Roadha Mihaaru
އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވައިފި

އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވައިފި

25 މެއި 2023

އޮސްޓްރޭލިއާ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެ ގައުމުގެ ހައި ކޮމިޝަނެއް ހުޅުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އޮސްޓްރޭލިއާ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެ ގައުމުގެ ހައި ކޮމިޝަނެއް ހުޅުވައިފި އެވެ.

ހައި ކޮމިޝަން ގާއިމްކުރީ ޖެން ހޮޓަލުގެ ފަސްވަނަ ފްލޯގަ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވުމުން އުފާކުރައްވާ ކަމަށެވެ.

"މިކަމުގެ ސަބަބުން ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެ، އާ އުސްމިންތަތަކަށް ދާނެ ކަމަށް އަޅުގަނޑު ޔަގީން ކުރަން،" އޭނާ ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވަން ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާންކުރީ މިިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މީގެ ކުރިން އޮސްޓްރޭލިއާ އިން ރާއްޖެއާ ގުޅުން ހުރި ކަންކަން ބެލެހެއްޓީ ސްރީ ލަންކާގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަން މެދުވެރިކޮށެވެ.

ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ހުޅުވިޔަސް، އަދިވެސް ޕާސްޕޯޓާއި ވިސާ ފަދަ ކޮންސިއުލާ ހިދުމަތްތައް ދޭނީ ލަންކާގައި ހުންނަ ހައި ކޮމިޝަން މެދުވެރިކޮށް ކަމަށް ހައި ކޮމިޝަންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. ނަމަވެސް ކޮންސިއުލާގެ ހިދުމަތްތައް ކުރިއަށް ވުރެ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

ރާއްޖެއިން އޮސްޓްރޭލިއާއެކު ހާރިޖީ ގުޅުން ގާއިމުކުރީ ޖޫން 1974 ގަ އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށް މިހާރު ކަނޑައަޅާފައިވާ ސަފީރަކީ ޕޯލް ވެސްލީ ސްޓެފަންސް އެވެ.