Roadha Mihaaru
ގާޑިއޯލާ ޕްރިމިއާ ލީގު އަޅާކީ ވިމްބަލްޑަންއާ

ގާޑިއޯލާ ޕްރިމިއާ ލީގު އަޅާކީ ވިމްބަލްޑަންއާ

20 މެއި 2023

މެންޗެސްޓާ (މެއި 20) - ހައިބަތު ބޮޑު ވިމްބަލްޑަން މުބާރާތް ކާމިޔާބު ކުރުމަކީ އެންމެ އުނދަގޫ މަސައްކަތް ގޮތަށް ޓެނިސް ކުޅުންތެރިން ސިފަކުރާ ކަމަށާއި، އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމަކީ އެހާ އުނދަގޫ ކަމެއްކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

މެންޗެސްޓާ (މެއި 20) - ހައިބަތު ބޮޑު ވިމްބަލްޑަން މުބާރާތް ކާމިޔާބު ކުރުމަކީ އެންމެ އުނދަގޫ މަސައްކަތް ގޮތަށް ޓެނިސް ކުޅުންތެރިން ސިފަކުރާ ކަމަށާއި، އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމަކީ އެހާ އުނދަގޫ ކަމެއްކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި ސިޓީ މާދަމާ ޗެލްސީ ބަލިކޮށްގެން މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ. އޭގެކުރިން މިރޭ އާސެނަލް އަތުން ނޮޓިންހަމް ފޮރެސްޓް މޮޅުވިޔަސް ސިޓީ އަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.

"ޓެނިސް ކުޅުންތެރިން ބުނާނެ އެންމެ އުނދަގުލީ ވިމްބަލްޑަން ކާމިޔާބުކުރާށޭ. އެގޮތަށް ޕްރިމިއާ ލީގު ކާމިޔާބު ކުރަން ވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރަންޖެހޭ. ދެން އޮތީ އެންމެ އުނދަގޫ ކަންތައް ކުރުން،" ލީގު ޗެމްޕިއަންކަން ހޯދުމަކީ އުނދަގޫ ކަމެއްކަން ފާހަގަކުރަމުން ގާޑިއޯލާ ބުންޏެވެ.

ސިޓީ އަންނަނީ މި ސީޒަނުގެ ތިން ތައްޓަށް ވާދަކުރަމުންނެވެ. ލީގު ޗެމްޕިއަންކަން ހޯދާނެކަމަށް ބެލެވޭ އިރު ޗެމްޕިއަންސް ލީގު ފައިނަލުގައި ވާދަކުރާނީ އިންޓަ މިލާންއާ އެވެ. އެފްއޭ ކަޕް ފައިނަލުގައި ސިޓީ ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

ގާޑިއޯލާ ބުނީ ލީގު ޗެމްޕިއަންކަމަށް ވާދަކުރެވުނީ އެހެން ސީޒަން ތަކެކޭ އެއްގޮތަށް ސިޓީގެ މެންޓަލިޓީ ރަނގަޅުވުމުން ކަމަށެވެ. މި ސީޒަނުގައި އެންމެ ފަހު ވަގުތާ ޖެހެންދެން ލީގުގެ އެއް ވަނައިގައި އޮތީ އާސެނަލް އެވެ. އޭޕްރީލް މަސް ފެށުނުއިރު އާސެނަލް އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެކަމަކު ލީގުގައި ޖެހިޖެހިގެން ކުޅުނު 11 މެޗުން މޮޅުވެ ގާޑިއޯލާގެ ސިޓީ އިން އެއް ވަނަ އަތުލި އެވެ.

"އަހަރެމެން ޖެހުނީ އަށް ޕޮއިންޓުގެ ލީޑެއް އަތުލަން. އެހެންވެ ބާކީ ހުރިހާ މެޗެއް ކާމިޔާބު ކުރުން ނޫން ގޮތެއް ނެތް. އާސެނަލުން މެޗުތައް ކާމިޔާބު ކުރިނަމަ އަހަރެމެންނަށް ލީގު އަތެއް ނުވީސް. އެކަމަކު އެޓީމުން ޕޮއިންޓް ގެއްލުވާލުމުން އެ ފުރުސަތު ލިބުނު،" ފަހު ވަގުތު ލީގު އަމިއްލަ ބާރުގެ ދަށަށް ގެނައިގޮތް ކިޔައިދެމުން ގާޑިއޯލާ ބުންޏެވެ.

ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް އާސެނަލް ނުކުންނާނީ މިރޭ 7 ޖަހާއިރު އެވެ. ސިޓީ އިން ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މާދަމާ ރޭ 8 ޖަހާއިރު އެވެ.