އެފްރިކާގެ އެރިތުރިއާގައި ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ބޯޓު ރާއްޖެ ގެނެވޭ ގޮތެއް ނުވެގެން، ދެ އޮފިޝަލަކު އެ ގައުމަށް ދާން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
23 މެއި 2023
އެފްރިކާގެ އެރިތުރިއާގައި ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ބޯޓު ރާއްޖެ ގެނެވޭ ގޮތެއް ނުވެގެން، ދެ އޮފިޝަލަކު އެ ގައުމަށް ދާން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މިސްރުން ރާއްޖެ އަށް ދަތުރުކުރި ދެ ބޯޓު އެރިތުރިއާގައި ބަނދަރުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު، މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެ ގައުމުގެ ސިފައިން އެ ދެ ބޯޓު ހިފެހެއްޓީ ހުއްދަ ނުހޯދާ އެރިތުރިއާ އަށް އެތެރެވި ކަމަށް ބުނެ އެވެ. އޭރު އެ ދެ ބޯޓުގައި ހަތަރު ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިއަކު ތިއްބެވެ. އެއީ މިސްރުގައި އެ ދެ ބޯޓު ބަނދެގެން ރާއްޖެ ގެނައުމަށް ކުރި ދަތުރެކެވެ. އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް "މިހާރު" އަށް ވިދާޅުވީ ދެ ބޯޓު ހިފަހައްޓާފައި އޮތް މައްސަލައިގައި ފޮރިން މިނިސްޓްރީގެ އޮފިޝަލަކާއި އެފްއެސްއެމްގެ އޮޕިޝަލަކު އެރިޓްރިއާގެ ސަރުކާރާ މަޝްވަރާ ކުރުމަށް އެ ގައުމަށް ދިއުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
"ފޮރިން މިނިސްޓްރީގެ އޮފިޝަލަކާއި އެފްއެސްއެމްގެ އޮފިޝަލަކު އެ ގައުމަށް ދިއުމަށް މަޝްވަރާތައް ކުރެވެމުން ދަނީ. ފޮރިން މިނިސްޓްރީ މެދުވެރިކޮށް ދެވޭތޯ މި މަސައްކަތް ކުރަނީ. ބައްދަލުކުރަން ޖެހޭ އިދާރާތަކަށް ބައްދަލުކޮށް މަޝްވަރާތައް މިހާރު ކުރިއަށް ދަނީ." ގަސަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯޓު ގެނެވޭ ގޮތެއް ނެތް ނަމަވެސް އެސްޓީއޯ މެދުވެރިކޮށް ވެސް ބޯޓު ގެނެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެފްއެސްއެމްގެ އެމްޑީ ގަސަމް: އޭނާ ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން އެ ގައުމުގައި އޮތް ދެ ބޯޓު ގެނައުމަށް ކުރިއެރުމެއް ނުލިބޭ ކަމަށް.-- ފޮޓޯ: ޖޭޑް
"އެކި ކޮޅުކޮޅުން ބަލަމުން އައި ނަމަވެސް އަދި އެހާ ކާމިޔާބެއް ނުވޭ. އަޅުގަނޑުމެން މިހާރު ބަލަމުން މި ދަނީ އެކޮޅުން އެޖެންޓެއް ހޯދަން. މިހާރު ނެތް އެ މީހުންނާ [އެ ގައުމުގެ ސަރުކާރާ] ވާހަކަ ދެކެވޭނެ އެއްވެސް ގޮތެއް. އެޖެންޓެއް ހަމަޖެއްސީމާ ތަންކޮޅެއް ފަސޭހަވާނެ،" ގަސަމް ވިދާޅުވި އެވެ.
"އެކަމަކު ބާޖުގައި ތިބި އަޅުގަނޑުމެންގެ ކްރޫއިންނާ އެބަ ވާހަކަ ދެކެވޭ. ކޮންމެވެސް ގޮތަކުން އެ މީހުންގެ ހާލުއަހުވާލު އެބަ ބެލޭ. އެއްމަސް ދުވަހަށް ކާ އެއްޗެހި އަރުވައިގެން އެކޮޅުން [މިސްރުން] ފުރީ. މިހާރު މަހެއް ވާންދާއިރު ވަރަށް މަދުވެފައި ހުރި ކާ އެތިކޮޅު. އެކަމަކު އަސި އެބަ މެނޭޖް ކުރެވޭ އޭގަ ހުރި ލާރިން."
ގަސަމް ވިދާޅުވީ އެރިތުރިއާއަކީ ރާއްޖެއާ ސިޔާސީ ގުޅުން ގާއިމުކޮށްފައި އޮތް ގައުމަކަށް ވިޔަސް އެއީ އެހާ ގުޅުން ބޮޑު ގައުމަކަށް ނުވާތީ މައްސަލަ ހައްލުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"ދެ އޮފިޝަލުން ދިއުމުގައި ވެސް ދަތިތަކެއް އެބަހުރި. ވިސާ ހޯދުމުގައި. ވިސާ ހޯދަން އެޕްލައި ކުރާއިރު އެބަ ޖެހޭ އިންވިޓޭޝަން ލެޓާއެއް ހޯދަން. އަޅުގަނޑުމެން ކިހިނެއްތޯ އެ ގައުމަށް އިންވިޓޭޝަން ލެޓާއެއް ހޯދާނީ،" ގަސަމް ވިދާޅުވި އެވެ.
"މިއީ ހާއްސަ ކޭސްއެއް ވީމާ އަޅުގަނޑުމެން މިނިސްޓްރީގައި އެދިފައި ވާނީ އިންވިޓޭޝަން ލެޓާ ހޯދަން. އެކަން އެބަ ބައްލަވާ."
ނަމަވެސް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ހެޑް، ސަފާތު އަހުމަދު ޒާހިރު ވިދާޅުވީ އެ ގައުމުގައި ހިފެހެއްޓި ބޯޓުތަކުގެ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
އެއީ 2019 ވަނަ އަހަރު އެފްއެސްއެމުން ބަންނަން ހަވާލުވި ހަތަރު ބޯޓުގެ ތެރެއިން ދެ ބޯޓެވެ. މީގެ ކުރިން ވެސް ދެ ބޯޓު ވަނީ ރާއްޖެ ގެނެސްފަ އެވެ.
އެ ގައުމުގައި ހިފަހައްޓައިގެން އުޅޭ ދެ ބާޖަކީ 180،000 ލީޓަރުގެ ޑީސަލް އަދި 40،000 އާއި 60،000 ލީޓަރުގެ ޕެޓްރޯލް ރައްކާކުރެވޭނެ ކެޕޭސިޓީ ހުރި ބާޖެއް ކަމަށް އެފްއެމްއެމްއިން ބުނެފައިވެ އެވެ. އެފްއެސްއެމްގެ ފްލީޓްގައި މިހާރު 20 ބާޖު އޮވެ.
ބޯޓު ގެނައުމަށް އެރިތުރިއާއާ އެކު މަޝްވަރާ ކުރަނީ
އެރިޓްރިއާގައި ހިފެހެއްޓީ 23 މިލިއަންގެ ދެ ބޯޓް
ބޯޓު ގެނެވޭނެކަމުގެ ޔަގީންކަން މިނިސްޓްރީން ދޭ: ގަސަމް
އެފްރިކާގައި ހިފެހެއްޓި ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
ރާއްޖެ-އިކުއެޓޯރިއަލް ގިިނީ ސިޔާސީ ގުޅުން ގާއިމުކޮށްފި
ގާނޫނާ ހިލާފަށް ފޮރިންއަށް މުވައްޒަފުން ނެގުން ނުހުއްޓޭ
މެލޭޝިޔާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ
ރަޝިޔާއާ ދެކޮޅަށް ނަޝީދު ހުންނެވުމުން ސަފީރުގެ ނުރުހުން
ޣައްޒާ ބިނާކުރުމާއެކު ހައްގުތައް ވެސް އިޔާދަކޮށްދޭންޖެހޭ
ރާއްޖެ-ލަންކާ ގުޅުން ބަދަހިކުރަން އާ މަގުތަކެއް ހޯދަނީ