Roadha Mihaaru
ޓައިވާން ސަފީރެއް ކަނޑައަޅަން ފޮނުވުމުން މާފަށް އެދެފި

ޓައިވާނަށް ސަފީރެއް ކަނޑައަޅާ ކަމަށް މާނަކުރެވުނު ސިޓީގެ މައްސަލާގައި ސަރުކާރުން މާފަށް އެދިއްޖެ

19 މެއި 2023

ރާއްޖެއިން ޓައިވާނަށް ސަފީރަކު ކަނޑައަޅަން ފޮނުވުނު ސިޓީގެ މައްސަލާގައި ދިވެހި ސަރުކާރުން މާފަށް އެދެފި ކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެއިން ޓައިވާނަށް ސަފީރަކު ކަނޑައަޅަން ފޮނުވުނު ސިޓީގެ މައްސަލާގައި ދިވެހި ސަރުކާރުން މާފަށް އެދެފި ކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ "ރިޕަބްލިކް އޮފް ޗައިނާ" އަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ހުދާ އަލީ ޝަރީފް އައްޔަން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރިޕަބްލިކް އޮފް ޗައިނާ އަކީ ޓައިވާން އެވެ. އެއީ ޗައިނާގެ މައި ސަރުކާރާ ދެކޮޅު ހަދައި ވަކި ގައުމެއް ކަމަށް ދައުވާ ކުރަމުން އަންނަ ގައުމެކެވެ.

ޓައިވާނަކީ މިނިވަން ވަކި ގައުމެއްގެ ގޮތުގައި ބައެއް ގައުމުތަކުން ބެލިޔަސް، ޗައިނާއިން ދެކޭ ގޮތުގައި އެއީ އެ ގައުމުގެ ބައެކެވެ. މި ފަހުން ވެސް ރާއްޖެއިން ވަނީ ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ރާއްޖެ އިން އަދިވެސް ދަމަހައްޓާނެ ކަމަށް ބުނެފަ އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެންގް ލިޒިން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަން ހިނގި ގޮތް ފޮރިން މިނިސްޓްރީން ސާފުކޮށްދީ މާފަށް އެދިފައިވާ ކަމަށެވެ.

ވަން ޗައިނާ-ޕްރިންސިޕަލް ރާއްޖެއިން ދިގު މުއްދަތަކަށް ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް ސަފީރު ވިދާޅުވި އެވެ.

ޓައިވާނަށް އދ. އިން މިނިވަން ދައުލަތެއްގެ ދަރަޖަ ނުލިބުނަސް އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި 15 ގައުމަކުން ގަބޫލުކުރެ އެވެ. އެކަމަކު އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިއާ އާއި ބާރުގަދަ އެހެން ގައުމުތަކުގައި ރަސްމީ ސިފައެއްގައި ޓައިވާން ބަލައެއް ނުގަނެވެ.