Roadha Mihaaru
ހަމަޖެހޭ، ތައްޓަކީ އަހަރެމެންގެ އެއްޗެއް: ގާޑިއޯލާ

ހަމަޖެހޭ، ތައްޓަކީ އަހަރެމެންގެ އެއްޗެއް: ގާޑިއޯލާ

15 މެއި 2024

ލަންޑަން (މެއި 15) - މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ހަމަޖެހިލައިގެން ތިބެއްޖެނަމަ، ޕްރިމިއާ ލީގުގެ ތައްޓަކީ އެ ޓީމުގެ އެއްޗަކަށް ވާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލަންޑަން (މެއި 15) - މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ހަމަޖެހިލައިގެން ތިބެއްޖެނަމަ، ޕްރިމިއާ ލީގުގެ ތައްޓަކީ އެ ޓީމުގެ އެއްޗަކަށް ވާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލަންޑަނުގައި، ރޭ ޓޮޓްނަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅުނު މެޗު 2-0 ން މޮޅުވެ، މިދިޔަ ތިން އަހަރުގެ ޗެމްޕިއަން، ސިޓީ ވަނީ ދެ ޕޮއިންޓްގެ ލީޑާކާ އެކު ތާވަލުގެ އެއްވަނަ އަށް ޖެހިލައިފަ އެވެ.

އާދިއްތަ ދުވަހު، އަމިއްލަ ދަނޑުގައި ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން، ސިޓީ އަށް ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ޕްރިމިއާ ލީގު ލިބޭނެ އެވެ. ވިދިވިދިގެން ހަތަރު ފަހަރު އިނގިރޭސި ލީގު ހޯދި އެހެން ކްލަބެއް ނެތެވެ.

ރޭ ކުޅުނު މެޗުން ސިޓީ އަށް މޮޅުވީ އާލިން ހާލަންޑް ޖެހި ދެ ލަނޑުންނެވެ. އެކަމަކު ޓޮޓްނަމްގެ ގޯލް ފޫއަޅުވާ ނުލެވި ސިޓީން 52 މިނެޓް ހޭދަ ކުރި އެވެ. ގާޑިއޯލާ ބުނީ ފުރަތަމަ ހާފުގައި ސިޓީގެ ކުޅުންތެރިން ކުޅުނީ މާ ބޮޑަށް ހާސްވެގެން އެ ހާފުގައި ކޮންމެހެން ވެސް ނަތީޖާ ނެރެންޖެހޭނެކަމަށް ދެކިގެން ކަމަށެވެ.

"އެގޮތަށް ކުޅޭނަމަ، ޕްރިމިއާ ލީގު ގެއްލޭނެ. އެންމެ ރަނގަޅަކަށް ޕާފޯމެއް ނުކުރެވޭނެ،" ގާޑިއޯލާ ބުންޏެވެ.

ކޫޅުންތެރިންނަކީ ވެސް އިންސާނުން. އަހަންނަށް އެނގޭ ޕްރެޝަރު ވާނެކަން."

ގާޑިއޯލާ ބުނީ، މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ވެސް ކުޅުނީ އެހާ ރަނގަޅު ގޭމެއް ނޫން ކަމަށެވެ. އެ މެޗުން މޮޅު ނުވެއްޖެނަމަ ޕްރިމިއާ ލީގުގެ ތައްޓަށް ވާދަ ނުކުރެވޭނެކަން އެނގޭތީ އާސެނަލްގެ ކުޅުންތެރިން ކުޅުނީ ކޮންމެހެން ވެސް ނަތީޖާ ނެރެން ކަމަށެވެ.

އޭގެ ބަދަލުގައި، ސިޓީގެ ކުޅުންތެރިންނަށް އޭނާ އިރުޝާދު ދެނީ ހަމަޖެހިލައިގެން ތިބުމަށެވެ. ވެސްޓްހޭމްއާ ދެކޮޅަށް ކުޅޭ މެޗު ވެސް ހަމަޖެހިލައިގެން އާދައިގެ މެޗެއް ކަމުގައި ދެކިގެން ކުޅުން މުހިންމުކަން ގާޑިއޯލާ ފާހަގަ ކުރި އެވެ.

އޭނާ ބުނީ 2021-2022 ގެ ލީގު ފަހު މެޗުގައި އެސްޓަން ވިލާއާ ދެކޮލަށް ކުޅުނު މެޗެކޭ، 2011-2012 ގައި ކިޔުޕީއާރްއާ ދެކޮޅަށް ސިޓީ ކުޅުނު މެޗެކޭ އަންނަ އާދިއްތަ ދުވަހު އެއްގޮތްވާނެ ކަމަށެވެ. ޕްރިމިއާ ލީގުގެ 2022 ގެ ޗެމްޕިއަންކަން ސިޓީން ކަށަވަރު ކުރީ ލީގުގެ އެންމެ ފަހު މެޗުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅެ މެޗު ނިމެން ފަހު 15 މިނެޓް ތެރޭގަ އެވެ. ކިޔުޕީއާރްއާ ދެކޮޅަށް 2012 ގައި ކުޅެ ސިޓީން ލީގު ހޯދީ މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގތުގެ ތެރެއިން ތިންވަނަ މިނެޓްގައި ސާޖިއޯ ކުން އަގުއޭޯ ޖެހި ލަނޑުންނެވެ.

"އެހެންވެ އަހަރެން މި ބުނަނީ އެންމެން ވެސް ހަމަޖެހިލައިގެން ތިބޭށޭ. އަދި އެމީހަކު ކުރަން ޖެހޭ ކަމެއް ދަނޑުމަތީގައި ކޮށްލާށޭ،" ގާޑިއޯލާ ބުންޏެވެ.

ސިޓީގެ ފަހަތުން ދެވަނައިގައި އޮތް އާސެނަލް އާދިއްތަ ދުވަހު ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. ސިޓީން މެޗުން މޮޅުވެއްޖެނަމަ، އާސެނަލް ކޮންމެ ނަތީޖާއެއް ނެރުނަސް ހާސްވާކަށް ނުޖެހޭނެ އެވެ.

"އަހަރެމެންނަށް އެނގޭ އަހަރެމެން ކުރަން ޖެހޭ ކަމަކީ ކޮބައިކަން. ހާސްކަމެއް ހުރެދާނެ. އިދިކޮޅަށް ނުކުންނަ ޓީމު ވެސް ވަރުގަދަ. މި މެޗުތައް އެހެން މެޗުތަކަށް ވުރެ އުނދަގޫ ވާނެ. އެކަމަކު އަހަރެމެން ދަނޑަށް އައިސް ކުޑަކޮށް ސަކަރާތްޖަހާލައފައި މެޗާ ކުރިމަތިލާން ޖެހޭނީ. ދެ ދުވަހެއް ވަރު އޮފް ލިބޭނެ ތައްޔާރުވެލަން. ދެން އަހަރެމެންނަށް ވީ އެންމެ ރަނގަޅަކަށް ދަނޑުގައި މަސައްކަތް ކުރާނީ،" ގާޑިއޯލާ ބުންޏެވެ.