Roadha Mihaaru
ނަޝީދުގެ ނުރުހުން: "އަޅުގަނޑު ވަތްކެއް ނުކުރެވޭނެ"!

އިވާ ވަކިކުރާތީ ހިތްހަމަނުޖެހި ނަޝީދު ވިދާޅުވީ "އަޅުގަނޑު ވަކި ނުކުރެވޭނެ"! ކަމަށް

23 މެއި 2023

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހެޅުމާ އެކު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި، ވަކި ބަޔަކު ބޭނުންވިޔަސް އެ މަނިކުފާނު މަގާމުން ދުރު ނުކުރެވޭނެ ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހެޅުމާ އެކު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި، ވަކި ބަޔަކު ބޭނުންވިޔަސް އެ މަނިކުފާނު މަގާމުން ދުރު ނުކުރެވޭނެ ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން އެމްޑީޕީން ނިންމީ އެ ޕާޓީން ވަކިވުމަށް ފަހު "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފެއްޓެވުމުންނެވެ.

އެމްޑީޕީގެ 49 މެމްބަރަކާއި އަމިއްލަ މެމްބަރު ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ގެ ސޮޔާ އެކު، އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވާއިރު، އެ ޕާޓީގެ ޕީޖީ ގްރޫޕުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެ ގުރޫޕުގައި، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒަށް ނިސްބަތް ކުރައްވައި ނަޝީދު ފުރަތަމަ ވިދާޅުވީ، ހަ ވަރަކަށް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބިރު ދައްކައިގެން ކަންކަން ކުރަމުންދާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު، އަލީ ނިޔާޒް ވިދާޅުވީ އޭނާއަށް އެއްވެސް މީހަކަށް ބިރު ނުދެއްކޭނެ ކަން ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އޭނާއަކީ މެޖޯރިޓީއަށް ތަބާވެވަޑައިގަންނަވާ "ހަގީގީ ޑިމޮކްރެޓެއް" ކަމަށް ވިދާޅުވި އެވެ.

އަނެއްކާވެސް ނަޝީދު ވަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕާއި ޕާޓީގެ ލީޑަޝިޕުން އަމަލުކުރަމުންދާ ގޮތާ މެދު ނުރުހުން ފާޅުކުރައްވައިފަ އެވެ. ދެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ރައީސްކަން ގެއްލުމުން ނިޔާއާ އެންމެ ގާތުގައި ހުންނަވާނެ ކަމަށެވެ.

"ނިޔާ، އަޅުގަނޑަށް މި ފެނުނީ ތިޔަ ދެބެއިން ބައެއްގެ ދަށު ވަރަށް ބޮޑަށް ވީ ތަން. އެކަމު ނިޔާ، ރައީސްކަން ގެއްލުނީމަ އަޅުގަނޑު ހުންނާނީ އެންމެ ކައިރީގައި،" އަލީ ނިޔާޒްގެ މެސެޖާ ވިދިގެން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވުމާ އެކު ގުރޫޕު ތެރެ ވަރަށް ބޮޑަށް ހޫނުވި އެވެ. އަދި ނަޝީދަށް ނިސްބަތްކުރައްވައި، "މޮޔަވެއްޖެ" ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ވަނީ އެ މަނިކުފާނު މަގާމުން ދުރުކުރަން ފާޅުގައި ގޮވާލައްވައިފަ އެވެ.

"ބިގޭ [އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން]، ނިޔާ، އަސްލަމް [ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް] ވަރަށް ވިސްނަވާތި. އީވާ ބޭރުކުރުން ނޫން ގޮތަކަށް ދީލާލައިފި ނަމަ، އެއްވެސް ކަމެއްގަ އެއްބާރުލުންދިނުން ނިމުނީ،" ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވި އެވެ.

ބައެއް މެމްބަރުންގެ ދަށުވި ކަމަށް ނަޝީދު ވިދާޅުވި ވާހަކައަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ރައްދު ދެއްވި އެވެ.

"މީގެ ކުރިން އެންމެ މީހެއްގެ ދަށުވީ ދޯ. މިހާރު ގިނަ ބަޔަކާ އެއްބައިވީ. ރަނގަޅު ގޮތް ޗޫޒް ކުރީ،" ޔައުގޫބު ވިދާޅުވި އެވެ.

މެމްބަރުންގެ ނުރުހުމުގެ މެދުތެރެއިން ނިިޔާ ވަނީ އޭނާ އަބަދުވެސް ނަޝީދަށް އިހްތިރާމްކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"އެކަމަކު ޕާޓީ ދޫކޮށްލާ ހިސާބުން އިތުރު ޗޮއިސްއެއް ނޯންނާނެ އަޅުގަނޑަކަށް ވެސް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ހޫނުކަން މައިތިރިނުވެ، މެމްބަރުން ގެންދެވީ ނަޝީދު ބޭރުކުރުން އަވަސް ކުރަން ގޮވާލައްވަމުންނެވެ.

"މީނާ ބޭރުކުރުން އަވަސްކޮށްލަން ފެނޭ. އަހަރެން ޕީޖީއަށް ހުށަހަޅާނަން،" ނަޝީދު މުޅި ގައުމު ފިތުނަކޮށްފިކަމަށް ތުހުމަތުކުރައްވައި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ގުރޫޕުގެ ޗީފް ވިޕު އަބްދުލްމުޣުނީ ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ނިޔާ ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ނިޔާ ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު

މެމްބަރުންގެ އެ ވާހަކަތަކަށް ނަޝީދު ރައްދު ދެއްވީ، ޕީޖީ ގުރޫޕުގެ އިސް މެމްބަރުންނަށް ވަރުގަދަ އިންޒާރަކުންނެވެ.

"ބިގޭ، ނިޔާ، އަސްލަމް ވަރަށް ވިސްނަވާތި. އަޅުގަނޑު ވަކި ނުކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވުމާއެކު އެ ގުރޫޕު އަނެއްކާވެސް ހޫނުވި އެވެ. އަދި ނަޝީދު ވިޔަސް، މެމްބަރުން ބޭނުންނަމަ ވަކި ކުރެވޭނެ ކަމަށް ގޮވާލަމުން ދިޔަ އެވެ.

"އެމްޑީޕީ އެމްޕީސް ތިޔަ ތަނަކަށްލީ ވެސް. އެ އެމްޕީސް ބޭނުމިއްޔާ ބޭރުކުރެވޭނެ. ރަނގަޅު ވަގުތުގަ އެކަން ކުރާނެ،" މުޣުނީ ވިދާޅުވި އެވެ.

އަދި ނަޝީދު ދެކޮޅު ހެއްދެވި ނަމަވެސް، އީވާ މަގާމުން ވަކި ކުރުން ޕީޖީ ގުރޫޕުން ނިންމައި، ސޮއި ވެސް ހަމަކޮށްފައިވާ ކަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވި އެވެ.

"ނައިބު ރައީސަކަށް އިންނަވަންޖެހޭނީ އެމްޑީޕީގެ މެމްބަރެއް،" އޭނާ ވިދާޅުވި އެވެ.

ނަޝީދު އިސްވެ އުފެއްދެވި "ފިކުރެއްގެ ދިރުން" ގައި ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާއިރު، އީވާއާއެކު އެ ފެކްޝަނުގައި ތިއްބެވި 12 މެމްބަރުން ވަނީ އެމްޑީޕީން ވަކިވެފަ އެވެ.

ނަމަވެސް، ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގަ އެވެ. އަދި "ދަ ޑިމޮކްރެޓްސް" ގެ އެއްވެސް ހަރަކާތެއްގައި ވެސް އެމަނިކުފާނު މިހާތަނަށް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް، ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތުން ވަކިކުރެވިދާނެ އެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ. އީވާ ވަކި ކުރަން ބޭނުން ވަނީ 44 މެންބަރުންގެ ވޯޓެވެ. ރައްޔިތުންގެ މަޖިލިހުގައި މިހާރު އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ އިއްޔެ މަޖިލިހުގައި އިއުލާން ކުރި ގޮތުން ނަމަ 55 އެވެ.