Roadha Mihaaru
ކޯޓުގައި މައްސަލަ އޮތުމުން އީވާ އުޒުރުވެރިވެއްޖެ!

ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ރިޔާސަތު ބަލަހައްޓަވަން އީވާ އުޒުރުވެރިވާކަން އަންގަވައިފި!

05 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވިގެން އެމްޑީޕީން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ، ނަޝީދު ވަކިކުރާ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގެންފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވިގެން އެމްޑީޕީން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ، ނަޝީދު ވަކިކުރާ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގެންފި އެވެ.

އީވާގެ އެ ނިންމެވުމާ ގުޅިގެން، ނަޝީދު ވަކިކުރާ މައްސަލަ ކުރިއަށް ގެންދަން މިއަދު ބާއްވަން ތާވަލުކުރި ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 49 މެމްބަރުން ސޮއި ކުރައްވައި ހުށަހެޅި މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވުމަށް ފަހު މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އެހެން ހުރިހާ މަސައްކަތްތައް ހުއްޓާލުމަށް ފަހު އެ މައްސަލަ ކުރިޔަށް ގެންދިޔުމަށް މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ޑެންގޫ ހުން ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީ އީވާ ވަނީ ކޮންމެ ޖަލްސާއަކަށް ސަލާން ފޮނުވައިފަ އެވެ. އެ މައްސަލާގައި އެމްޑީޕީން ކަންބޮޑުވުން ފާޅު ކުރުމަށް ފަހު ޖަލްސާ ކުރިޔަށް ގެންދެވޭނެ ގޮތަކަށް މަޖިލީހުގެ ގަވައިދު މާނަ ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ.

ނަޝީދުގެ މައްސަލަ މިއަދު ވެސް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނިކޮށް އީވާ ރޭ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް ރިޔާސަތުގައި އިންނަވަން އޭނާ އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަނެ މާދަމާގެ ހެނދުނު 10:00 އަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.

އީވާ ވިދާޅުވި ގޮތުގައި އެ ކޯޓުން މައްސަލަ ނިންމުމުގެ ކުރިން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިޔަށް ގެންދިޔުމަކީ މަޖިލީހުން މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތެއް ނޫނެވެ.

"...ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިޔއަށް ގެންދިޔުމަކީ، ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަކަށް ނުފޫޒަކަށް ވާނެ ކަމަކަށް ވެސް އަޅުގަނޑު ދެކެން،" އީވާ ވިދާޅުވި އެވެ.

ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ފަހު ވަކި ގޮތެއް ނިންމުމުގެ ކުރިން އަނެއްކާވެސް މަޖިލީހުން ވަކި ގޮތަކަށް ކަންކުރުމުގެ މަސައްކަތް ކުރުން ވާނީ ކޯޓުގެ ގަދަރާއި ހުރުމަތަށް އިހްތިޔާމް ކުޑަކުރުން ކަމަށް ވެސް ދެކިވަޑައިގަންނަވާ ކަމަށް އީވާ ވިދާޅުވި އެވެ. "...ސުޕްރީމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރުގެ މަސައްކަތް ކުރިޔައަށް ގެންދިޔުމަށް ރިޔާސަތުގައި އިނުމަށް އަޅުގަނޑު އުޒުރުވެރިވާ ވާހަކަ ދެންނެވީމެވެ،" އީވާ ވިދާޅުވި އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ދެ ކަމަކަށެވެ.

އެއީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.

ދެވަނަ ކަމަކަށް އެދިފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށެވެ.