Roadha Mihaaru
އެކައުންޓް ހުޅުވާ މުއްދަތު އިތުރުކުރުމަކީ ހައްލެއް ނޫން

ބިދޭސީންގެ އެކައުންޓް ހުޅުވަން އޮތް މުއްދަތު އިތުރުކުރުމަކީ ހައްލެއް ނޫން، ފަސޭހަކުރުމަށް އެބަ މަސައްކަތް ކުރަން: ސައީދު

27 ނޮވެމްބަރ 2016

ބިދޭސީންގެ އެކައުންޓް ހުޅުވުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަކީ ހައްލެއް ނޫން ކަމަށާއި އެކަމަކު އެކަން ފަސޭހަ ކުރުމަށް ހުރިހާ ފަރާތްތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ބިދޭސީންގެ އެކައުންޓް ހުޅުވުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަކީ ހައްލެއް ނޫން ކަމަށާއި އެކަމަކު އެކަން ފަސޭހަ ކުރުމަށް ހުރިހާ ފަރާތްތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް، ބިދޭސީން ގައުމަށް ފޮނުވާ ފައިސާ އިން ތިން ޕަސެންޓް ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގަން ވަނީ ފަށައިފަ އެވެ. މި އަހަރު ރެމިޓެންސް ފީގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.

ރެމިޓެންސް ޓެކުހާ އެކު، ބިދޭސީންނަށް މުސާރަ ދޭ ގޮތަށް ވެސް ބޮޑު ބަދަލެއް ވަނީ ގެނެސްފަ އެވެ. އެ ގޮތުން، ކުރިން ބިދޭސީންގެ އަތަށް ދެމުން އައި މުސާރަ މިހާރު ޖަމާކުރަން ޖެހެނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ބޭންކެއްގައި އެ މީހެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އެ އިސްލާހަށް މިދިޔަ މަހުގެ އެކަކުން ފެށިގެން އަމަލުކުރަން ފަށާފައި ވާއިރު، ބޭންކު އެކައުންޓް ހުޅުވަން ދީފައިވާ ތިން މަސްދުވަހުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

އެކަމަކު، އެ މުއްދަތުގެ ތެރޭގައި އެކައުންޓް ނުހުޅުވިދާނެ ކަމުގެ ބިރު ވަޒީފާ ދޭ ފަރާތްތަކަށް އެބަ އޮތެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވި ގޮތުގައި މިއީ ރާއްޖެ އަށް އާ ކަމަކަށް ވާތީ، ގޮންޖެހުންތަކެއް ހުންނާނެ އެވެ. އެކަމަކު، މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ގެންގުޅޭ އުސޫލެއް ކަމަށާއި ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުން އަންނައިރު، މި އުސޫލު ކޮންމެހެން ވެސް ތައާރަފް ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެ އަކީ މި ގޮތަށް މިކަން ކުރާ ފުރަތަމަ ގައުމެއް ވެސް ނޫން. މި ގޮތަށް ވެސް އަދި ތަފާތު ގޮތް ގޮތަށް ވެސް މިކަން ކުރާ ގައުމުތައް އެބަހުރި،" އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު، ބޭންކު އެކައުންޓް ހުޅުވުމަށް ދީފައިވާ މުއްދަތު ކުޑަކުރަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި މަރުކަޒީ ބޭންކާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރީޓީ (މީރާ)ގެ އިތުރުން، އެހެން ބޭންކުތަކާއި ކަމާ ބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން، ބޭންކު އެކައުންޓް ހުޅުވަން ފަސޭހަ ގޮތްތަކެއް ހޯދައިދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބްރޯޑްކޮށް ވިސްނައިފިއްޔާ މީގެ ފައިދާ ހަގީގަތުގައި މި ކުރަނީ ވިޔަފާރިތަކަށް، ވަޒީފާ އަދާކުރާ ފަރާތްތަކަށް އަދި މަސައްކަތު މީހުންނަށް. ދެ ފަރާތުގެ ހައްގު ވެސް ރައްކާތެރިވާ ވަރަށް މުހިއްމު މަސައްކަތެއް މިއީ،" ބޭންކު އެކައުންޓް ހުޅުވުމާއި އެ ނޫން ވެސް ރެމިޓެންސް ޓެކުހާ ގުޅިގެން ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދޭން އެ މިނިސްޓްރީން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން އޭނާ ވިދާޅުވި އެވެ.

ތިން މަސް ދުވަހުގެ ތެރޭގައި ހުރިހާ އެކައުންޓެއް ނުހުޅުވި ދާނެ ކަމުގެ ބިރާ އެކު، ކުންފުނިތައް ބޮޑު އަދަދަކުން ޖޫރިމަނާ ވުމުގެ ބިރު ވެސް އެބަ އޮތެވެ. އެ ގޮތުން، ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާނުކުރާ ނަމަ، ގާނޫނުގެ ދަށުން، ވަޒީފާ ދޭ ފަރާތް 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. ވަޒީފާ ދޭ ފަރާތްތަކުން ގާނޫނަށް އަމަލު ނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތަކަށް ސަރުކާރުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ހުއްޓާލުމުގެ ބާރު ވެސް ގާނޫނުގެ ދަށުން ލިބިދެ އެވެ.

ރާއްޖޭގައި ހިންގާ ބޭންކުތަކުގައި އެކައުންޓް ހުޅުވުން ވަނީ ބޮޑު އުނދަގުލަކަށް ވެފަ އެވެ. އެކައުންޓް ހުޅުވޭނެ ގޮތެއް ނެތިގެން އެތައް ބަޔަކު މިހާރު ވެސް ގެންދަނީ ޝަކުވާ ކުރަމުންނެވެ. އެކަމަކު، އެކައުންޓް ހުޅުވަން ދިން މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު، ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ ބޭރުކޮށްލައިފަ އެވެ.