Roadha Mihaaru
އޮމަދޫ ބަނދަރު ހުޅުވުން: ބޮޑު ތަކުލީފެއް ނިމުމަކަށް!

އޮމަދޫ ބަނދަރު ހުޅުވުން: ބޮޑު ތަކުލީފެއް ނިމުމަކަށް!

18 އޯގަސްޓް 2021

ދިވެހި ސަރުކާރުން 32 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތ. އޮމަދޫގައި ތަރައްގީ ކޮށްފައިވާ ބަނދަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައި ދެއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދިވެހި ސަރުކާރުން 32 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތ. އޮމަދޫގައި ތަރައްގީ ކޮށްފައިވާ ބަނދަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައި ދެއްވައިފި އެވެ.

މި ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ބަނދަރު ތަރައްގީ ކުރުމަކީ މީގެ ތިން އަހަރު ކުރިން ރިޔާސީ ކެމްޕެއިނަށް އޮމަދު އަށް އެ މަނިކުފާނު ވަޑައިގެންނެވިއިރު، ރަށުގެ ކައުންސިލާއި ރައްޔިތުން އެންމެ ބޮޑަށް އެދުނު ކަންތައް ކަމަށެވެ. އަދި މި ބަނދަރާއާ އެކު އެ ރަށުގެ މީހުން އުފުލަމުން ދިޔަ ބޮޑު ތަކުލީފަށް ނިމުމެއް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގެ ތިން އަހަރު ފަހުން މިއަދު އަޅުގަނޑުމެން މި ތިބީ މި ރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދުނު މަސައްކަތް ނިންމައި، މި ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އޮމަދޫ އަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އޮމަދޫ އަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް

އޮމަދޫ ބަނދަރު ހެދުމުގެ މަސައްކަތް، ހެވީ ފޯސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2019 ގަ އެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަސައްކަތް ނުނިމި ލަސްވީ ކޮވިޑްގެ ސަބަބުން ދިމާވި ދަތިތަކާ ގުޅިގެންނެވެ.

ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން ވަރަށް ގިނަ މަޝްރޫއުތައް މަޑުޖައްސައިލަން ޖެހުނަސް، އެ ހާލަތުގައި ވެސް ކުރިއަށް ގެންދަން ނިންމި މަޝްރޫއުތަކުގެ ތެރޭގައި އޮމަދޫގެ ބަނދަރު ހިމެނި ކަމަށެވެ.

ރަށުގެ ރައްޔިތުން ދެވަނަ އަށް އެންމެ ބޮޑު ދަތިކަމެއްގެ ގޮތުގައި ފާހަގަކުރި، ކަރަންޓުގެ މައްސަލަ ވެސް މިހާރު ހައްލުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ރަށުގެ އިންޖީނުގެ އެހެން ތަނަކަށް ބަދަލުކޮށް، ފެނަކަ އިން ކަރަންޓުގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން، އޮމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ސްކޫލުގައި މަލްޓިޕާޕަސް އިމާރާތެއް އެޅުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އޮމަދޫ އަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އޮމަދޫ އަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް

އޮމަދޫ ބަނދަރު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ، 307 މީޓަރުގެ ބޭރު ތޮއްޓާއި 388 މީޓަރުގެ އެއްގަމު ތޮއްޓާއި 123 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ހަރުކުރުމާއި އެއްގަމު ތޮށްޓާއި އިންވެގެން 1940އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ފުންކުރުމާއި ބަނދަރު ސަރަހައްދުގައި ލައިޓް ޖެހުމުގެ އިތުރުން ބަނދަރުގައި ރޭމްޕެއް ހަދަން ޖެހޭ ގޮތަށެވެ.

ތ. އަތޮޅަށް ރައީސް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ފުރަތަމަ ވަޑައިގަތީ ތިމަރަފުއްޓަށެވެ. އެއަށް ފަހު މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ކިނބިދު އަށެވެ. އަދި މިހާރު އޮމަދޫގައި ހުންނެވިއިރު، މި ދަތުރުފުޅުގައި ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓަށް ވެސް ވަޑައިގަންނަވާނެ އެވެ.