Roadha Mihaaru

ކޯޓަށް ހުށަހެޅީ ޑިމޮކްރެޓްސްއަށް ސިޔާސީ ސުވާލެއް؛ މައްސަލަ ބެލިދާނެކަމާ މެދު ބޮޑު ބަހުސެއް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ނުގެންދެވިގެން އުޅޭތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އެ ކޯޓުގެ އިހްތިސާސާ މެދު ފުޅާ ބަހުސެއް މިއަދު ކޮށްފި އެވެ.

މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
ނާޒިމް ހަސަން
ނާޒިމް ހަސަން

07 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ނުގެންދެވިގެން އުޅޭތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އެ ކޯޓުގެ އިހްތިސާސާ މެދު ފުޅާ ބަހުސެއް މިއަދު ކޮށްފި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ މައްސަލަ އެޖެންޑާ ކުރާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވިޔަސް ނައިބު ރައީސް އީވާ އަބްދުﷲ ސަލާން ވިދާޅުވެ، މަޖިލީހަށް ވަޑައިނުގަންނަވާތީ މައްސަލަ ކުރިއަކަށް ނުގެންދެވެ އެވެ. މަޖިލީހުގެ އިދާރާ އިން ބުނެފައިވާ ގޮތުގައި ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ރިޔާސަތުގައި އިންނެވޭނީ ހަމައެކަނި ނައިބު ރައީސަށެވެ.

އެއީ މަޖިލީހުގެ ގަވައިދުގެ ރަނގަޅު މާނަކުރުމެއް ނޫން ކަމަށް ބުނެ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އެއްޗެއް ބުނެވިދާނެ ކަމާ މެދު ސުވާލު އުފެއްދީ ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީންނެވެ.

މި މައްސަލާގައި އުފެދިފައިވަނީ ސިޔާސީ ސުވާލެއް ކަމަށާއި "ޕޮލިޓިކަލް ކްއެޝަން ޑޮކްޓްރެން" ގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލަ ނުބެލޭނެ ކަމަށް ޑިމޮކްރެޓްސްގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު މަގާމުން ވަކިކުރުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމްގައި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވެފައިވަނީ މަޖިލީހުން ނިންމާ ނިންމުމެއްގެ މައްސަލަ ކޯޓަށް ބެލޭނީ މަޖިލީހުގެ އަމަލެއް ސީދާ ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް ގުޅުވައިލަދޭ ކަމެއް އޮތް ނަމަ އެވެ.

"ހަމައެކަނި ހިޔާލު ތަފާތުވުމެއްގެ މައްޗަށް ބިނާވެގެން ހުށަހެޅޭ މައްސަލައެއް ކޯޓުތަކުން ބަަލައިގަނެގެން ނުވާނެ. ނުވަތަ އެ މައްސަަލައަކީ އެއީ ކޯޓުތަކަށް ހައްލެއް ނުދެވޭނެ ސިޔާސީ ސުވާލެއްގެ މައްޗަށް ބިނާވާ މައްސަަލައަކަށް ވެގެން ނުވާނެ،" އެ ހުކުމްގައިވެ އެވެ.

ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ވަނައިގައި ވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެއޭ އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ނިންމާފައިވަނީ 88 ވަނަ މާއްދާގެ (ށ) އަށް އޮތް އިސްތިސްނާ އަކީ ގާނޫނުއަސާސީއާ ހިލާފަށް ހިނގާ ކަންކަމެވެ. އެފަދަ މައްސަލައެއް ކޯޓަށް ހުށަހަޅައި އެކަމާ ގުޅޭ ގޮތުން ކޯޓަށް ގޮތް ކަނޑައެޅިދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުދާތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގެ ތެރެއިން --

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުދާތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގެ ތެރެއިން --

"މައްސަލަ އޮތީ ސިޔާސީ މަންފާއަކަށް ކުޅޭކުޅޭ ކަމަކަށް ހަދާފައި"

ޑިމޮކްރެޓްސް ޕާޓީ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވީ މިހާރު ކޯޓުގައި އޮތް މައްސަލައަކީ ސިޔާސީ މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވަނީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ސިޔާސީ ގޮތުން ވަކި މަންފާއެއް ހޯދުމަށް ކުޅޭކުޅޭ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ ކަމަށެވެ.

މިއީ މަޖިލީހުގެ ގަވައިދު ބަދަލުކޮށްގެން ހައްލު ކުރެވެން އޮތް މައްސަލައެއް. މިހާރު ވެސް އެ ފުރުސަތު އެމްޑީޕީ އަށް އެބައޮތް. -- ހަސަން

ޕޮލިޓިކަލް ކްއެޝަން ޑޮކްޓްރެއިންގެ ދަށުން މިއީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމަށް އެ ޕާޓީން ގަބޫލު ނުކުރަނީ އެހެންވެ ކަމަށް ހަސަން ވިދާޅުވި އެވެ.

"މި މައްސަލަ އަކީ މަޖިލީހުގެ ތެރެއިން ވެސް ހައްލު ހޯދެން އޮތް މައްސަލައަކަށް ވާތީ ޕޮލިޓިކަލް ކްއެޝަން ޑޮކްޓްރެއިން ބޭނުންކޮށްގެން ސުޕްރީމް ކޯޓުން ބެލުން އެންމެ ރަނގަޅު މައްސަލައެއް ނޫން ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ. މިއީ މަޖިލީހުގެ ގަވައިދު ބަދަލުކޮށްގެން ހައްލު ކުރެވެން އޮތް މައްސަލައެއް. މިހާރު ވެސް އެ ފުރުސަތު އެމްޑީޕީ އަށް އެބައޮތް،" ހަސަން ވިދާޅުވި އެވެ.

"އެހާ ބޮޑަށް ސިޔާސީ ކަމެއްގެ ތެރެއަށް މަޖިލީހުގެ ތެރޭގައި އަދި ހާއްސަކޮށް މަޖިލީހުގެ ރައީސްއާ ވެސް ގުޅުން ހުރި އަދި މެންބަރުންނާއި ސިޔާސީ ޕާޓީތަކާ ވެސް ގުޅުންހުރި މައްސަލައެއް މަޖިލީހުގެ ތެރެއިން ހައްލު ކުރެވެން އޮތް މައްސަލައަކަށް ސުޕްރީމް ކޯޓުން ވެންނެވުމަކީ ކުރައްވަންވާނެ ކަމެއް ނޫން."

އެކަމަކު، އެމްޑީޕީގެ ވަކީލް އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ ކޯޓުތަކާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލަ ބެލުމުގެ އިހްތިސާސް ލިބޭ ކަމަށެވެ. އެ މާއްދާގައި ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސްގެ މައްސަލަތައް ބުނެދީފައިވެ އެވެ. އޭގެ ތެރެއިން ވަކީލު ފާހަގަކުރެއްވީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށް ވުމާއި ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށް ވުމެވެ.

ފެންނަން އޮތް ހަގީގަތަކީ މަޖިލީހުގެ ގަވައިދުގައި ކުރަން ލާޒިމްކޮށްފައި އޮތް ކަމެއް ނުކުރެވި އޮތުން. އެހެންވެ މިކަމުގައި މަގެއް ދައްކަވައިދޭން ސުޕްރީމް ކޯޓުގައި އަޅުގަނޑުމެން މި އެދެނީ: އަހްމަދު

މަޖިލީހުން މައްސަލައަށް ހައްލު ހޯދެން އޮތް ކަމަށް ޑިމޮކްރެޓްސް އިން ބުނި ކަމުގައި ވިއަސް އެމްޑީޕީގެ ވަލީލް ވިދާޅުވީ އެކަން އެގޮތަށް މަޖިލީހުގެ ތެރޭގައި ކުރިއަށް ނުދާ ކަމަށެވެ. މަޖިލީހުގެ ގަވައިދު އިސްލާހު ކުރަން އެމްޑީޕީން ހުށަހެޅި ކަމަށާއި ނަމަވެސް، އެވެސް އެޖެންޑާ ކުރުމުގެ ބާރު އޮތީ މަޖިލީހުގެ ރައީސަށް ކަމަށެވެ. އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފެންނަން އޮތް ހަގީގަތަކީ މަޖިލީހުގެ ގަވައިދުގައި ކުރަން ލާޒިމްކޮށްފައި އޮތް ކަމެއް ނުކުރެވި އޮތުން. އެހެންވެ މިކަމުގައި މަގެއް ދައްކަވައިދޭން ސުޕްރީމް ކޯޓުގައި އަޅުގަނޑުމެން މި އެދެނީ،" އަހުމަދު ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ ވަކީލް ފާތިމަތު ހަލީމް ވިދާޅުވީ މިހާރު ހުށަހަޅާފައިވާ މައްސަލަ އަކީ މަޖިލީހުގެ ގަވައިދު މާނަކުރުން ގޯސްވެގެންނާއި އެ ގަވައިދުގެ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށް ދެކިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. މިއީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކަމަށް ބުނެ އެކަމުގައި ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ. އެ މައްސަލަ އެގޮތަށް ހުށަހެޅިފައި އޮތް ނަމަ، ފާތިމަތު ވެސް ވިދާޅުވީ އެވީހީ ސިޔާސީ ސުވާލެއްގެ މައްޗަށް އޮތް މައްސަލައަކަށެވެ.

އަދި ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އަށް ވެސް މި މައްސަލަ ނުފެތޭ ކަމަށާއި އެއީ މައްސަލާގައި ސުވާލު އުފެދިފައިވަނީ މަޖިލީހުން ނިންމާ ފާސްކޮށްފައި އޮތް މައްސަލައަކާމެދު ނޫން ކަމާއި ސުވާލު އޮތީ އިދާރީ ނިންމުމަކާ ގުޅޭ ގޮތުންކަން ވެސް ފާތިމަތު ހަލީމް ފާހަގަކުރެއްވި އެވެ.

އޭނާ ވަނީ މީގެކުރިން ސުޕްރީމް ކޯޓުން ނިންމާފައި މަޖިލީހާ ގުޅޭ ބައެއް މައްސަލަތައް ފާހަގަކުރައްވައިފަ އެވެ. މަޖިލީހުގެ ގަވައިދުގެ ބައެއް މާއްދާތައް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނާ މައްސަލައަކާއި ބައެއް މަސައްކަތްތައް ނުނިންމާ ގަވައިދާ ހިލާފަށް މަޖިލިސް ޗުއްޓީއަށް ދިޔަ މައްސަލައެއް ހިމެނެ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުން ފެށުމުގެ ކުރިން އާޒިމާ ކޯޓުގެ ދޮރުމަތީގައި މަޑުކޮށްލައްވައިގެން.  -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުން ފެށުމުގެ ކުރިން އާޒިމާ ކޯޓުގެ ދޮރުމަތީގައި މަޑުކޮށްލައްވައިގެން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ވަކީލް އާޒިމާ ޝަކޫރު ވިދާޅުވީ މި މައްސަލަ ކޯޓާ ހަަމައަށް އަންނަން ޖެހުނީ ދުސްތޫރީ އޮނިގަނޑު ހުއްޓި މަޖިލިސް ޑެޑްލޮކަކަށް ދިޔުމުން ކަމަށެވެ. މި ހާލަތަށް ގޮސްފައިވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އަމަލުކުރައްވާ ގޮތުން ކަމަށްވާނަމަ ޖުޑީޝަލް ރިވިއުގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލަ ބެލޭނެ ކަމަށް އާޒިމާ ގަބޫލުކުރައްވަ އެވެ.

"މި ގާނޫނުއަސާސީ ތަސްދީގުވެގެން ދިޔުމަށް ފަހު ޖުޑިޝަލް ރިވިއު ދިވެހިރާއްޖޭގައި އޮންނާނެ. މަޖިލީހުގެ އިދާރީ މުވައްޒަފުން ކަންތައް ކުރެވި ގޮތުން ވިޔަސް، ދައުލަތުގެ ދެ މުވައްޒަފުން ކަންތައް ކުރެއްވި ގޮތާ މެދު ވިޔަސް ސުޕްރީމް ކޯޓުގެ އިހްތިސޯސް ނެތް ގޮތަކަށް މާނައެއް ނުކުރެވޭނެ،" އާޒިމާ ވިދާޅުވި އެވެ.

މީގެ ތެރޭގައި އަޅުގަނޑުމެން ތާށިވެފައި ތިބޭނީތޯ؟ އެހެނެއް ނުވެވޭނެ. ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ތަނެއް. އޮޕަރޭޓް ކުރަނީ ސިޔާސީ ބޭފުޅުން. ސިޔާސީ ދެވެރިންގެ ދޭތެރޭގައި މައްސަލަ ޖެހިގެން މި އުޅެނީ. އެކަމަކު މަސައްކަތް ކުރިއަށް ދާންޖެހޭނެ: އާޒިމާ

އާޒިމާ ވިދާޅުވީ ސިޔާސީ މައިދާނުގައި ހިނގައިދިޔަ ކަމެއް މިހާރު ވަނީ އަޅާނުލާ ނުތިބެވޭނެ ހާލަތަށް ގޮސްފައި ކަމަށެވެ. މިހާ ހިސާބަށް އައުމުން ގައުމުގެ ދުސްތޫރީ އޮނިގަނޑު ކުރިއަށް ދާނެ ގޮތުގެ ހައްލުތަކެއް ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހައްލުތަކެއް ނުހޯދުނީމަ، ދެން އެހެން ހައްލުތަކެއް ހޯދަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"މީގެ ތެރޭގައި އަޅުގަނޑުމެން ތާށިވެފައި ތިބޭނީތޯ؟ އެހެނެއް ނުވެވޭނެ. ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ތަނެއް. އޮޕަރޭޓް ކުރަނީ ސިޔާސީ ބޭފުޅުން. ސިޔާސީ ދެވެރިންގެ ދޭތެރޭގައި މައްސަލަ ޖެހިގެން މި އުޅެނީ. އެކަމަކު މަސައްކަތް ކުރިއަށް ދާންޖެހޭނެ،" އާޒިމާ ވިދާޅުވި އެވެ.

"އެބަޖެހޭ ސުޕްރީމް ކޯޓުން ފަރުވާތަކެއް ނެރެދޭން. ޑައިރެކްޝަންތަކެއް ނުލިބި ކިހިނެއްތޯ ދައުލަތެއް ކުރިއަށް ދާނީ."

މިއަދު ވަނީ މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމާލައިފަ އެވެ. ދެން އިތުރު ކަމެއް ސާފުކުރަން ނެތް ކަމަށް އޮންނާނީ ހުކުމް އިއްވުން ކަަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.