Roadha Mihaaru
ޑިމޮކްރެޓްސްއިން ކޯޓަށް މައްސަލަ ވައްދައިފި

ހުއްދަ ލަސްކުރުމުން ޑިމޮކްރެޓްސްއިން ކޯޓަށް މައްސަލަ ވައްދައިފި

25 ޖޫން 2023

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުން އުފެއްދެވުމަށް މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް ހުއްދަ ދިނުން ލަސްކޮށްފައިވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަންއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުން އުފެއްދެވުމަށް މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް ހުއްދަ ދިނުން ލަސްކޮށްފައިވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަންއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ދައުވާކޮށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި ޕާޓީ ރަޖިސްޓްރީކުރުން ލަސްކޮށް އެ މަގުން އިލެކްޝަން ކޮމިޝަންގެ މަސައްކަތްތައް ބައްޓަންކޮށްފައިވާ ކަމަށެވެ.

މައްސަލައިގެ ދައުވާގައިވާ ގޮތުން، އިލެކްޝަން ކޮމިޝަނުން ވަނީ ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އިލެކްޝަން ކޮމިޝަންގެ ގާނޫނު އަދި ޝަރުއީ ހަމަތަކާ ވެސް ހިލާފުވެފަ އެވެ. އަދި، ދުސްތޫރީ ގޮތުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް ވެސް އުނިކަން އަންނަ ގޮތަށް އެ ކޮމިޝަނުން ދަނީ މަސައްކަތްކުރަމުން ކަމަށް ބުނެފައި ވެ އެވެ.

އެހެންވެ، އެ ހައްގުތައް ކަށަވަރުވާކަން ޔަގީންކުރުމުގެ ގޮތުން ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ)ގެ ދަށުން ޖުޑީޝަލް ރިވިއުގެ މައްސަލައެއް ހުށަހަޅާ ކަމަށް ހަސަން ލަތީފް ދައުވާކުރައްވާ މައްސަލާގައި ވެ އެވެ. އެ މާއްދާގައިވާ ގޮތުން އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް ނުވަތަ އެއްވެސް ބައެއްގެ ހައްގަކަށް، ނުވަތަ މުޖުތަމައުގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެ ކަމެއް ކޯޓަށް ހުށަހެޅުމުގެ ހައްގު އެ މީހަކަށް ނުވަތަ އެ ބަޔަކަށް ނުވަތަ އެ ކަމުން ސީދާ ގޮތެއްގައި އަސަރު ފޯރައިފާނޭ ކޮންމެ މީހަކަށްމެ ލިބިގެންވެ އެވެ.

އަލަށް އަމަލުކުރަން ފެށި މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން މި ބާވަތުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް އޮވެ އެވެ.

ޑިމޮކްރެޓްސްގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު މިއަދު އިލެކްޝަން ކޮމިޝަނުން ވަނީ ޕާޓީ ރަޖިސްޓްރީކުރުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އަންނަ މަހުގެ ދެވަނަ ދުވަހު އެ ޕާޓީއަށް ދޭން ނިންމައިފަ އެވެ. އިީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ އަންނަ ހަފުތާގައި ދޭން އީސީން ނިންމާފައިވާކަން އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިފައިވާ ފަރާތަށް އަންގާފައިވާ ކަމަށެވެ.

މިދިޔަ މަހު 24 ގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއެކު އެ ޕާޓީ ރަޖިސްޓްރީ ކުރަން 3،560 ފޯމު މި މަހުގެ ފުރަތަމަ ދުވަހު އީސީއަށް ހުށަހެޅި އެވެ. އީސީން ކުރިން ބުނި ގޮތުގައި، ޑިމޮކްރެޓްސް އިން ހުށަހެޅި މެމްބަރުންގެ ފޯމުތައް ޕްރޮސެސްކޮށް ނިމުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނެ އެވެ. އެންމެ އަވަސް ވިޔަސް އެކަމަށް 3-4 ހަފުތާ ހޭދަވާނެ ކަމަށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައި ވެ އެވެ. އެހެންނަމަވެސް، ޕާޓީއަށް ހުއްދަ ދިނުމުގައި އިލެކްޝަން ކޮމިޝަންގެ ތެރޭގައި ހިޔާލު ތަފާތުވެ އެކަން ލަސްވެގެން ދިޔުމުގެ ކަންބޮޑުވުން ޑިމޮކްރެޓްސްގެ ބޭފުޅުން ދިޔައީ ފާޅުކުރައްވަމުންނެވެ. އެ ޕާޓީއަށް ހުއްދަ ދިނުމުގައި ކޮމިޝަންގެ ރައީސް އަމަލު ކުރައްވަނީ ނުފޫޒުން ކަމަށް ވިދާޅުވެ، ކޮމިޝަންގެ ބައެއް މެންބަރުން ޖަލްސާތަކުގައި ބައިވެރިވުމަށް ވެސް ދެކޮޅު ހެއްދެވި އެވެ.

އިލެކްޝަން ކޮމިޝަންއާ ދެކޮޅަށް ޑިމޮކްރެޓްސްއިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، އެމްއާރްއެމް އުވާލުމަށް ނިންމި މައްސަލާގައި އެ ޕާޓީން ވެސް ވަނީ އެ ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެމްއާރްއެމް އަދި ޑިމޮކްރެޓްސް ހިމެނޭ ގޮތަށް މިއަދު ވަނީ ސިޔާސީ ޕާޓީތަކުން އިލެކްޝަން ކޮމިޝަންއާ މެދު ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީ ވެސް ބައިވެރިވި އެވެ.