމަށް ލިޔުއްވާފައިވެ އެވެ. އެ ތުހުމަތުތައް ނަޝީދުގެ ފަރާތުން ވަނީ ދޮގުކޮށްފަ އެވެ.

މިގޮތަށް ޝަރީފް ޓްވީޓް ކުރެއްވީ އެމްޑީޕީ ތެރޭ އުފެދިފައިވާ ފެކްޝަންތަކުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް ދިން ބަހުގެ ހަމަލާތަކުގަ އެވެ.