Roadha Mihaaru
މަގަށް ކުނި އެޅި މީހަކު ހޯދައި ޖޫރިމަނާކޮށްފި

މަގަށް ކުނި އެޅި މީހަކު ސީސީޓީވީ ފުޓޭޖުތައް ބަލައިގެން ހޯދައި ޖޫރިމަނާކޮށްފި

14 މާޗް 2024

މާލޭގެ މަގެއް މައްޗަށް ކުނި އެޅި މީހަކު ސީސީޓީވީ ފުޓޭޖުތައް ބަލައިގެން ހޯދައި އެ މީހާ ޖޫރިމަނާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މަގެއް މައްޗަށް ކުނި އެޅި މީހަކު ސީސީޓީވީ ފުޓޭޖުތައް ބަލައިގެން ހޯދައި އެ މީހާ ޖޫރިމަނާކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭ މަގުމަތީގައި ކުނި ބެހެއްޓި މީހަކު މާފަންނު ވިލީ ފުލުހާއި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖުމެންޓް ޔުނިޓާ ގުޅިގެން ހޯދައި، އެ މީހާ ފުލުހަށް ހާޒިރުކޮށް މިހާރު ޖޫރިމާނާ ވެސް ކޮށްފައިވާ ކަމަށެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކާއި އާންމުތަންތަނާއި ބަނދަރުތަކާއި ވިޔަފާރި ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާކަމެކެވެ. އެ ތަންތަނަށް ކުނި އަޅައިފި ނަމަ ކައުންސިލުން ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ފުލުހުންނަށް ޖޫރިމަނާ ކުރެވެ އެވެ. ޖޫރިމަނާ ކުރަނީ ކޮންމެ މީހަކު 500ރ. އިންނެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި އިއްޔެ އެކަނި ވެސް މާލޭގެ މަތުމަތިން ވަނީ 42 ޓަނުގެ ކުނި ނަގައިފަ އެވެ. މިދިިޔަ 16 ވަރަކަށް ދުވަހުގެ ތެރޭގައި މާލޭގެ މަގުތަކުން 200 ޓަނަށް ވުރެ ގިނަ ކުނި ނަގާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

މާލޭގެ މަގުތަކަށް ގޭގެއިން ގިނަ އަދަދަކަށް ކުނި ނެރެ، ގޮނޑުކުރަމުންދާ މައްސަލާގައި މިހާތަނަށް 100 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މިދިޔަ އަންގާރަ ދުވަހު ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ރޯދަމަހުގެ ކުރިން ގިނަ ބަޔަކު ޖޫރިމަނާ ކުރިޔަސް މާލޭގެ އެކި ސަރަހައްދުތަކަށް ކުނިއެޅުމުގެ މައްސަލަ ރޯދަމަސް ފެށިއިރު ވެސް ހައްލެއް ނުވި އެވެ. ރޯދަމަހަށް ގޭތެރެ ސާފުކޮށް، ފަރުނީޗަރާއި ގޭގޭގައި ހިފައި ގެންގުޅޭ އެހެން ސާމާނު ބައެއް މީހުން ނެރުނީ މަގުތަކަށެވެ. އެހެންވެ، މާލޭގެ އެކި ސަރަހައްދުތައް ވަރަށް ބޮޑަށް ގޮނޑުވެ، ކަންކަން ބޮއްސުންލައިގެން ދިއުމުން ސިޓީ ކައުންސިލާއި ވެމްކޯއިން ވަނީ މަގުތައް ސާފުކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ.

ވެމްކޯއިން ތިން ދުވަހަށް ހިލޭ ކުނި އުކައިދިނުމުން ވެސް ކުނި އެޅުން ނުހުއްޓުނެވެ.