Roadha Mihaaru
ވިސްނުން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް، ހުރަހަކީ އީސީ!

އެމްއާރުއެމްގެ ވިސްނުން ހުރީ ކެންޑިޑޭޓަކު ނެރުމަށް، ހުރަހަކީ އީސީ!

23 ޖުލައި 2023

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ އެމްއާރުއެމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމުގެ ވިސްނުމުގައި ތިއްބަސް އިންތިހާބުގެ ތައްޔާރީތަކާއި ސިޔާސީ ހަރަކާތްތައް ހިންގުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އާ ހެދި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ އެމްއާރުއެމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމުގެ ވިސްނުމުގައި ތިއްބަސް އިންތިހާބުގެ ތައްޔާރީތަކާއި ސިޔާސީ ހަރަކާތްތައް ހިންގުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އާ ހެދި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ގާނޫނުގައި ބުނާ އަދަދު، 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އީސީން ވަނީ އެމްއާރުއެމް އުވާލަން ނިންމައިފަ އެވެ. އެކަމަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ޕާޓީ އުވާލުމުގެ އެއްވެސް ކަމެއް ނުކުރަން އޮތީ އީސީގެ މައްޗަށް އޮތީ އަމުރުކޮށްފަ އެވެ. އެ ނިންމުން މުރާޖައާ ކުރަން އީސީން ހުށަހެޅުމުން ވެސް ނިމުނީ ކޮމިޝަނާ ދެކޮޅަށެވެ.

އެމްއާރުއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ދަނީ ކަނޑައެޅިގެން ކޯޓުގެ އަމުރާ ހިލާފަށް އެމްއާރުއެމާ މެދު އަމަލުކުރަމުން ކަމަށެވެ. ރިޔާސީ އިންތިހާބުގެ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި އެމްއާރުއެމް ބައިވެރި ނުކުރުމަކީ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައި ބައްދަލުވުންތައް ބާއްވާއިރު ވެސް އެމްއާރުއެމް ބައިވެރިއެއް ނުކުރެ އެވެ.

"މިއީ ކޯޓުގެ އަމުރާ އިލެކްޝަންސް ކޮމިޝަނުން ޚިލާފުވުން، މިގޮތަށް އަމަލުކުރަމުންދާތީ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަފާނެ ކަމާ މެދު ވެސް ސުވާލު އުފެދޭ،" ނާދިރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމްގެ ސިޔާސީ ހަރަކާތްތަކުގައި ކުރިއަށް ދާން މިކަމުގެ ސަބަބުން ދަތިތަކެއް އެބަހުއްޓެވެ. އެމްއާރުއެމް އުވާލަން ނިންމި ކަމަށް އިއުލާންކުރީ ވެސް ގާނޫނާ ހިލާފަށް ކަމަށާއި އެއީ ސިޔާސީ ނުފޫޒު ފޯރާފައިވާ ނިންމުމެއް ކަަމަށް ގަބޫލުކުރާ ކަމަށް ވެސް އެމްއާރުއެމުން ވަނީ ބުނެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމަށް އެމްޑީޕީގެ ދެ ވަނަ ދައުރަކަށް ކޯލިޝަން ހަދަން ވެސް އޮތީ ދައުވަތު ދީފަ އެވެ. އެ މަޝްވަރާގެ ދެ ބައްދަލުވުމެއް ބޭއްވިޔަސް ވާހަކަތައް މެދުކެނޑުނީ އީސީން ޕާޓީ އުވާލަން ނިންމި ނިންމުމާ ގުޅިގެންނެވެ.

ސިޔާސީ ޕާޓީއެއްގައި މެމްބަރުންގެ ތިބި އަދަދަކީ ގައުމު އިސްލާހުކުރުމުގައި މާ މުހިއްމު އަދަދެއް ނޫން ކަމަށް ވާހަކަ ދައްކާ އެމްއާރުއެމުން އިންތިހާބުގައި ވާދަކުރުމުގެ ވިސްނުމުގައި ތިއްބަސް އަދި ރަސްމީކޮށް ގޮތެއް ނުނިންމަ އެވެ.

އެމްއާރުއެމުން އިންތިހާބުގައި ވާދަކުރައްވާނީ ޕާޓީގެ ރައީސް ފާރިސް މައުމޫން ކަމަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް ވެސް ފެށި އެވެ. އެކަމަކު އިންތިހާބުގައި ވާދަކުރައްވާނެ ކަން ފާރިސް ރަސްމީކޮށް ވިދާޅެއް ނުވެ އެވެ.

ނާދިރާ ވިދާޅުވި ގޮތުގައި އިންތިހާބުގައި އެމްއާރުއެމް ވާދަކުރުމާ ގުޅޭ ގޮތުން ނުވަތަ ކޯލިޝަނަކާ އެކު ކުރިއަށް ދިޔައަސް ގޮތެއް ނިންމާނީ އެ ޕާޓީގެ ކައުންސިލުންނެވެ. މިހާތަނަށް އިންތިހާބުގައި ވާދަކުރުމާއި ނުކުރުމާ ގުޅޭ ގޮތުން ނިންމުމެއް ނެތް ކަަމަށް ވިދާޅުވި އެވެ.

އެމްއާރުއެމްއަކީ މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީ އެވެ. ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005 ގައި ދިނުމުން އެ މަނިކުފާނު އުފެއްދެވީ ޑީއާރުޕީ އެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމާ ހެދި އުފެއްދެވީ ޕީޕީއެމް އެވެ.

ޕީޕީއެމް ދޫކޮށްލައްވަން މައުމޫނަށް ޖެހިވަޑައިގަތީ، ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު މައްސަލަތަކުގަ އެވެ.

މައުމޫން އިސްލާހީ މަަސައްކަތް ފެއްޓެވީ ޕީޕީއެމްގެ ވެރިކަމުގައި އެ ޕާޓީގައި ހުންނަވައިގެންނެވެ. އެއީ އެ މަނިކުފާނު ޕާޓީއާ ދެކޮޅަށް ނުކުމެވަޑައިގެން އޭރުގެ އިދިކޮޅު (މިހާރު ވެރިކަން ކުރާ ކޯލިޝަން) އަށް ބައިއަތު ހިއްޕެވުން ކަމުގެ ހިތްހަމަނުޖެހުންތަކާ އެކު ކައުންސިލް ބައްދަލުވުމެއްގައި އެ މަނިކުފާނު މަގާމުން ވަކިކުރީ އެވެ.