Roadha Mihaaru
އެމްއާރުއެމް އުވާލުން މަޑުޖައްސާލަން އަމުރެއް ނެރެފި

އެމްއާރުއެމް އުވާލަން އީސީގެ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލަން އަމުރުކޮށްފި

28 މެއި 2023

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފައްދަވާފައިވާ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަން ކޮމިޝަން (އީސީ)ން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން މިއަދު ނެރެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފައްދަވާފައިވާ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަން ކޮމިޝަން (އީސީ)ން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން މިއަދު ނެރެފި އެވެ.

އެމްއާރްއެމްގައި 3،000 މެންބަރުން ހަމަނުވާ ކަމަށާއި ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ އެ އަދަދު ފުރިހަމަ ކުރަން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް މެމްބަރުން ހަމަކޮށްފައި ނުވާތީ އެ ޕާޓީ އުވާލަން މިދިޔަ ބުދަ ދުވަހު އިލެކްޝަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އެކަމަކު އެމްއާރުއެމް އިން ހުށަހެޅި މައްސަލާގައި ސިވިލް ކޯޓުން އަމުރެއް ނެރުނީ، އެ ޕާޓީ އުވާލަން އީސީން ނިންމި ނިމުމަށް އަމަލުކުރަން މި ވަގުތަށް ފަސް ކުރުމަށެވެ.

ވަގުތީ އަމަރު ނެރުމަށް ބޭއްވި ޝަރީއަތުގައި އެމްއާރްއެމުން ބުނެފައި ވަނީ އެ ޕާޓީ އުވާލުމަށް އިލެކްޝަނުން ނިންމާފައި ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައިވަނިކޮށް ކަމަށެވެ. އަދި އެ ޕާޓީގެ ނަމުގައި ހަރަކާތް ހިންގުމަށް އެނގި އެންގުން ބާތިލުކުރުމަށް ވެސް އެ ޕާޓީން އެދިފައި ވެއެވެ.

މި މައްސަލާގައި ދާއިމީ ހައްލެއް ހޯދަން އީސީއާ ދެކޮޅަށް، އެމްއާރްއެމްގެ ފަރާތުން އިތުރު މައްސަލައެއް 30 ދުވަހުގެ ތެރޭގައި ކޯޓަށް ވައްދާނެ ކަމަށް، އެ ޕާޓިން ބުނާތީ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުނީ 30 ދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަނާޅައިފިނަމަ ވަގުތީ އަމުރު ބާތިލުވާނެ ކަމަށް ސިވިލް ކޯޓްގެ ހުކުމްގައި ވެ އެވެ.

އިލެކްޝަން ކޮމިޝަނުގެ ގައިރު ހާޒިރުގައި ނިންމި މައްސަލައިގައި ސިވިލް ކޯޓުން، އެ ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފައި ވަނީ ޝަރީއަތުން ވަކި ގޮތެއް އަންގަންދެން އެމްއާރްއެމް އުވާލުމަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

މައުމޫން މުޝްތަޝާރުކަން ކުރައްވާ، އަދި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން، ރައީސްކަން ކުރައްވާ ޕާޓީ އުވާލަން އިލްކްޝަން ކޮމިޝަނުން ނިންމި ނަމަވެސް، އެ ޕާޓީން ބުނެފައި ވަނީ މުއްދަތުގައި އީސީ އަށް 3،000 މެންބަރުން ހަމަވާ މިންވަރަށް ފޯމު ހުށަހެޅި ކަމަށެވެ.

އެމްއާރްއެމް އުވާލަން ނިންމުމަށް ފަހު އީސީން ވަނީ އެ ޕާޓީގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގުން ވެސް މަނާކޮށްފަ އެވެ.