27 ޖެނުއަރީ 2017
ރެމިޓެންސް ޓެކްސް އަށް ވާ ބައި ބައެއް ކުންފުނިތަކުން ބިދޭސީ މުވައްޒަފުންނަށް ދޭތީ، ތަކެއްޗާއި ހިދުމަތްތަކުގެ އަގު މައްޗަށް ދިއުމުގެ ބިރު އެބައޮތް ކަމަށް ވަޒީފާ ދޭ ބައެއް ފަރާތްތަކުން ބުނެފި އެވެ.
ރެމިޓެންސް ޓެކްސް އަށް ވާ ބައި ބައެއް ކުންފުނިތަކުން ބިދޭސީ މުވައްޒަފުންނަށް ދޭތީ، ތަކެއްޗާއި ހިދުމަތްތަކުގެ އަގު މައްޗަށް ދިއުމުގެ ބިރު އެބައޮތް ކަމަށް ވަޒީފާ ދޭ ބައެއް ފަރާތްތަކުން ބުނެފި އެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް، ބިދޭސީން ގައުމަށް ފޮނުވާ ފައިސާ އިން ތިން ޕަސެންޓް ރެމިޓެންސް ޓެކްސްގެ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ނަގަން ފަށައިފަ އެވެ.
ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގާ މިންވަރު ބިދޭސީ މުވައްޒަފުންނަށް ދޭން ބައެއް ކުންފުނިތަކުން ވަނީ ނިންމައިފަ އެވެ. އެގޮތުން، ރާއްޖޭގެ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ރެމިޓެންސް ޓެކްސް އަށް ވާ ބައި މި މަހުގެ މުސާރައާ އެކު ބިދޭސީ މުވައްޒަފުންނަށް ދޭން ވަނީ ނިންމައިފަ އެވެ. އެ ގޮތަށް ނިންމީ، އޭނާ ވިދާޅުވި ގޮތުގައި، ނިސްބަތުން ވަރަށް ކުޑަ މުސާރައެއްގައި، އާއިލާއާ ދުރުގައި މަސައްކަތް ކުރާ ބައެއްގެ އަތުން އިތުރު ހަރަދެއް ދާތީ އެވެ.
"އަޅުގަނޑުމެންގެ އަތުން އިތުރު ހަރަދެއް ދިޔައަސް މިއީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި މި ބަލަނީ. އެހެން ނޫނީ، އެ މީހުން ބޭރަށް ފޮނުވާނެ އެއްޗެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ބޭރުގެ މެނޭޖްމަންޓަކުން ހިންގާ ރިސޯޓެއްގެ އޮފިޝަލަކު ވެސް ވިދާޅުވީ ކުންފުނީގެ ހަރަދުގައި ބިދޭސީ މުވައްޒަފުންނަށް ރެމިޓެންސް ޓެކްސް ދައްކައިދޭން ފަށާފައިވާ ކަމަށެވެ.
އެކަމަކު، ބައެއް ދިވެހި މުވައްޒަފުންނަށް އެއީ ބޮޑު މައްސަލަ އެކެވެ. ބިދޭސީންނަށް ރެމިޓެންސް ޓެކްސް ދައްކައިދޭ ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރާ ބައެއް ދިވެހި މުވައްޒަފުން ގަބޫލުކުރާ ގޮތުގައި އެއީ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމެވެ. ބިދޭސީންގެ އަތުން ޓެކްސް ނަގާތީ އެ މީހުންގެ މުސާރަ ބޮޑުކޮށް ދޭ ނަމަ، އިންފްލޭޝަނާއި އެ ނޫން ވެސް ކަންކަމަށް ބަލައި ދިވެހިންނަށް ވެސް އެއްހަމަ އަކުން މުސާރައިގެ ކުރިއެރުން ދޭން ޖެހޭނެ ކަމަށް އެ ފަރާތްތަކުން ގަބޫލުކުރެ އެވެ.
"އަހަރުމެންގެ އަތުން ނަގާ ޓެކްސް އާއި ފީތައް ވެސް ވަކި މަދެއް ނޫން. ޖީއެސްޓީ އާއި ސައިކަލަށް ދައްކަންޖެހޭ ލާރިން ގޮސް، އެތައް އެއްޗެއް ސަރުކާރަށް ދައްކަން އެބަޖެހޭ. އެކަމަކު، އަހަރުމެންގެ މުސާރަ ބޮޑެއް ނުވޭ،" އެހެން ކޮންސްޓްރަކްޝަން ކުންފުންޏެއްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ބުންޏެވެ.
ބޭރަށް ފައިސާ ފޮނުވަައިދޭ ވެސްޓަން ޔުނިއަންގެ އޮފީސް: ބޭރަށް ފޮނުވާ ފައިސާ އިން ނަގާ ޓެކްސްގެ މިންވަރު ދައްކައި ދޭން ބައެއް ކުންފުނިތަކުން ވަނީ ފަށާފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ފަދަ މައްސަލައެއް ބޮޑުވެ، ފުލުހުންނާ ހަމަ އަށް ވެސް މި ފަހުން ވަނީ ފޯރައިފަ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ސިންގަޕޫރުގެ ސެޓްސް ކުންފުނިން ގުޅިގެން ހިންގާ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގެ ބައެއް ދިވެހި މުވައްޒަފުން ވަނީ އެ ތަނުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ މުސާރަ އިން ރެމިޓެންސް ޓެކްސްގެ ގޮތުގައި އުނިކުރަން ޖެހޭ މިންވަރު މުސާރަ އިން ބޮޑުކޮށްދިނުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެކަމާ ގުޅިގެން، އެ ތަނުގެ އިސް ވެރިއެއްގެ އިސްތިއުފާ އަށް ގޮވައި، އޭނާ އަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށައިފަ އެވެ.
ރެމިޓެންސް ޓެކްސް އަށް ވާ ބައި ބިދޭސީ މުވައްޒަފުންނަށް ދޭ ކުންފުނިތަކުގެ ވެސް ގިނަ ޝަކުވާތަކެއް އެބަހުއްޓެވެ. ކުރިން ވާހަކަ ދެއްކެވި ކޮންސްޓްރަކްޝަން ކުންފުނީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ރެމިޓެންސް ޓެކްސްއާ އެކު އެހެން ހުރިހާ އެއްޗެއްގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ. އެ ގޮތުން، މަސައްކަތަށް ބޭނުންވާ ސާމާނުގެ އަގުތައް މައްޗަށް ދިއުމުގެ އިތުރުން، ކަރަންޓާއި ކާޑުގެ އަގުތަކާއި މުވައްޒަފުންގެ މެޑިކަލް ރިޕޯޓު ހައްދަން ދާ ހަރަދު ވެސް ބޮޑުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބޮޑު ބައެއް އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރި ވާއިރު، އިތުރު ޓެކްސްތަކާއި އަގުތައް އުފުލުމުގެ ގެއްލުން ކުންފުނިތަކަށް ކުރަން ވަނީ ފަށައިފަ އެވެ. އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ، ކޮންސްޓްރަކްޝަން ކުންފުނީގެ އޮފިޝަލް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުން ލިބޭ ފައިދާ ވަރަށް ބޮޑަށް ކުޑަވުމުގެ މައްސަލަ އެވެ.
"ކޮމްޕެޓިޝަން ބޮޑުވީމަ، ވަރަށް ކުޑަ މާޖިންއެއްގައި މަސައްކަތް މި ކުރަނީ. ކޮންމެ ޕްރޮޖެކްޓެއް ނިންމަން އެބަ ނަގާ ދޮޅު އަހަރު ނޫނީ ދެ އަހަރު. އެހެންވީމަ، އިތުރަށް މި ހިނގާ ހަރަދު އެ ޕްރޮޖެކްޓުތަކަށް ލެވޭނެ ގޮތެއް ނޯވޭ. ގިނަ ފަހަރަށް މިހާރު މި ހިންގާ ޕްރޮޖެކްޓުތަކުން އެއްވެސް އެއްޗެއް ނުލިބޭ،" ގާތްގަނޑަކަށް 600 މުވައްޒަފުން ގެންގުޅޭ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.
އިމާރާތެއް ތަޅާލުމުގެ މަސައްކަތުގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ: ރެމިޓެންސް ޓެކްސް ނުދައްކައި ނުތިބެވޭނެ ގޮތް ހަދަން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މާލީ ހާލަތު ގޯސްވެފައިވާ ކަމަށް، މަރުކަޒީ ބޭންކުން އެންމެ ފަހުން ނެރުނު ސާވޭ އިން ވެސް ވަނީ ދައްކައިފަ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮންމެ ތިން މަހަކުން ހަދާ ކުއާޓާލީ ބިޒްނަސް ސާވޭގެ މިދިޔަ އަހަރުގެ އެންމެ ފަހު އަދަދު މިދިޔަ ހޯމަ ދުވަހު ނެރެފައި ވާއިރު، އޭގައިވާ ގޮތުން މި ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މާލީ ހާލަތު ވަނީ ދަށަށް ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އަދި އެ ހާލަތު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިތުރަށް ގޯސްވާނެ ކަމަށް ވެސް އެ ސާވޭގައި ވަނީ ލަފާކޮށްފަ އެވެ.
ރެމިޓެންސް ޓެކްސް ދައްކައި ދޭ ކުންފުނިތައް އަދި ނިސްބަތުން މަދެވެ. މިހާރު އެ ފައިސާ ދެނީ ބޭރުގެ ފަރާތްތަކުން ހިންގާ ބައެއް ރިސޯޓުތަކާއި ކުންފުނިތަކުން ކަމަށް ވާއިރު، ރެމިޓެންސް ޓެކްސް އަށް ބަލައިގެން މުސާރަ ބޮޑުކޮށްދޭން ނިންމާފައި ވަނީ ވަރަށް މަދު ދިވެހި ކުންފުންޏަކުންނެވެ.
އެކަމަކު، މިއީ ޓްރެންޑަކަށް ވެ، ވަޒީފާ ދޭ ހުރިހާ ފަރާތްތަކަށްހެން މިކަން ކުރަން މަޖުބޫރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބައެއް ކުންފުނިތަކުން ދެކެ އެވެ. ހާއްސަކޮށް، ބިދޭސީ މުވައްޒަފުން އެކަމުގެ ޝަކުވާކޮށް ޑިމާންޑް ކުރަން ފަށައިފި ނަމަ، ވަރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވާނެ ކަމަށް އެ ފަރާތްތަކުން ގަބޫލުކުރެ އެވެ. ބިދޭސީންނަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އިގްތިސާދެއް އޮތް ރާއްޖެ އަށް އޭގެ އަސަރު ކުރާނެ ކަމުގެ އިންޒާރު އެ ކުންފުނިތަކުން ދެ އެވެ.
"އެހެން ވެއްޖެ ނަމަ، އަނެއްކާ ވެސް ތަކެތީގެ އަގު އުފުލި، އެ ބުރަ އުފުލަން ޖެހޭނީ ހަމަ އާއްމުން. ވަކި ދާއިރާއެއް ނޫން، އާއްމުކޮށް ބޭނުންކުރާ އެއްޗެހީގެ އަގު ވެސް ބޮޑުވާނެ،" ރާއްޖެ އަށް މުދާ އެތެރެކޮށް، ހޯލްސޭލް ކުރާ ވިޔަފާރިވެރިއަކު ބުންޏެވެ.
"އަޅުގަނޑުމެންގެ އަތުން އިތުރު ހަރަދެއް ދިޔައަސް މިއީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި މި ބަލަނީ. އެހެން ނޫނީ، އެ މީހުން ބޭރަށް ފޮނުވާނެ އެއްޗެއް ނޯންނާނެ." -- ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އޮފިޝަލެއް
އެ ކަންބޮޑުވުން ހިއްސާކުރާ ވިޔަފާރިވެރިން ދެކޭ ގޮތުގައި، ރެމިޓެންސް ޓެކްސް ނެގިޔަސް، އޭގެ އަސަރު ވިޔަފާރިތަކަށާއި އާއްމުންނަށް ނުކުރާނެ ފަދަ ގޮތަކަށް ސަރުކާރުން ކަންކަން ރާވަން ޖެހެ އެވެ. އެކަމަކު، މި ކަމާ ބެހޭ ސަރުކާރުގެ ފަރާތަކާ ގުޅޭ ގޮތް ނުވުމުން، ސަރުކާރުގެ ބަހެއް އަދި ނުލިބެ އެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ރެމިޓެންސް ޓެކްސް ނަގަން ފަށާފައި ވާއިރު، މި ޓެކްސް ނުދައްކައި ނުތިބެވޭނެ ގޮތް ހަދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ގޮތުން، ރެމިޓެންސް ޓެކްސްއާ ބެހޭ ގަވާއިދަށް ދެ އިސްލާހެއް ގެނެސް، ބިދޭސީ އަކު ރާއްޖޭގައި ހުޅުވާފައިވާ އެކައުންޓަކުން އެހެން ގައުމެއްގައި ހުރި މީހަކު ފައިސާ ނެގިޔަސް ރެމިޓެންސް ޓެކްސް ދައްކަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ރެމިޓެންސް ޓެކްސް ނުދައްކަން، ބިދޭސީންގެ ފައިސާ އެހެން މީހަކު ލައްވައި ބޭރަށް ގެންދާ ނަމަ ޖޫރިމަނާ ކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 63.7 މިލިއަން ޑޮލަރު (982.2 މިލިއަން ރުފިޔާ) ގައުމަށް ފޮނުވާފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިދިޔަ އަހަރު ރެމިޓެންސް ޓެކްސްގެ ގޮތުގައި 14.6 މިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު، މި އަހަރުގެ ތެރޭގައި ޖުމްލަ 82 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފަ އެވެ.
އެކައުންޓް ހުޅުވާ މުއްދަތު އިތުރުކުރުމަކީ ހައްލެއް ނޫން
ރެމިޓެންސް ޓެކްސް: ޝަކުވާ، ތައްޔާރުނުވެވުމުގެ ނުރައްކާ
ބިދޭސީންގެ ފައިސާ މީހަކު ގެންދާ ނަމަ ޖޫރިމަނާ ކުރަނީ
އޮޅުންބޮޅުން: ބިދޭސީންގެ ފައިސާއިން ޓެކްސް ނެގުން
ޑިޕޮސިޓް ފައިސާ ހޯދަން 2000 އަށް ވުރެ ގިނަ މީހުން
ލައިސަންސްނެތި ބިދޭސީން ގެނެސްފި ނަމަ ބޮޑު ޖޫރިމަނާއެއް
އިއްޔެ ޑީޕޯޓްކޮށްލި 168 މީހުންނަކީ އިންޑިއާގެ ބައެއް
ބިދޭސީން ގެންނަ ކުންފުނިތަކުގެ މައްސަލަ ހައްލުކޮށްދޭން އެދި ޕެޓިޝަނެއް
މިދިޔަ އަހަރު ރެމިޓެންސް ގޮތުގައި 92 މިލިއަން ޑޮލަރު
ކޮންމެ ބިދޭސީއަކަށް 2000ރ. ދައްކަން ޖެހިއްޖެ