Roadha Mihaaru
ތާރީހީ ދުވަހެއް، ރާއްޖޭގައި އައިވީއެފް ހަދަން ފަށައިފި

ތާރީހީ ދުވަހެއް، ރާއްޖޭގައި އައިވީއެފް ހަދަން ފަށައިފި

29 މެއި 2023

ޓްރީޓޮޕް ހޮސްޕިޓަލްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރާ އެކު، ރާއްޖޭގައި އައިވީއެފް ހަދަން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓްރީޓޮޕް ހޮސްޕިޓަލްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރާ އެކު، ރާއްޖޭގައި އައިވީއެފް ހަދަން މިއަދު ފަށައިފި އެވެ.

އެ ހިދުމަތް ފައްޓަވައިދެއްވީ، އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ މަނިކުފާނު ވަނީ، ގިނަ ދިވެހިންނަށް އުއްމީދެއް ގެނެސްދިން ހިދުމަތެއް ތައާރަފްކޮށްދިނީތީ ޓްރީޓޮޕް ހޮސްޕިޓަލަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުން އައިވީއެފް ހަދަން 3-4 ލައްކައެއްހާ ރުފިޔާ ހަރަދުކުރާ ކަމަށެވެ. ރާއްޖޭގައި އެ ފަރުވާ ލިބޭ ނަމަ، ވަޒީފާ އަދާކުރަމުން އަދި އާއިލާ ކައިރީގައި ތިބެގެން އެ ހިދުމަތް ހޯދުމުގެ މަގު ފަހިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ގުދުރަތީ ގޮތުން ދަރިން ލިބުމުގައި މައްސަލަ ދިމާވާ ނަމަ އެކަމަށް ދެން އޮތް ފަރުވާއަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. އޭގެ ތެރެއިން ރާއްޖޭގައި މިހާތަނަށް ވެސް ލިބުނީ އައިޔޫއައި ފަރުވާ އެކަންޏެވެ. އެހެންވެ، އައިވީއެފް ހެދުމަށް ބޮޑު ހަރަދެއް ކޮށްގެން ޖެހެނީ ރާއްޖެއިން ބޭރުން ފަރުވާ ހޯދާށެވެ. ގިނަ ދިވެހިން އައިވީއެފް ހަދަން ދަނީ އިންޑިއާ އަދި ސްރީ ލަންކާގެ ހޮސްޕިޓަލްތަކަށެވެ. އެ ތަންތަނުގައި ފަރުވާ ހޯދަން އެކަނި ވެސް އައިވީއެފްގެ ބުރަކަށް 2000-5000 ޑޮލަރު (30،840-77،100ރ.) ހޭދަވެ އެވެ. އޭގެ އިތުރުން ފަރުވާއަށް ގިނަ ދުވަހު ބޭރުގައި ހުރުމާއި ކެއުމަށް ބޮޑު ހަރަދެއް ހިނގަ އެވެ.

ޓްރީޓޮޕްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓްރީޓޮޕްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންވެ، އަމިއްލަ ގައުމުގައި ތިބެގެން މި ހިދުމަތް ހޯދުމަށް ގިނަ ބަޔަކު ތިބީ އިންތިޒާރު ކުރަމުންނެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވި ގޮތުގައި ފާޓިލިޓީ ސެންޓަރާއެކު މިއަދަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ދުވަހެއް ކަމަށެވެ.

މިލިއަނެއްހާ ޑޮލަރު (15.4 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ގާއިމްކުރި ސެންޓަރުން ރާއްޖޭގައި އެ ހިދުމަތް ދެނީ 46،000ރ. އަށެވެ.

ޓްރީޓޮޕްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓްރީޓޮޕްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އައިވީއެފް ހަދަން ޓްރީ ޓޮޕުން ފެށީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެންނެވެ. އެ ތަނުގައި އިސްކޮށް މަސައްކަތް ކުރައްވާނީ ވެސް ރާއްޖޭގެ ފުރަތަމަ ފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ޒާކިޔާ އަހުމަދެވެ.

އާދިލް މީގެ ކުރިން "މިހާރު" އަށް ވިދާޅުވީ، ދަރިމައިވުމުގެ މައްސަލަތަކަށް އެ ހޮސްޕިޓަލުން ގެނެސްދެނީ މުޅި މައްސަލައަށް ފުރިހަމަ ހައްލެއް ކަމަށެވެ.

"އަޅުގަނޑުމެން މި ގެންނަނީ ހާފް ސޮލިއުޝަނެއް ނޫން. ފުލް ސޮލިއުޝަން މި ގެންނަނީ ކޮންސަލްޓޭޝަނުން ފެށިގެން ސާޖަރީ ހެދިގެން. އަޅުގަނޑުމެން އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އަށް ބަލައިގެން މި ކަން ފަށާފައިވާނީ. އެހެންވީމަ މި ބަލަނީ މިއީ ހަމަ އެފޯޑްބްލް ކަމެކޭ." އާދިލް ވިދާޅުވި އެވެ.