Roadha Mihaaru

ޝާހިދުގެ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންގޮސްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް މައްސަލަ ވެއްދިތާ މާ ގިނައިރުތަކެއް ނުވަނީސް އެ މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ޝާހިދުގެ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންގޮސްފި
މޫސާ ރަޝީދު
މޫސާ ރަޝީދު

15 މެއި 2023

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް މައްސަލަ ވެއްދިތާ މާ ގިނައިރުތަކެއް ނުވަނީސް އެ މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

"މެންދުރު ހުށަހަޅާގައި ހަވީރު އަނބުރާ ގެންގޮސްފި،" އެ އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި އެވެ.

"އަނބުރާ ގެންދިޔަ ސަބަބެއް ނުބުނޭ."

މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެއް ބޭފުޅާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅީ ރާއްޖެ-މޮރިޝަސް އިން ވަކި ކުރި މައްސަލާގައި ރާއްޖެއިން ބޮޑު ބައެއް ގެއްލުނު ކަމަށް ބުނެ އެވެ.

މިނިސްޓަރު ޝާހިދު: އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ސޮޔެއް ނުކުރޭ.

މިނިސްޓަރު ޝާހިދު: އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ސޮޔެއް ނުކުރޭ.

އެނގިފައިވާ ގޮތުގައި ޝާހިދުގެ އިތުބާރު ނެތް މައްސަލަ އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން މެންބަރުންގެ ތާއީދެއް ނެތެވެ. އެ މައްސަލާގައި "ފިކުރެއްގެ ދިރުން" ފެކްޝަނުގެ އެއްވެސް މެމްބަރަކު ސޮއެއް ނުކުރައްވަ އެވެ.

ޝާހިދުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ސޮއި ކުރެއްވީ 13 މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނާއި އެމްއެންޕީގެ މެންބަރުން އަދި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސެއިނެވެ.

އެ މައްސަލަ ހުށަހަޅަން ފިކުރެއްގެ ދިރުންގެ އެއްވެސް މެންބަރަކު ސޮއި ނުކުރައްވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ސޮއެއް ވެސް ނެތެވެ.

އެމްޑީޕީން ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާ އެ ޕާޓީގެ މެންބަރުން ވަކި ކުރާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. ނަމަވެސް މީގެ ކުރިން އެ ފެކްޝަންގެ އެއްވެސް މެންބަރަކަށް ފިޔަވަޅެއް އަޅާފައި ނުވެ އެވެ.

މިނިސްޓަރެއްގެ އިތުބާރު ނެތް މައްސަލަ 10 މެންބަރެއްގެ ސޮޔާއެކު މަޖިލިހަށް ހުށަހެޅެ އެވެ. އެކަމަކު ވަޒީރަކު ވަކި ކުރަން އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.

ގާނޫނުއަސާސީގައިވާ ގޮތުން އެ މައްސަލަ އާ ބެހޭ ބަހުސް މަޖިލީހުގައި ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަން ވާނެ އެވެ. އަދި އަނގަބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އޮންނާނެ އެވެ.