Roadha Mihaaru
ދަރަނބޫދުއަށް ރީތި ބޮޑު ބަނދަރެއްގެ ނަސީބު

ދަރަނބޫދުއަށް ރީތި ބޮޑު ބަނދަރެއްގެ ނަސީބު

27 މެއި 2023

ދިރިއުޅޭ އާބާދީ ކިތައްމެ މަދުވިޔަސް، ފ. ދަރަނބޫދޫގައި މި ހުޅުވީ އެންމެ ރީތި އެއް ބަނދަރެވެ. މި ސަރަހައްދުގެ ރަށެއްގައި ހުޅުވި އެންމެ ބޮޑު އެއް ބަނދަރު ވެސް މެ އެވެ.

އިފްރާޒް އަލީ ފ، ދަރަނބޫދޫން އިފްރާޒް އަލީ

ދިރިއުޅޭ އާބާދީ ކިތައްމެ މަދުވިޔަސް، ފ. ދަރަނބޫދޫގައި މި ހުޅުވީ އެންމެ ރީތި އެއް ބަނދަރެވެ. މި ސަރަހައްދުގެ ރަށެއްގައި ހުޅުވި އެންމެ ބޮޑު އެއް ބަނދަރު ވެސް މެ އެވެ.

މި ރަށު މީހުން ބުނަނީ މިއީ އެތައް އަހަރެއްވީ، ބޮޑު ތަކުލީފެއްގެ ނިމުން ކަމަށެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ އާއި ޝުކުރު އަދާކުރުމަށް، އާބާދީގައި 600 އެއްހާ މީހުން ދިރިއުޅޭ މި ރަށުގެ އެންމެހެން ތިބީ ބަނދަރަށް ނުކުމެވެ. އެ އެންމެންގެ މޫނުމަތިން ވެސް ފެނުނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.

ދަރަނބޫދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އެމްޓީސީސީން އެ ރަށުގައި ހެދި ބަނދަރު.-- ފޮޓޯ: އެމްޓީސީސީ

ދަރަނބޫދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އެމްޓީސީސީން އެ ރަށުގައި ހެދި ބަނދަރު.-- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީއާ ހަވާލުކޮށްގެން، ދައުލަތުގެ ބަޖެޓުން 40.4 މިލިއަން ރުފިޔާ ހަރަދުކޮށް، މި ބަނދަރުގެ މަސައްކަތް ނިންމާލީ މިދިޔަ އަހަރު ކުރީކޮޅުގަ އެވެ. ރައީސް ފ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މި ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވީ އެވެ.

މި ބަނދަރު ހުޅުވުމުގެ ގޮތުން ދަރަނބޫދޫގައި ބޭއްވި ރަސްމިއްޔާތުގައި ރަށު ކައުންސިލްގެ ރައީސް އަބްދުލްހަލީމް އާދަމް ވިދާޅުވީ، ސިޔާސީ ގޮތުން ނުފޫޒުގަދަ އެއްވެސް މީހެއް ނެތް ރަށަކަށް މި ސަރުކާރުން މިފަދަ ބޮޑު މަޝްރޫއެއް ހިންގައިދިނުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި މިއީ އެއްވެސް ރަށެއް ރައީސް ބާކީނުކުރައްވާނެ ކަން ޔަގީންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފ. ދަރަނބޫދޫން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް މަރުހަބާ ކިޔުމަށް ގޮސް ތިބި ބަޔަކާ އެމަނިކުފާނު ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފ. ދަރަނބޫދޫން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް މަރުހަބާ ކިޔުމަށް ގޮސް ތިބި ބަޔަކާ އެމަނިކުފާނު ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ރައްޔިތުން އުއްމީދުކުރި ވަރަށް ވުރެ ފުރިހަމަ ބަނދަރެއް ހެދިގެން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނަށް ދަރަނބޫދުއަށް ވަޑައިގެންނެވީ ވަރަށް ވިއްސާރަ، ކަނޑުގަދަ ދުވަހެއްގައި ކަމަށެވެ. އޭރު މި ރަށުގައި ރަނގަޅު ބަނދަރެއް ނެތުމުން ރަށަށް އަރައި ފޭބުމުގައި ރައްޔިތުން އުފުލާ ތަކުލީފު އިހުސާސްކުރެއްވުނު ކަމަށެވެ. އެހެންވެ، އެފަހަރު ރިޔާސީ ކެމްޕެއިންގައި މި ރަށުގައި ބަނދަރެއް އަޅައިދޭން ވައުދުވެވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދަރަނބޫދޫ ބަނދަރާ އެކު ބަނދަރުގެ ޖެޓީގައި އަޅަމުން އަންނަ ކުޑަ ޓާމިނަލްއެއް ކައިރީގައި ސްކޭޓް ކުރަނީ: މި ރަށުގެ ބަނދަރު މިހާރު ވަނީ އެއްކޮށް ނިމިފައި. -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ދަރަނބޫދޫ ބަނދަރާ އެކު ބަނދަރުގެ ޖެޓީގައި އަޅަމުން އަންނަ ކުޑަ ޓާމިނަލްއެއް ކައިރީގައި ސްކޭޓް ކުރަނީ: މި ރަށުގެ ބަނދަރު މިހާރު ވަނީ އެއްކޮށް ނިމިފައި. -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

"މި ރަށަށް ވަންނަ އަޅުގަނޑުމެން [2018 ވަނަ އަހަރު] ގަޑިއެއްހާއިރު މަޑުކުރަން ޖެހުނު. އެހެން ނަމަވެސް، އެ ދުވަހު ވެސް މި ރަށު ރައްޔިތުން ބަނދަރުމަތީގައި މަޑުކޮށްގެން ތިބި،" ރައީސް ވިދާޅުވި އެވެ.

"އެންމެ ބޮޑު ކަމަކަށް އެ ދުވަހު ވެސް ހުށަހެޅީ ބަނދަރު."

އެ ދުވަހު ވެވަޑައިގެންނެވި ވައުދު ފުއްދާދެވުމުން ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގެންފި ކަމަށް ރައީސް ވިދާޅުވި އެވެ.

ފ. ދަރަނބޫދޫގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފ. ދަރަނބޫދޫގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މި ރަށުގައި 2008 ވަނަ އަހަރު ހެދި ބަނދަރު ހަނިވުމާއި ފަޅު ތިލަވުމުގެ ސަބަބުން ލަފާފުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ބަނދަރު ކުޑަވުމުގެ ސަބަބުން، މަސްވެރި މި ރަށުގައި، ކަންނެލި މަސްވެރިކަމުގައި ބޭނުންކުރާ ބޮޑެތި ދޯނިތަކާ އަދި ކާބޯތަކެތި އުފުލާ ބޮޑެތި އޮޑިފަހަރަށް ބަނދަރަށް ވަދެނުކުތުމުގައި ދަތިތަކާ ކުރިމަތިވި އެވެ.

މަޝްރޫއުގެ ތަފުސީލު

- 46،000 ކިއުބިކްމީޓަރަށް ބަނދަރު ފުންކޮށް، ބޭރު ތޮށި ލައި އެއްގަމު ތޮށި ލާފައިވޭ.

- 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓާއި ގްރޮއިން ޖަހާފައިވޭ.

- 2،641 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހަދާފައިވޭ.

- 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕެއް ހަދާފައިވޭ.

- ބޭރު ތޮށިގަނޑު މައްޗަށް އެރުމަށް ބްރިޖެއް ހަދައި ބަނދަރުގައި ބައްތި ހަރުކޮށްފައިވޭ.

ފ. ދަރަނބޫދޫގައި ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ކިޔަން ގޮސް ތިބި ބަޔަކު ފަސްޓް ލޭޑީ އަހްމަދު ފަޒްނާއާއެކު ސެލްފީއެއް ނަގަނީ.-- ފޮޓޯ: ރައީސް އޮފީސް

ފ. ދަރަނބޫދޫގައި ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ކިޔަން ގޮސް ތިބި ބަޔަކު ފަސްޓް ލޭޑީ އަހްމަދު ފަޒްނާއާއެކު ސެލްފީއެއް ނަގަނީ.-- ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިންނާއި ސަރުކާރުގެ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.