Roadha Mihaaru
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލިހަށް

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލިހަށް ވައްދައިފި

18 މެއި 2023

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 13 މެމްބަރެއްގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލިހަށް މިއަދު އަލުން ހުށަޅައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 13 މެމްބަރެއްގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލިހަށް މިއަދު އަލުން ހުށަޅައިފި އެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލިހުގެ އިދާރާގައި މިއަދު ބޭއްވި މީޑިއާ ބްރީފިންގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ދިފާއުގައި މިނިސްޓަރު ޝާހިދު އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށާއި އެހެންވެ އޭނާ މަގާމުން ވަކިކުރުމަށް ހުށަހެޅުއްވީ ކަމަށެވެ.

ޝާހިދު މަގާމުން ވަކިކުރުމުގެ މައްސަލަ މިދިޔަ ހޯމަ ދުވަހު ވެސް މަޖިލިހުގެ އިދާރާ އަށް ހުށަހެޅި އެވެ. އެކަމަކު، މާ ގިނައިރުތަކެއް ނުވަނީސް އެ ދުވަހު އެ މައްސަލަ އަނބުރާ ގެނައީ އިތުރު މެމްބަރުންތަކެއް ސޮއިކުރައްވަން ބޭނުންވާތީ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ޝާހިދުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މަގާމުން ވަކިކުރަން ވެސް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ނޯޓިސް މަޖިލިހުގެ އިދާރާ އިން ވަނީ މިދިޔަ އަންގާރަ ދުވަހު 14 ދުވަހުގެ ނޯޓިސް އޭނާ އަށް ފޮނުވައިފަ އެވެ.

މިނިސްޓަރެއްގެ އިތުބާރު ނެތް މައްސަލަ 10 މެންބަރެއްގެ ސޮޔާއެކު މަޖިލިހަށް ހުށަހެޅެ އެވެ. އެކަމަކު ވަޒީރަކު ވަކި ކުރަން އިތުބާރު ނެތް ކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.