Roadha Mihaaru
މަޖިލިހުގައި އޮތީ މަރުތަޅު އެޅުވުމާއި މަރުފަލި ޖެހުން!

މަޖިލިހުގައި އޮތީ މަރުތަޅު އެޅުވުމާއި މަރުފަލި ޖެހުން!

12 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ކޮމިޓީތައް އެކުލަވާ ނުލެވެނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވާފައި ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަސްދުގައި އެ މަސައްކަތް ހިފަހައްޓާފައި އޮތުމުންނެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ކޮމިޓީތައް އެކުލަވާ ނުލެވެނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވާފައި ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަސްދުގައި އެ މަސައްކަތް ހިފަހައްޓާފައި އޮތުމުންނެވެ.

އެމްޑީޕީން ވަކިވި 13 މެންބަރުންގެ ވިސްނުމުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެއްފަހަރާ މަޖިލިހަށް ވެއްދުމަކީ ހިންނަވަރު ދާއިރާގެ މެންބަރު ކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަޖުރިބާގެ އަލީގައި ރާއްވަވައިގެން މަޖިލިސް މަރުތަޅު އަޅުވަން ކުރެއްވި ކަމެކެވެ.

މިދިޔަ ދުވަސްތަކުގައި މިފަދަ އެތައް ތުހުމަތެއް ދަނީ ދެ ފަރާތަށް ކުރަމުންނެވެ. މަޖިލީހުގެ ގަވައިދުން ގިނަ މައްސަލަތަކާއި ފުށުއެރުންތަކާއި ލޫޕް ހޯލްތަކުގެ ވާހަކަ ހުސް ނުވެ އެވެ. އެއް މާއްދާތަކެއް އެތައް ގޮތަކަށް މާނަ ކޮށްގެން މަޖިލީހުގެ އިދާރާއާ ސިޓީ ބަދަލު ކުރުމެވެ. ގައުމުގެ ބޮޑު ގާނޫނީ ބަހުސަކަށް މިކަން ވެއްޖެ އެވެ.

ނަމަވެސް ގާނޫނީ ދާއިރާގެ ތަޖުރިބާކާރުންނާ އެ ވާހަކަ ދައްކާލުމުން ދެއްވަނީ މުޅިން އެހެން ޖަވާބުތަކެކެވެ؛

"ގަވައިދުގައި މައްސަލައެއް ނެތް. މަރުތަޅު އެޅޭ ހާލަތެއް އަދި ނާދޭ. ދެކޮޅުން ވެސް އުފައްދައިގެން އުޅެނީ ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރަން ބޭނުންވާ ހާލަތެއް،" މިހާރު އާ ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ހާލަތެއް ކުރިމަތި ކުރަން "އުފެއްދި" މަރުތަޅެއް!

އެމްޑީޕީ އެކަތިގަނޑެއް ގޮތުގައި އޮތް އިރު ވެސް މިހާރު މި ދިމާވެގެން އުޅޭ ހުރިހާ ހާލަތެއް އޮތީ އައިސްފަ އެވެ. މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެން ނަޝީދު ބަހުސްގައި ބައިވެރިވެވަޑައިގަތުން އޭރު ބައެއް މެންބަރުން ސިފަ ކުރެއްވީ މެމްބަރުންގެ 'މައުލޫމާތު މުއްސަނދި' ކޮށްދެއްވަނީ ކަމަށެވެ. އިދިކޮޅުގެ މެންބަރުންނަށް ބަހުސް ކުރުމުގެ ފުރުސަތު ހަމަހަމަ އަށް ނުދޭ ކަމުގެ ޝަކުވާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް ދެބައިވެ، ހާއްސަކޮށް 13 މެމްބަރުން އެ ޕާޓީން ވަކިވުމާ ހަމައަށް އެމްޑީޕީގެ މެމްބަރުންނަކަށް ނީވެ އެވެ.

މަޖިލީހުގެ ރިޔާސަތުގައި ނަޝީދު--ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގެ ރިޔާސަތުގައި ނަޝީދު--ފޮޓޯ: ރައީސް އޮފީސް

އިތުބާރު ނެތް މައްސަލަތަކުގައި ޖަވާބުދާރީވާން ޖެހޭ ގޮތާ މެދު ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ނެތަސް މިނިސްޓަރުން ވަކިކޮށްފައި އެބަހުއްޓެވެ. ކޮމިޓީތަކުން މެންބަރުން ބަދަލު ކުރަން ބޭނުން ވަގުތަކު އެއްވެސް ގާނޫނީ ތާއްޓެއް ނާރައި އެކަން ވަރަށް އާދައިގެ ގޮތަކަށް ނިންމާލަ އެވެ. ރިޔާސަތުން އެއްބާރުލުން ވެސް ދެއްވަ އެވެ. މާ ބޮޑު ކަމަކަށް ނުހައްދަވަ އެވެ.

މި ހުރިހާ ވެސް މައްސަލަތަކެއް ޖެހިގެން އުޅެނީ ކުރިމަތިވެގެން އުޅޭ ސިޔާސީ މަސްރަހު އޮތް ގޮތުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ. މި ހުރިހާ ދުވަހު ނަޝީދަށް ފިޔަވަޅު ނާޅާ އޮތުމަކީ ހެދުނު ގޯހެއް ކަމަށް އެމްޑީޕީ އަށް ވިސްނި، މެޖޯރިޓީ އޮވެ ބާރު ގެއްލިދާނެތީ "ތެޅެނީ" އެވެ. ނަޝީދު ވަކި ނުކޮށްފި ނަމަ ދައުލަތުގެ ބަޖެޓު ފާސް ކުރެވިދާނެ ކަމާ މެދު ވެސް ބައެއް މެންބަރުންނަށް ޝައްކެވެ.

އަނެއްކޮޅުން އީވާ އާއި ނަޝީދު މަގާމުން ދުރުކޮށްފި ނަމަ އިދިކޮޅުގެ އަޑު މަޖިލީހުގައި ކެނޑޭނެ އެވެ. ރިޔާސަތަކީ މަޖިލިހުގައި އެންމެ ބާރުގަދަ އަދި ބޭނުން މައްސަލައެއް ބޭނުން ގޮތަކަށް އަނބުރާލާ "މޭޒު" ކަމަށް ވާތީ ކިތަންމެ ގިނަ މެމްބަރުންނެއްގެ ސޮއި ދެކޮޅަށް ލިބުނަސް ރިޔާސަތު ދޫކޮށްލައްވާކަށް ނަޝީދާއި އީވާ ބޭނުންފުޅެއް ނޫނެވެ. އޮތް އިޖުރާއަތްތައް ފުރިހަމަ ވެގެން މަޖިލިސް ރަނގަޅަށް ހިނގަން ޖާގަ ދީފި ނަމަ ބައެއް މެންބަރުން ވިދާޅުވާ ގޮތުން ނަމަ އިދިކޮޅު ފަރާތްތަކަށް ދެން އަޑު އުފުލާލާނެ ފުރުސަތެއް ވެސް ނުލިބި ބާރުތައް ގެއްލޭނެ އެވެ.

މި ހާލަތު މިހެން އޮތުމުން އުފެއްދި ދެ ގާނޫނީ ސުވާލަކީ އަމިއްލަ މެންބަރުންނަށް އެއްބަސް ނުވެވޭތީ ކޮމިޓީތައް އެކުލަވާލާނެ ގޮތެއް ނެތުމާއި އިތުބާރު ނެތް މައްސަލަ ހިނގާއިރު ރިޔާސަތުގައި އިންނަވާނީ ކޮން ބޭފުޅެއްތޯ އުފައްދަވާ ސުވާލެވެ.

އެކަމާ ގުޅޭ ގޮތުން ކުރީގެ މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި 18 ވަނަ މަޖިލީހުގައި ވެސް 12 މެންބަރުން ޕީޕީއެމުން ވަކިވުމުން މި މައްސަލަ ދިމާވި އެވެ. އެކަމަކު، އޭރުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އަމީން އާންމު ކޮމިޓީތައް އެކުލަވައިލެއްވި އެވެ.

މިހާރު ދިމާވެގެން މި އުޅެނީ އެއްވެސް ގޮތެއް ނެތި މަރުތަޅު އެޅޭ ހިސާބަށް ދާން ޖެހޭ ވަރު މައްސަލައެއް ނޫން ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި ކުރީގެ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮމިޓީތައް ކޮމްޕޮޒިޝަން ބަދަލުކޮށް އަލުން އެކުލަވާލަން މަޖިލިހުގެ ގަވައިދު މިހާރު ވެސް ތަންދެ އެވެ. އެއީ ރިޔާސަތާއި މަޖިލީހުގެ އަމީން އާންމު ހައްލު ކުރައްވާ ކަންކަމެވެ. މަޖިލީހުގައި ޕާޓީތައް އެކުލެވޭ ނިސްބަތަށް ބަލައި މެންބަރުން ބަހާނެ ތަރުތީބު ކަނޑައަޅަން ގަވައިދުގައި ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި ހިނގާ ކަމަކާ މެދު ދެބަސްވުމެއް އުޅޭ ނަމަ ނުވަތަ ކޮމިޓީތަކާ މެދު އެއްބަސްވުމަކަށް ނާދެވޭ ނަމަ މަޖިލީހަށް އެކަން ހުށަހަޅައިގެން ކޮންމެވެސް އެއްގޮތަކަށް ފާސް ކުރެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މަޖިލީހުގެ ގަވައިދުގައި ނެތް ހާލަތެއް ކުރިމަތިވެގެން ނޫޅޭ. ވަރަށް ސާފު ކަން ކުރައްވީ ގޮތް،" އޭނާ ވިދާޅުވި އެވެ.

12 މެންބަރުން ކުރީ ސަރުކާރުގައި ވަކިވި އިރު ވެސް މި ހާލަތު ދިމާވި. އެފަހަރު ވެސް މަސީހާއި އަމީން އާންމު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އިންނަވައި ކޮމިޓީތައް އެކުލަވާލީ -- ކުރީގެ މެންބަރެއް

އިތުބާރު ނެތް މައްސަލާގައި ވެސް މިހާރު އުފައްދައިގެން އުޅެނީ ކުރިން އެއްވެސް ސުވާލެއް ވެސް އޮތް މައްސަލައެއް ނޫނެވެ. މަޖިލީހުގެ ނައިބު ރައީސްގެ މައްސަލަ ހިނގާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ރައީސަށް ފުރުސަތު އޮންނާނެ އެވެ. އަދި ރައީސްގެ މައްސަލަ ކުރިއަށް ގެންދާއިރު ނައިބު ރައީސަކަށް ހުންނަވާ ބޭފުޅަކަށް އެ ފުރުސަތު އޮވެ އެވެ.

ދެ ބޭފުޅުންގެ މައްސަލަ އެއްފަހަރާ ވައްދާފައި އޮތަސް އެއް ދުވަހަކަށް ތާވަލު ނުކުރާހާ ހިނދަކު ގާނޫނީ މާ ބޮޑު އޮޅުންތަކެއް އޭގައި ނެތް ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި އެހެން ވަކީލަކު ވިދާޅުވި އެވެ. އެ ދެ ބޭފުޅުންނަށް ވެސް އުޒުރުވެރިވާ ހާލަތެއްގައި ދެން ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ތަރުތީބެއް ވެސް މަޖިލީހުގައި ނަގައި ތައްޔާރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި ރައީސް އާއި ނަޝީދު ސަލާން ކުރައްވަނީ--ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގައި ރައީސް އާއި ނަޝީދު ސަލާން ކުރައްވަނީ--ފޮޓޯ: ރައީސް އޮފީސް

"އެހެން ނަމަވެސް އާންމު ކޮމިޓީން ވަގުތު ކަނޑައެޅުމަކީ ލާޒިމް ކަމެއް. އެކަން ނުކޮށް އެ މައްސަލަތައް ކުރިޔަށް ނުގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި އެއްވެސް ގާނޫނެއް ނުވަތަ ގަވައިދަކީ އެ އަށް އަމަލު ނުކުރެވޭ ފަދަ ހާލަތަކަށް ދާ ގޮތަށް މާނަ ކުރާ އެއްޗެއް ނޫނެވެ. މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރާ ގާނޫނުގައި ވެސް ބުނާ ގޮތުން، ކޮންމެ ގާނޫނަކީ އުނިކަމެއް ނުވަތަ ހުސްކަމެއް ފޫބެއްދުމަށްޓަކައި ހަދާ ގާނޫނެކެވެ.

މަޖިލީހުގެ ގަވައިދަކީ ގާނޫނަކާ އެއް މިންގަނޑެއްގައި ކިރޭ އެއްޗަކަށް ވާއިރު ހުރިހާ ހާލަތެއް އަކުރުން އަކުރަށް އެ ގަވައިދުގައި ލިޔެ ބަޔާން ކޮށްފައި ނެތަސް މަރުތަޅު އެޅުވޭ ކަމަށް ދެއްކުމަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން ކަމަށް ދާއިރާގެ ބޭފުޅުން ދެކިވަޑައިގަންނަވަ އެވެ.

"މި ފެންނަނީ ފަހު ތަޅާލުން"

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މިހާރު ހިންގާ ގޮތުން މަރުތަޅު އެޅުވުމަށް ވުރެ ބޮޑަށް ގިނަ ބަޔަކަށް ފެންނަނީ މަރުފަލި ޖަހާ މަންޒަރެވެ. މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިމެން ހަފުތާއަކަށްވީ އިރު މި ދައުރުގެ ތެރޭގައި އެއްވެސް ބިލެއްގެ މަސައްކަތެއް ނުކުރެ އެވެ. ކޮޅެއްގައި ނުޖެހޭ އަދި ފާސް ވެސް ނުވާ ގަރާރުތަކަކަށް ބަހުސް ކުރުމާއި މިނިސްޓަރުން ހާޒިރު ކުރުން ފިޔަވައި އެހެން މަސައްކަތެއް ނުކުރެ އެވެ.

މަޖިލީހުގައި މައިގަނޑު ގޮތެއްގައި މިހާރު އޮންނަނީ ސަރުކާރަށް ފާޑު ކިޔުމެވެ. މި ފަހުން މުޅިން ވެސް ފެންނަނީ އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް ޕާޓީ ޕްރޮމޯޓު ކުރުމެވެ. ނިޒާމީ މައްސަލަ ނަގައި މަޖިލީހުގެ ހުރިހާ ވަގުތެއް ޒުވާބަށް ހުސް ކުރާ ތަނެވެ.

މަޖިލީހުގައި ދެ މިނިސްޓަރެއްގެ އިތުބާރު ނެތް މައްސަލަ ވެސް އެބައޮތެވެ. އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ މައްސަލަ ވެސް ކުރިޔަށް ގެންދަނިކޮށް އިމްތިޔާޒާ ގުޅޭ މައްސަލައެއް ފެންމަތި ކުރުވި އެވެ. އެކަމަކު، އެކަން ވެސް ނިޒާމުން ކުއްލިއަކަށް ވަނީ ގެއްލިފަ އެވެ. ރިފްއަތުގެ މައްސަލައަށް ވީ ގޮތެއް ވެސް އެމްޑީޕީ މެންބަރުންނަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މަޖިލީހުގެ ރައީސް ނަޝީދާއި އަދި ނައިބު ރައީސް އީވާގެ އިތުބާރު ނެތް މައްސަލަ ހިނގާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ފަހު ގަޑީ މަޖިލީހުގެ ބާރު ނަގައި އަލުން އެމްޑީޕީން ހަމައަކަށް އަޅުވަން މަސައްކަތް ކުރިޔަސް އިހުތިޖާޖާއި ކޯޅުންތަކާ ހެދި އެއްވެސް މަސައްކަތެއް ކުރިޔަށް ހިނގާނެ ކަމަކަށް ނުބެލެވެ އެވެ.

މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ރިޔާސީ އިންތިހާބާ ދިމާކޮށް ކަންކަން ވީ ގޮތަށް މި ފަހަރު ވެސް ސިޔާސީ އޮއިވަރު ހުރީ ހަމަ އެ ގޮތަށެވެ. ބާރުތައް އޮވެ، އެމްޑީޕީ މަރުފަލި ޖަހަނީ އެވެ. ބާރުތައް ގެއްލިދާނެތީ އިދިކޮޅުން ތަޅު އަޅުންވޭތޯ ބަލަނީ އެވެ.