Roadha Mihaaru
ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލައެއް

ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މައްސަލައެއް ހުށަހަޅައިފި

19 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނާ މައްސަލައެއް އެމްޑީޕީން މިއަދު ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނާ މައްސަލައެއް އެމްޑީޕީން މިއަދު ހުށަހަޅައިފި އެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ހުށަހެޅުއްވި އެ މައްސަލަ އަށް ބަހުސް ކުރުމަށް މިއަދު ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި 37 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް ވަނީ ބަހުސް ފަށައިފަ އެވެ. އެ މައްސަލަ ބަލައިގަނެ، ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް ހަމަވުމަށް ފަހު، އެންމެ އަވަހަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިހުގެ ރައީސް ކަމަށް ބުނެފައިވީ ނަމަވެސް ނަޝީދު އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އިންކާރު ކުރައްވާފައިވާ ކަމަށެވެ.

ރިޔާސަތާ ހަވާލުވެވަޑައި ނުގެން އެ ދުވަހު މަޖިލީހުގެ ކުޑަދޮށާއި އެހެނިހެން ހަރަކާތްތަކުގައި ނަޝީދު ބައިވެރިވެވަޑައިގަތް ކަމަށާއި އޭގެ ސަބަބުން އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދެވޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މިއީ މުޅި މަޖިލީހުގެ ހައްގަށް އަރައިގަތުން. ޖުމްލަ ގޮތެއްގައި އިމްތިޔާޒަށް އުނިކަން އަންނަ އަމަލެއް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ނަޝީދު އެގޮތަށް އަމަލު ކުރައްވާފައި ވަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފަށެވެ. އެކަމާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒަށް ނަޝީދު އަރައިގަތް މައްސަލަ ބަލައިދިނުމަށް ޝަރީފް ހުށަހެޅުއްވި އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، އިމްތިޔާޒާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ނަމަ އެހެން ހުރިހާ މަސައްކަތަކަށް ވުރެ ކުރިން އިސްކަން ދޭން ޖެހެ އެވެ. އެ އާ ގުޅޭ ގޮތުން ގޮތެއް ނުނިންމައި އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ގަވައިދުގައި ވެ އެވެ.