Roadha Mihaaru
މުއިއްޒުގެ "ޕްރޯ-މޯލްޑިވްސް" ސިޔާސަތަށް ތައުރީފު

މުއިއްޒުގެ "ޕްރޯ-މޯލްޑިވްސް" ހާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާގެ ތައުރީފު

10 އޮކްޓޯބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ "ޕްރޯ-މޯލްޑިވްސް" ހާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާ ސަރުކާރުން މިއަދު ތައުރީފުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ "ޕްރޯ-މޯލްޑިވްސް" ހާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާ ސަރުކާރުން މިއަދު ތައުރީފުކޮށްފި އެވެ.

އޮސްޓްރޭލިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޕޯލް ވެސްލީ ސްޓެފަންސް އެ ކަމަށް ތައުރީފު ކުރެއްވީ އިންތިހާބީ ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެއްކެވި ވާހަކައިގައި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުންޏެވެ.

އަންނަ މަހުގެ 17 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ މުއިއްޒު ގެންދަވަނީ ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާ މިހާރު ބައްދަލު ކުރައްވަމުންނެވެ.

އޮސްޓްރޭލިއާގެ ސަފީރާ އެކު، އިންތިހާބީ ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ސަފީރު ވަނީ ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުންޏެވެ. އަދި އިންތިހާބީ ރައީސްގެ "ޕްރޯ-މޯލްޑިވްސް" ހާރިޖީ ސިޔާސަތަށް ތައުރީފު ކުރެއްވި އެވެ.

މުއިއްޒުގެ ވެރިކަމެއްގައި ގެންގުޅުއްވާނީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ކަމަށް އެ މަނިކުފާނު ވިދާޅުވީ، އެއީ "ޕްރޯ ޗައިނާ" ބޭފުޅެއް ކަމަށް ބުނެ ބައިނަލްއަގްވާމީ މީޑިއާތަކުން ވާހަކަ ދެއްކުމުންނެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ، ޗައިނާ އާއި އިންޑިއާ އާއި އެމެރިކާ އާއި މެދުއިރުމަތީގެ ގައުމުތަކާއި އަދި އަވަށްޓެރި އެހެން ގައުމުތަކާ ވެސް ގާތް ގުޅުން ބާއްވާނެ ކަމަށެވެ. ހަމައެކަނި މައްސަލައަކަށް ވާނީ ރާއްޖޭގެ މިނިވަންކަމާ ގުޅޭ ކަންކަން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި އެއް ގައުމަކަށް ދަރަނި ބަރޯސާކުރުން ފަދަ ކަންކަމެވެ.

"ގައުމު އިސްކުރާނީ. ދިވެހިރާއްޖެ އިސްކުރާނީ. ޕްރޯ ކިޔަންޏާ ޕްރޯ މޯލްޑިވްސް ޕޮލިސީ [ދަމަހައްޓަވާނީ]،" މުއިއްޒު "މިހާރު" އަށް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި، މުއިއްޒުގެ ވެރިކަމުގެ ދައުރުގައި އޮސްޓްރޭލިއާއާ އެކު އޮންނަ ގުޅުން މިހާރަށް ވުރެ ހަރުދަނާކޮށް، އާ ހަރުފަތަކަށް ގެންދިއުމަށް އުއްމީދު ކުރައްވާ ކަމަށް އިންތިހާބީ ރައީސް ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒާއި އޮސްޓްރޭލިއާގެ ސަފީރު ޕޯލް ވެސްލީ ސްޓެފަންސް މިއަދު ސަލާމް ކުރައްވަނީ.

އިންތިހާބީ ރައީސް ޑރ. މުއިއްޒާއި އޮސްޓްރޭލިއާގެ ސަފީރު ޕޯލް ވެސްލީ ސްޓެފަންސް މިއަދު ސަލާމް ކުރައްވަނީ.

އޮސްޓްރޭލިއާ އާއި ރާއްޖޭއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް މުއިއްޒު ފާހަގަކުރެއްވި އެވެ. ތައުލީމީ ދާއިރާއިން ދިވެހި ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދެއްވައި، ރާއްޖޭގެ އިންސާނީ ވަސީލަތް ބިނާކުރުމަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރު ވެސް އަދާކުރެއްވި އެވެ. އަދި އާ ދައުރުގައި މި ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް، އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް މިހާރު ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުއާ އެކު ބޭއްވި ބައްދަލުވުން.-- ފޮޓޯ: އިންތިހާބީ ރައީސްގެ އޮފީސް

އިންތިހާބީ ރައީސް، އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް މިހާރު ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުއާ އެކު ބޭއްވި ބައްދަލުވުން.-- ފޮޓޯ: އިންތިހާބީ ރައީސްގެ އޮފީސް

މުއިއްޒު މިއަދު ވަނީ އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓާ ކެތަރިން ހެސްވެލްއާ ވެސް މިއަދު ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި އިންތިހާބީ ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި މުއައްސަސާތައް ވަރުގަދަ ކުރުމާއި ޑިމޮކްރެސީ ހަރުދަނާކުރުމުގައި އދ. އިން ދޭ ފަންނީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ކުރިއަށް އޮތް ދައުރުގައި ވެސް އެކި ދާއިރާތަކުން ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އދ. ގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި އެވެ.

އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރު ވަނީ ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ޕްލޭނަށާއި އިންތިހާބީ ރައީސްގެ މެނިފެސްޓޯގައި ވައުދުވެވަޑައިގެންފައިވާ ގައުމީ ތަރައްގީގެ ޕްލޭންތަކަށް ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވުމަށް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތަކަށް ވެސް އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރު ތައުރީފު ކުރެއްވި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުންޏެވެ.